ރާއްޖެ އަކީ މިހާރުގެ ހާލަތަށް ބަލާއިރު ފުޓްސަލްގެ ގައުމެއް ކަމަށާއި އެންމެ މަގުބޫލުކަން ބޮޑު ކުޅިވަރެއްގެ ގޮތުގައި ވެސް ފެންނަން އޮތީ ފުޓްސަލް ކަމަށް ވުމާ އެކު، ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތް ކާމިޔާބުކުރަން ވަރަށް މަސައްކަތް ކުރާނެ ކަމަށް ގައުމީ ފުޓްސަލް ޓީމުގެ ތަރި، އިޝާން އިބްރާހިމް (ސައްޓު) ބުނެފި އެވެ.
ބެންކޮކް/ނޮންތަބުރީގައި މިހާރު ކުރިއަށްދާ ސާފްގެ އަންހެން އަދި ފިރިހެން ފުރަތަމަ ފުޓްސަލް މުބާރާތުގައި މިހާތަނަށް ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވި ހަމައެކަނި ޓީމަކީ ރާއްޖޭގެ ގައުމީ ފިިރިހެން ފުޓްސަލް ޓީމެވެ. ފުރަތަމަ މެޗުގައި، 7-1 އިން ޕާކިސްތާން އަތުން މޮޅުވި ރާއްޖެ މިއަދު ވަނީ ބަންގްލަދޭޝް އަތުން ވެސް މޮޅުވެފަ އެވެ.
ދެ މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ރާއްޖެ އެއް ވަނައިގައި އޮތްއިރު، ދެ ވަނައިގައި އޮތް ނޭޕާލާއި ތިން ވަނައިގައި އޮތް ޕާކިސްތާނަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ނޭޕާލުން އެއް މެޗުން ތިން ޕޮއިންޓް ހޯދިއިރު، ޕާކިސްތާން ވަނީ ދެ މެޗު ކުޅެފަ އެވެ.
ރޭ 6-1 އިން ބަންގްލަދޭޝް އަތުން މޮޅުވި މެޗުގެ މޮޅު ކުޅުންތެރިޔާ، ސައްޓު، މެޗަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ބުނީ، ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތް ވުމުން ޗެމްޕިއަންކަން ހޯދުން ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ.
"ރާއްޖެ އަކީ މިހާރު އަނެއް ހެން ބުނަންޏާ ފުޓްސަލްގެ ގައުމެއް، ފުޓްސަލް އެންމެ މަގުބޫލު ކުޅިވަަރަކީ ފުޓްސަލް. އެހާ ވަރަށް ފުޓްސަލް އަށް ބަރޯސާވެފައި އޮތް ގައުމެއްގައި މި ރީޖަންގައި ފުރަތަމަ މުބާރާތް ކާމިޔާބު ކުރަން އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ، ކުރެއްވިއްޖިއްޔާ އިތުރަށް ފުޓްސަލް ދިވެހިރާއްޖޭގައި ކުރިއަށް ލިބޭ ފުރުސަތެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ސައްޓު ބުންޏެވެ.
ސައްޓު ބުނީ، ފުރަތަމަ ދެ މެޗުން ހަ ޕޮއިންޓް ލިބުމަކީ، ސާފް ފުޓްސަލް މުބާރާތް މި ކުރިއަށްދާ ލީގު އުސޫލުން ކުޅޭ މުބާރާތެއްގައި ކުރިއަށް ދިއުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"ވަރަށް ހިތްހަމަޖެހޭ އަސްލު، ޓީމު ވެސް ވަރަށް ކޮންފިޑެންސް ލެވަލް ރަނގަޅަށް އިނީ އިރާދަކުރެއްވިއްޖިއްޔާ، އަޅުގަނޑުމެން މި އެކްސްޕެކްޓް ކުރަނީ އިންޑިއާ މެޗު ޓަފްވާނެ ކަމަށް އިރާދަކުރެއްވިއްޔާ އިންޑިއާ މެޗަށް ވެސް ނުކުންނާނީ ތިން ޕޮއިންޓަށް އޭރަށް އަޅުގަނޑަށް ހީވަނީ ވަރަށް ރަނގަޅަށް ކަންނޭނގެ އިންނާނީ، އަޅުގަނޑުމެން މި އުންމީދުކުރާ ކާމިޔާބާ ހަމައަށް ދިއުމަށް އެޅުމަށް އެޅޭ އިތުރު ފިޔަވަޅަކަށް ވާނެ. ދެން، އިން ދެ މެޗުން ތިން ޕޮއިންޓް ނެގިއްޖިއްޔާ،" ސައްޓު ބުންޏެވެ.
ރާއްޖެ އަށް ދެން އޮތީ އަންނަ ހޯމަ ދުވަހު އިންޑިއާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެެެވެ.
ސައްޓު ބުނީ ވަރުގަދަ ދެ މެޗު ކުޅެފައި ތިން ދުވަހުގެ ބްރޭކެއް ލިބުމަކީ ވެސް ރަނގަޅެއް ކަމަށެވެ.
"މި ތިން ދުވަހަކީ ޓީމު އެއްކޮށް ރިކަވާ ކުރަން ލިބޭ ރަނގަޅު ޕީރިއަޑެއް، އިރާދަކުރެއްވިއްޔާ ރަނގަޅު ރިކަވަރީއަކާ އެކު، ދެން، އިން މެޗަށް ނިކުންނާނީ،" ސައްޓު ބުންޏެވެ.
އިންޑިއާ މެޗަށް ފަހު، ރާއްޖެ އަށް ދެން އޮންނާނީ ނޭޕާލާއި ސްރީ ލަންކާ އަދި ބޫޓާނާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ. ނޭޕާލާއި މި މަހު 22 ވަނަ ދުވަހު ކުޅޭއިރު، ބޫޓާނާ ދެކޮޅަށް މި މަހު 24 ގައި ކުޅޭނެ އެވެ. އަދި، ފަހު މެޗުގައި ލަންކާއާ ކުޅޭނީ މި މަހު 26 ވަނަ ދުވަހު އެވެ.
ރާއްޖެ އަކީ މިހާރު ފުޓްސަލްގެ ގައުމެއް: ސައްޓު ރާއްޖެ އަކީ މިހާރު ފުޓްސަލްގެ ގައުމެއް: ސައްޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ