އެމީހެއްގެ ޙަޔާތުގެ ހުރިހާ މަރުޙަލާތަކެއްގައި އެއްވަރަކަށް އަޅުކަންކުރުމަކީ ވަރަށް މަދު މީހަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. މާނައަކީ ޢުމުރުގެ ހުރިހާ ދުވަސްތަކެއްގައި އެއްވަރަކަށް އަޅުކަން ކުރުމަކީ ކުރަން އެހައިފަސޭހަކަމެއް ނޫނެވެ. ޚާއްޞަކޮށް މިފަދަ ޒަމާނެއްގައި (މިހައި ފަހުގެ ޒަމާނެއްގައި) އެކަނބކުރުން ވާނީ ވަރަށް ދަތި އަދި އުނދަގޫކަމަކަށެވެ.
މިހެން މިބުނަނީ އެންމެ ޒުވާން ޢުމުރުގައި އެހައިގިނައިން އަޅުކަންކުރުމަކީ ގިނަބައަކަށް ފަސޭހަކަމަކަށް ނުވާނެތީއެވެ. އެހެންވެ ޒުވާން ޢުމުރުގައި އަޅުކަންކުރާވަރަށްވުރެ މެދު ޢުމުރުގައި އަޅުކަންކުރުން ގިނަވެއެވެ. އަދި މުސްކުޅި ޢުމުރުގައި ބޮޑުތަނުން ގިނަކުރެވެއެވެ.
އެހެންވެ ބުނެލަން ބޭނުންވަނީ އަޅުކަންކުރުމުގައި ތިމާ ކުރިއަށްދާން ބޭނުންވާގޮތުގެ ލަނޑުދަނޑިތަކެއް ކުރިއާލައި ކަނޑައަޅާށެވެ. ތިމާއަށް ކުރެވޭނެ މިންވަރަށް އެކަންކަން ކަނޑައަޅާށެވެ. އަދި އެކަނޑައަޅާ މިންވަރަށް ކޮންމެ ގޮތަކުން ނަމަވެސް ޢަމަލުކުރާށެވެ!
މިޘާލަކަށް ރޭއަޅުކަން މިހާރު 2 ރަކްޢަތުން ކުރާނަމަ އެއަށްވުރެ ގިނަކުރާނެ ގޮތުގެ ތާވަލެއް ރާވާށެވެ. ޟުޙާ ނަމާދު މިހާރު ނުކުރެވޭނަމަ ކުރަން ފަށާނެ ދުވަހެއް ކަނޑައަޅާށެވެ. އަދި ސުންނަތް ރޯދަތައް ހިފުމުގައިވެސް މިފަދަ ގޮތްތައް ރާވާށެވެ.
އެހެނަސް ވިސްނަންޖެހޭނެ ކަމެއް އެބައޮތެވެ. ޢުމުރުން ދުވަސްވުމުން ކުރަން ފަށާނެ ކަންކަން ނުބަހައްޓާށެވެ. އެއީ ދުނިޔޭގައި ހުރެވޭނީ ކިހައި ދުވަހަކުކަން ނުއެނގޭނެތީއެވެ. ވީމާ ހުރިހާ ކަމެއްވެސް އެންމެ ޒުވާން ޢުމުރުން ފެށިގެންވެސް ކޮންމެވެސް މިންވަރަކަށް ކުރަން މަސައްކަތްކުރަން ވާނެއެވެ.
އެގޮތުން މިހާރު ދަމުނަމާދާއި ޟުޙާ ނަމާދު ނުކުރެވޭނަމަ އެންމެ ރަކްޢަތުން ނަމަވެސް އަވަހަށް ކުރަންފަށާށެވެ. ކުރެވޭ ވަރަކުން އިތުރުކުރާނީއެވެ. ސުންނަތް ރޯދަތައްވެސް ހިފަން ފަށާށެވެ. ފަހުން އިތުރުކުރަމުން ގެންދާނީއެވެ.
މިފަދަ ވިސްނުމެއްގައި މަސައްކަތްކޮށްފިނަމަ އެންމެ ޒުވާން ޢުމުރުން ފެށިގެން ތިމާ ހުންނާނީ އަޅުކަމުގައި ވަރަށް ބޮޑަށް ޝާމިލުވެފައެވެ. ދެން އޮންނާނީ އިތުރަށް ފުރިހަމަކުރުމެވެ. މިބުނި މަގުން ޢަމަލުކޮށްފި މީހަކަށް އަޅުކަމާއިގެން އިތުރަށް ކުރިއަސްދާނެ މަގުތައް ﷲ ތަޢާލާ ދައްކަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
އަޅުކަންކުރުމުގައި ތިމާ ކުރިއަށްދާން ބޭނުންވާގޮތުގެ ލަނޑުދަނޑިތަކެއް ކަނޑައަޅައި އެކަނޑައަޅާ މިންވަރަށް ކޮންމެ ގޮތަކުން ނަމަވެސް ޢަމަލުކުރާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ