ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ ދަރިންގެ ބައްޕައަކީ ނުވަތަ މަންމައަކީ ތިމާކަމަށްވުމުން ތިމާ ބޭނުންވާ ކޮންމެ ދުވަހަކުވެސް ދަރިންގެ ލޯތްބާއި އަޅައިލުން ލިބޭނެ ކަމަށެވެ. ނަމަވެސް އެއީ ވަރަށް މަދުން މެދުވެރިވާނެ ކަމެކެވެ. ތިރީގައިވާ ޙާދިސާ ވިދާޅުވެލައްވާށެވެ! މިބަހުގެ ޙަޤީޤަތް އެނގިލައްވާނެއެވެ. އިން ޝާ ﷲ
އަޅުގަނޑުގެ އަނބިމީހާ އަޅުގަނޑާ ވަކިވީ ކައިވެންޏަށް 12 އަހަރުގައެވެ. އެއިރު 3 ދަރިން ލިބިފައިވެއެވެ. އަނބިމީހާ ވަކިވެގެން ދިއައީ 3 ދަރިންވެސް ގޮވައިގެންނެވެ. ދަމުން އަޅުގަނޑާއި ދިމާއަށް ބުނީ އެކުގައި އުޅުނު 12 އަހަރުވެސް އޭނާގެ ލޯބިވެރިއަކު ހުންނަ ކަމަށާއި ދަރިންނަކީވެސް އޭނާގެ ދަރިން ކަމަށެވެ.
އަޅުގަނޑު ދަރިންކަމުގައިދެކެގެން ގެންގުޅެ ބޮޑުކުރި ދަރިންކޮޅުވެސް ގެއްލުނީއެވެ. އަދި ލޯބިވާކަމަށް ހީކޮށް އެމީހަކަށްޓަކައި ޤުރްބާންވި އަނބިމީހާވެސް ގެއްލުނީއެވެ. ގޭގައި އެކަނިވީއެވެ. ވަރަށް ހިތްދަތި ޙާލުގައި އުޅެމުންދަނިކޮށް 3 މަސް ފަހުން އަނބިމީހާ 3 ދަރިން ގެނައެވެ. ބުނީ ކުދިން ބޭނުންވަނީ ކަލެއާއިއެކު އުޅެން ކަމަށްވުމުން 3 ދަރިން ހަދިޔާކުރީކަމަށެވެ. އެއްވެސް އިތުރު ވާހަކައެއްވެސް ނުދައްކައި ނުކުމެގެން ދިއައީއެވެ.
އެ 3 ދަރިންގެ އަޞްލް ބައްޕައަކީ އެހެން މީހެއް ނަމަވެސް އަދި ނުއެނގިހުރެ ނަމަވެސްއަޅުގަނޑު އެ 3 ދަރިން ގެންގުޅެ ބޮޑުކުރީ ވަރަށް ލޯބިންނެވެ. އެހެންވެ އަޅުގަނޑު ޤަޞްދުކުރީ 3 ދަރިން ހަމަ ކުރިއެކޭ އެއްފަދައިން ގެންގުޅޭށެވެ.
ކުދިން ހަމައެކަނި ގެންގުޅުނީއެއްވެސް ނޫނެވެ. ކުރިއަށްވުރެ ބޮޑަށް ލޯބިދިނީމެވެ. ހަފްތާ ބަންދުގައި ކޮންމެވެސް ތަނަކަށް ދަތުރު ގެންދަމެވެ. ގުޅުމާލެއަށް، ވިލިމާލެއަށް، އާޓިފިޝަލް ބީޗަށް ނުވަތަ އެހެން ކޮންމެވެސް ތަނަކަށް ނަމަވެސް އެކުގައި ދަމެވެ.
އަދި ކުދިން ބަލަން އަންހެނަކުވެސް ގެއަށް ގެނައިމެވެ. އޭނާގެ 2 ދަރިންނާއިވެސް އެކުގައެވެ. އެހިސާބުން އަޅުގަނޑުވެގެންދިއައީ 5 ކުދިންގެ ބައްޕައަކަށެވެ. އެއީ އޭނާގެ 2 ކުދިންވެސް އަޅުގަނޑުގެ 3 ކުދިންނާއި އެއް ގޮތަކަށް ބަލަހައްޓާތީއެވެ.
2 އަހަރެއްހައިދުވަސްފަހުން އެއަންހެން މީހާ އާއި ކައިވެނިކުރީމެވެ. އަޅުގަނޑަކީވެސް ޞިއްޙަތު ސަލާމަތުން ހުރި ފިރިހެނަކަށްވުމުން އަންތބަކަށް ބޭނުންވާތީއެވެ. އެހެން އަންހެނަކު ގެއަށް ވައްދައިފިނަމަ ކުދިން ހިތްހަމަނުޖެހޭނެ ފަދަ ކަމެއް މެދުވެރިދާނެ ކަމުގެ ބިރަށެވެ.
އެއީ ވަރަށް ނިކަމެތި އަންހެނެކެވެ. ނަމަވެސް ހެޔޮކަމަށް ބަލައިފިނަމަ ޖަވާހިރެއް ފަދަ އަންހެނެކެވެ. އުޅުންހުރި އަންހެނެކެވެ. ލިބޭ މިންވަރުން ފުއްދައިގެން ދިރިއުޅެން ދަންނަ އަންހެނެކެވެ. އޭނާ އާއި ކައިވެނިކުރީ ހަށިގަނޑުގެ ސިފައަށް ބަލައިގެނެއް ނޫނެވެ. މިބުނި ކަންކަމަށް ބަލައިގެންނެވެ.
އެގޮތަށް ބަލައިގެން ކައިވެނިކުރުމުންވެސް ލޯބި އުފެދުނެވެ. ދެމީހުންގެ މެދުގައި ލޯބީގެ ގުޅުން އިންތިހާއަށް ބޮޑުވެގެން ދިއައެވެ. ނަތީޖާއެއްގެ ގޮތުން ގޭގައި އޮންނަނީ އުފާވެރިކަމެވެ.
ކުރީގެ އަނބިމީހާ ގެއިން ނުކުމެގެންދިއަތާ 6 ވަނަ އަހަރު، ހުކުރު ދުވަހަކު ހެނދުނު ގެއަށް އައެވެ. އޭނާ އާއި ވާހަކަ ދެއްކީ އޭނާގެ 3 ދަރިންނެވެ. އެންމެ ދޮށްޓަށް ހުރީ ފިރިހެން ދަރިފުޅެކެވެ. އޭނާ ގާތު މަންމަ ބުނީ މިއައީ ދަރިންނާއި ވަކިން އުޅެން އުނދަގޫވެގެން ދަރިންނާއިއެކުގައި އުޅެންކަމަށެވެ. ދަރިފުޅުގެ ޖަވާބަކަށްވީ ތިއަ ދައްކަނީ "އައުޓް ޑޭޓެޑް، އެކްސްޕަޔަރޑް" ވާހަކަތަކެއް ކަމަށެވެ. އަދި އެކުދިން މިހާރު ވަނީ ތިއަ މަންމަގެ ހަނދާންތައްވެސް "ޑިލީޓްކޮށްފައި" ކަމަށެވެ.
ދަރިފުޅު އެފަދަ ބަސްތަކެއް ބޭނުންކުރުމުން ހައިރާންވެސް ވިއެވެ. އަޅުގަނޑަށް ވިސްނުނީ މިއީ އަތުވެދާނެ ދުވަހެއްކަމަށް ކުރިންވެސް ވިސްނައި ދޭނެ ޖަވާބުވެސް ދަސްކޮށްގެން ހުރީ ކަމަށެވެ. އެހެންވެ އެއްޗެއް ނުބުނަމެވެ.
ބުނާނެ އެއްޗެއް ނުއެނގުމުން މަންމަ ބުނީ ތިއައީ އަޞްލު ބައްޕަވެސް ނޫން ކަމަށެވެ. ދަރިފުޅުގެ ޖަވާބަކަށްވީ ތިއައީ ފޭކް މަންމައެއް ކަމަށެވެ. އަޞްލް މަންމައަކު ދަރިން އަޞްލް ނޫން ބައްޕައެއްގެ ބޮލަށްވެސް އަޞްލް ބައްޕައެއްގެ ބޮލަށްވެސް ދަރިން ނުޖަހާނެ ކަމަށެވެ.
ބަހުސް މާހޫނުވާން އުޅޭހެން ހީވުމުން އަޅުގަނޑުގެ އަންތބެއް އެބައިން ކަމަށްބުނެ ހެކިދެއްކުމުގެ ގޮތުން އަނބިމީހާ އެތަނަށް ގެނުވީމެވެ. އަދި މިގޭގައި އިތުރު ޖާގައެއް ނެތްކަމަށާއި ރަނގަޅުވާނީ އަވަހަށް މިގެއިން ދިއުންކަމަށްވެސް ބުނީމެވެ.
އޭނާއަށް ރޮވުނެވެ. ކުރެވުނީ ވަރަށް ބޮޑުކުށެއްކަމަށްބުނެ ވާހަކަ ދައްކަން ފެށުމުން ދަރިން ފެށީ ހޭނށެވެ. އޭނާއަށް ޖެހުނީ ރޮމުން ގެއިން ނުކުމެގެންދާށެވެ. އަޅުގަނޑު އޭނާ ހުއްޓުވަން ބޭނުންވިއެވެ. އެއީ އޭނާއަށް އެހީތެރިވާނެ އޭނާގެ ޢާއިލާގެ މީހަކު ނުހުންނާނެކަން އެނގޭތީއެވެ. ނަމަވެސް ދަރިން އެކަން ޤަބޫލުނުކުރާނެތީ އަޅައެއް ނުލަމެވެ. ކެތްތެރިވީއެވެ.
އަޅުގަނޑުގެ ދެވަނަ ކައިވެންޏަށް 20 އަހަރުފުރުން ފާހަގަކުރި ހަފްލާގައި ގިނައީ ކާފަދަރިންނެވެ. އަނބިމީހާގެ 2 ދަރިންނާއި "އަޅުގަނަޑުގެ" 3 ދަރިން އުޅެނީ އެއްބަނޑުއެއްބަފާ ކުދިންގެ ގޮތުގައެވެ. އަޅުގަނޑުގެ ދެވަނަ އަނބިމީހާއަކީ ދަރިންނަށްވެސް އަދި އަޅުގަނޑަށްވެސް ހިނިތުންވުން ނޫން ކަމެއް ކުރަންދަންނަ އަންހެނެއް ނޫނެވެ. އެހެންވެ ދަރިންނަށްވެސް ދަސވެފައިވަނީ ހަމަ އެގޮތެވެ.
އަޅުގަނޑުގެ ޙަޔާތުގައި ކަންކަން މިދިމާވީ ވަރަށް އާދައާއި ޚިލާފް ގޮތަކަށެވެ. އޮތީ ހަމަ އެންމެ ކަންބޮޑުވުމެކެވެ. ދުނިޔެ ދޫކުރުމުން ހެޔޮދުޢާކޮށްދޭނެ އަޞްލު ދަރިއަކު ނެތްކަމެވެ. ނަމަވެސް ދެރައެއް ނުވެއެވެ. އަޅުގަނޑު އުންމީދުކުރަނީ އަޅުގަނޑު ގެންގުޅެ ބޮޑުކުރި ދަރިންގެ ދުޢާއިން އަޅުގަނޑަށް ފައިދާކުރާނެކަމަށެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ދިރިއުޅުމަކީ ހަނގުރާމައެއްކަމަށްވަނީ މިފަދަ ކަންތައތަކާއި ކުރިމަތިލާންޖެހޭތީއެވެ. އަޅުގަނޑަށް ކުރިމަތިލާން މިޖެހުނީ ވަރަށް އާދައާއި ޚިލާފް ކަންކަމާއިއެވެ. ނަމަވެސް ކެތްތެރިކަމާއިއެކު ކުރިމަތިލުމުން ދެއްވެވި ނިޢްމަތުގެ ކޮޅެއްވެސް ނެތެވެ.
އަދި އެއްކަންތައް ފާހަގަކޮށްލާނަމެވެ. އަޅުގަނޑު 5 ދަރިން ބަލަންފެށިއިރު އަޅުގަނދަކީ ކަންމަތީ ފިހާރައެއް ހިންގަމުން އައިމީހެކެވެ. ދިރިއުޅުމީ މައިްބަފައިންގެ ބިމުން ލިބުނު 400 އަކަފޫޓޫގައި ދެބުރިއަށް ތަންކޮޅެއް ހަދައިގެންނެވެ. ނަމަވެސް މިއަދު އަޅުގަނޑަކީ މަހަކު މަދުވެގެން 10 ވަރަކަށް ކޮންޓޭނަރުގެ މުދައު އެތެރެކޮށް ވިއްކާ މީހެކެވެ. ހުޅުމާލޭގައި 2000 އަކަފޫޓުގެ 2 ބިމުގައި ވަނީ ޢިމާރާތް ކުރެވިފައެވެ. ވީމާ ހެޔޮ ގޮތުގައި އެހެންމީހުންގެ ދަރިން ބެލުމަކީވެސް ރަޙްމަތް ލައްވަވާކަމެއްކަން މިވަނީ ތަޖުރިބާކުރެވިފައެވެ.
- މޫސާ / މިއަދުނޫގެ ކިޔުންތެރިއެއް
ޢިބްރަތްތެރި ވާހަކަ: ދަރިންގެ ބާރުހިނގާދުވަހު ބަލާނީ އަޞްލު ބައްޕަ ނުވަތަ މަންމަތޯއެއް ނޫންކަމާ އެކުދިންނަށް އަޅާލައި އެހީތެރިވި މިހާއަށްކަން އެނގިގެންދާ ޢިބްރަތްތެރި ފިލާވަޅެއް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ