ރޭގަނޑުގައި ކުރެވޭ އެންމެ މަތިވެރި ސުންނަތް ނަމާދުކަމުގައިވާ ވިތުރި ކުރަން އެންމެ ފުރިހަމަ ގޮތް-

"ވިތުރިކުރަން އެންމެ ފުރިހަމަ ގޮތަކީ ކޮބައިތޯ؟  
ކުރެވޭ ސުވާލުގެ ޖަވާބުގައި ދަންނަވާލަން އޮތީ ޝައިޚް އާދަމް ޝަމީމްގެ ތިރީގައި އެވާ ލިޔުން ވިދާޅުވާށެވެ! ބޭނުންފުޅުވާ ޖަވާބު ލިބިވަޑައިގަންނަވާނެއެވެ. އިން ޝާ ﷲ  
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ވިތުރީގެ މާނައަކީ އޮނަހިރި އަދަދެވެ. ކޮންމެ ހިރިއަދަދެއްގައި އެކެއް އިތުރު ކުރުމުން އެޢަދަދެއް ވިތުރިކުރެވުނީއެވެ. ވީމައި ވިތުރިކޮށް ކުރުމަށް އަންގަވާފައިވާ ކަންތައްތަކުގެ މާނައަކީ: އެކެއް ނުވަތަ ތިނެއް ނުވަތަ ފަހެއް މިފަދައިން އޮނަހިރި ޢަދަދަކުން ކުރުމެވެ.
މިތަނުގައި ސުވާލަކީ ވިތުރީގެ ނަމާދެވެ. ވިތުރީގެ ނަމާދަކީ ރޭގަނޑުގައި ކުރެވޭ އެންމެ މަތިވެރި ސުންނަތް ނަމާދެވެ. ވިތުރީގެ ނަމާދު ނޭޅުމަށާއި އެނަމާދަށް ރައްކާތެރިވުމަށް ކައުއިތުރު ނަބިއްޔާ صلى الله عليه وسلم އިރުޝާދު ދެއްވައި ވަޞިއްޔަތް ކުރައްވާފައިވެއެވެ. އެކަމަށްޓަކައި ބައެއް ޢިލްމުވެރިން ވިތުރީގެ ނަމާދަކީ ވާޖިބެއްކަމުގައިވެސް ވިދާޅުވެފައިވެއެވެ. ނަމަވެސް ބޮޑަށް ރަނގަޅު ބަހަކީ ވިތުރިއަކީ ގަދަވެގެންވާ ސުންނަތެކެވެ. ވާޖިބެއް ނޫނެވެ.
ވިތުރީގެ ވަގުތަކީ އިޝާ ނަމާދު ނިމުނީއްސުރެ ފަޖުރު ލައިފުމަށް ދާންދެނެވެ. ވިތުރި ކުރެވޭނީ އިޝާ ވަގުތު ވުމުންނެވެ. އަދި ފަތިސްނަމާދުގެ ބަންގިއާއި އެކުގައި ވިތުރީގެ ވަގުތު ނިމުނީއެވެ. ވީމައި މި ދެވަގުތުގެ ތެރޭގައި ވިތުރި ކޮށްފި މީހަކު އެ އަޅުކަން އަދާކޮށްފިއެވެ. خَارِجَةَ بْنِ حُذَافَةَ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރެއްވިއެވެ. ((إِنَّ اللَّهَ أَمَدَّكُمْ بِصَلَاةٍ وَهِيَ الْوِتْرُ جَعَلَهُ اللَّهُ لَكُمْ فِيمَا بَيْنَ صَلَاةِ الْعِشَاءِ إِلَى أَنْ يَطْلُعَ الْفَجْرُ)) (أبو داود والترمذي وابن ماجه )، މާނައަކީ: “ހަމަކަށަވަރުން މާތް ﷲ ތިޔަބައިމީހުނަށް ނަމާދެއް ކަނޑައަޅުއްވާފައިވެއެވެ. އެއީ ވިތުރިއެވެ. އެނަމާދު މާތް ﷲ ލައްވާފައިވަނީ ޢިޝާ ނަމާދުން ފެށިގެން ފަޖުރުލުމާއި ދެމެދުގައެވެ.” މިހަދީޘަކީ ޞައްޙަ ހަދީޘެއް ކަމުގައި الألباني ވިދާޅުވެފައިވެއެވެ. (السلسلة الصحيحة، ج 1، ص 221).
އިޝާ ނަމާދަށް ފަހުގައި ނިދުމުގެ ކުރިން މިނަމާދު ކުރަން ބޭނުން މީހަކަށް ކުރެވިދާނެއެވެ. ނަމަވެސް އެއްމެ މާތްވެގެންވާ ވަގުތަކީ ދަންވަރުއެވެ. ދަމުނަމާދަށް ހޭލާ މީހެއް ނަމަ ނުވަތަ ހޭލެވޭނެކަމުގެ އުންމީދު އޮތް މީހަކަށް ނަމަ ދަމުނަމާދަށް ފަހުގައި ނުވަތަ ދަންވަރުގައި ކުރުން އިތުރުވެގެން ވެއެވެ. ޞަޙީޙް މުސްލިމްގައި جابر رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރެއްވިއެވެ. (( مَنْ خَافَ أَنْ لا يَقُومَ مِنْ آخِرِ اللَّيْلِ فَلْيُوتِرْ أَوَّلَهُ، وَمَنْ طَمِعَ أَنْ يَقُومَ آخِرَهُ فَلْيُوتِرْ آخِرَ اللَّيْلِ، فَإِنَّ صَلاةَ آخِرِ اللَّيْلِ مَشْهُودَةٌ وَذَلِكَ أَفْضَلُ)) مسلم (755). މާނައަކީ: “ރޭގަނޑުގެ ފަހުބައިގައި ނުތެދުވެވިދާނެކަމުގެ ބިރު އޮތް މީހަކު ނަމަ ރޭގަނޑުގެ ކުރީބައިގައި (އިޝާއަށް ފަހު، ނިދުމުގެ ކުރިން) ވިތުރީގެ ނަމާދު ކުރާށެވެ! ރޭގަނޑުގެ ފަހުބައިގައި ތެދުވެވޭނެ ކަމުގައި އުންމީދު އޮތް މީހެއް ނަމަ ރޭގަނޑުގެ ފަހުބައިގައި ވިތުރީގެ ނަމާދު ކުރާށެވެ! ރޭގަނޑުގެ ފަހުބަޔަކީ މަލާއިކަތުން ޙާޟިރުވާ ވަގުތެވެ. އެއީ މޮޅު އިތުރު ގޮތެވެ.”
އެއްގޮތަކީ ވިތުރީގެ އެއްމެ މަދު މިންވަރެވެ. އެއީ އެއް ރަކުޢަތެވެ. ابْن عُمَر رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. رسول الله صلى الله عليه وسلم ހަދީޘްކުރެއްވިއެވެ. ((الْوِتْرُ رَكْعَةٌ مِنْ آخِرِ اللَّيْلِ )) صحيح مسلم މާނައަކީ: “ވިތުރިއަކީ ރޭގަނޑުގެ ފަހުބައިގައި ކުރެވޭ އެއްރަކުޢަތެވެ.” ދަމުނަމާދު ކުރާ މީހަކު ދަމު ނަމާދު ނިމުނުން އެއްމެ ފަހުގައި އެއް ރަކުޢަތް ކުރުމުން ދަމު ނަމާދާއި އެކުގައި ވިތުރި ކުރެވުނީއެވެ. އަދި ދަމު ނަމާދާއި ނުލައި ހަމައެކަނި އެއްމެ ރަކުޢަތެއް ކުރި ނަމަ ވިތުރި ކުރެވުނީއެވެ. رسول الله صلى الله عليه وسلم  ހަދީޘް ކުރައްވާފައި ވެއެވެ. (( صَلَاةُ اللَّيْلِ مَثْنَى مَثْنَى، فَإِذَا خَشِيَ أَحَدُكُمْ الصُّبْحَ صَلَّى رَكْعَةً وَاحِدَةً تُوتِرُ لَهُ مَا قَدْ صَلَّى)) البخاري ومسلم. މާނައަކީ: ” ރޭއަޅުކަން ވަނީ ދެރަކުޢަތުން ދެރަކުޢަތުންނެވެ. (ދެރަކުޢަތް ކޮށްފައި ސަލާންދީފައި އަނެއް ދެރަކުޢަތެވެ.) އަދި ފަތިސްވެދާނެ ކަމުގެ ބިރު ހީވެއްޖެ ނަމަ އިސްވެ ދިޔަ ރަކުއަތްތަކަށް ވިތުރީގެ އެއް ރަކުޢަތް ކުރާށެވެ!”
ދެވަނަ ގޮތަކީ އިސްވެ ދިޔަ ގޮތަށްވުރެ ފުރިހަމަ ގޮތެވެ. އެއީ ވިތުރީގެ ތިން ރަކުޢަތެވެ. ތިން ރަކުޢަތުން ކުރާނަމަ ދެގޮތަކަށް ކުރެވިދާނެއެވެ. އެއްގޮތަކީ ދެރަކުޢަތް ކޮށްފައި ސަލާން ދީފައި އެއް ރަކުޢަތް ކުރުމެވެ. މިގޮތަށް އިތުރުއެކަލޭގެފާނުން ވިތުރި ކުރެއްވި ކަމުގައި ابْن عُمَر رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ابن حبان (2435) ރިވާކުރައްވާފައި ވެއެވެ. އަދި الحافظ ابن حجر އެރިވާޔަތުގެ ސަނަދު ރަނގަޅު ކަމުގައި الفتح (2، 482) ގައި ވިދާޅުވެފައިވެއެވެ. އަނެއް ގޮތަކީ ތިން ރަކުޢަތް އެކުގައި ކުރުމެވެ. މިގޮތަށް ކުރާ އިރުގައި ފުރަތަމަ އައްތަޙިއްޔާތެއް ނޯންނާނެއެވެ. ހަމަ އެކަނި ތިންވަނަ ރަކުޢަތުގައި ފަހު އައްތަޙިއްޔާތާއި އެކުގައި ސަލާމްދޭނީއެވެ. މިގޮތަށް އިތުރުއެކަލޭގެފާނުން ވިތުރި ކުރެއްވި ކަމުގައި عائشة رضي الله عنها ގެ އަރިހުން النسائي (3، 234) އާއި البيهقي (3، 31) ރިވާކުރައްވާފައިއެވެ. އަދި އެ ރިވާޔަތުގެ ސަނަދުވެސް ރަނގަޅު އަދި ޞައްހަކަމުގައި އިމާމް އައްނަވަވީ ވިދާޅުވެފައިވެއެވެ. (المجموع (4، 7) . މިދެގޮތަށް ވެސް އިތުރުއެކަލޭގެފާނުންގެ އަރިހުން ސާބިތު ވެއެވެ.
ތިންވަނަ ގޮތަކީ: ފަސް ރަކުޢަތުން ނުވަތަ ހަތް ރަކުޢަތުން ވިތުރި ކުރުމެވެ. އެހެން ކުރާ އިރުގައި ހުރިހައި ރަކުޢަތެއް ކުރާނީ އެކުގައެވެ. އައްތަޙިއްޔާތު ކިޔާނީ ހަމަ އެކަނި ފަހު އައްތަޙިއްޔާތު އެކަންޏެވެ. ދެން ސަލާމްދޭނީއެވެ. މިފަދައިން عائشة رضي الله عنها ގެ އަރިހުން صحيح مسلم ގައި ރިވާވެފައި ވެއެވެ. ހަމަ އެފަދައިން أم سلمة رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. ((كان النبي صَلَّى اللَّهُ عَلَيْهِ وَسَلَّمَ يوتر بخمس وبسبع ولا يفصل بينهن بسلام ولا كلام )). މާނައަކީ: ” رسول الله صلى الله عليه وسلم ފަސް ރަކުޢަތުންނާއި ހަތް ރަކުޢަތުން ވިތުރި ކުރައްވައެވެ. އަދި ސަލާމަކުން ނުވަތަ ކަލާމަކުންވެސް ރަކުޢަތްތައް ވަކި ނުކުރައްވައެވެ.” އެބަހީ: ދެރަކުޢަތުގެ ދޭތެރޭގައި ސަލާމް ނުދެއްވައި އެކުގައި ކުރައްވާފައި އެއްމެ ފަހު ރަކުޢަތް ނިންމުމަށް ފަހުގައި މެނުވީ ސަލާމް ނުދެއްވައެވެ. މިހަދީޘް أحمد (6، 290) އާއި النسائي (1714) ދެބޭކަލުން ރިވާކުރައްވާފައިވެއެވެ. الإمام النووي އާއި الإمام الألباني ދެބޭފުޅުން މިހަދިޘް ޞައްހަ ކަމުގައި ވިދާޅުވެފައިވެއެވެ.
ހަތަރުވަނަ ގޮތަކީ: ނުވަ ރަކުޢަތުން ވިތުރި ކުރުމެވެ. އެގޮތަށް ކުރާ އިރުގައި އަށް ރަކުޢަތް ކޮށްފައި ފުރަތަމަ އައްތަޙިއްޔާތުކިޔާނީއެވެ. އަދި ސަލާމް ނުދީ ތެދުވެ ނުވަވަނަ ރަކުޢަތް ކުރާނީއެވެ. މިފަދައިން صحيح مسلم ގައި عائشة رضي الله عنها ގެ އަރިހުން ރިވާވެފައި ވެއެވެ.
އަދި ފަސްވަނަ ގޮތެއްކަމުގައި އެގާރަ ރަކުޢަތުން ވިތުރި ކުރެވިދާނެ ކަމުގައިވެސް އިލްމުވެރިން ވިދާޅުވެފައި ވެއެވެ. އެއީ އިސްވެ ދިޔަ (( صَلَاةُ اللَّيْلِ مَثْنَى مَثْنَى…)) އެހަދީޘްގައި ވާފަދައިން ދެރަކުޢަތުން ދެރަކުޢަތުން ސަލާމް ދެމުން ގޮސް ދިހަ ރަކުޢަތް ކުރާނީއެވެ. އެއަށް ފަހުގައި އެއް ރަކުޢަތް ވަކިން ކުރުމެވެ.
ވިތުރީގެ ތިން ރަކުޢަތުން ކުރެ ފުރަތަމަ ރަކުޢަތުގައި ކިޔާނީ “سبح اسم ربك الأعلى” ސޫރަތެވެ. ދެވަނަ ރަކުޢަތުގައި ” قل يأيها الكافرون” އެވެ. އަދި ތިންވަނަ ރަކުޢަތުގައި “قل هو الله أحد” އެވެ. އިތުރުއެކަލޭގެފާނުންގެ އަރިހުން މިފަދައިން ސާބިތު ވެއެވެ. أُبَيِّ بْنِ كَعْبٍ އާއި ابْنِ عَبَّاسٍ އާއި عَائِشَةَ އާއި އަދިވެސް އިތުރު އަޞްޙާބުންގެ އަރިހުން أبو داود، الترمذي، النسائي އަދި ابن ماجه ފަދަ ބޭފުން ނެރުއްވާފައިވެއެވެ.
ވިތުރީގެ ފަހުރަކުޢަތުގައި ބައެއް ފަހަރު ގުނޫތު ކިޔުމަކީ ސުންނަތެކެވެ. އެހެން އިބާރާތަކުން ނަމަ ދުޢާ ކުރުމެވެ. ޤިރާއަތަށް ފަހުގައި ރުކޫއު ކުރިން ނުވަތަ ރުކޫޢިން ތެދުވެ އިއުތިދާލުގައި، މިދެ ތަނުގައި ވެސް ވިތުރީގެ ގުނޫތު ނުވަތަ ދުޢާ ކުރެވިދާނެއެވެ. ޢާންމުކޮށް ރުކޫޢުފަހުން ކުރެވުނު ނަމަވެސް ސުންނަތުގައި ދެގޮތަށްވެސް ވާރިދުވެފައި ވެއެވެ. އަދި އެވަގުތުގައި ކިޔާނެ ދުޢާއެއް ކަމުގައި އިތުރުއެކަލޭގެފާނުން އެކަލޭގެފާނުންގެ ކާފާ ދަރިކަލުން الْحَسَنُ بْنُ عَلِيٍّ رَضِيَ اللَّهُ عَنْهُمَا އަށް ގުނޫތުގައި ކިޔާނެ ދުޢާއެއް ގޮތުގައި ދަސްކޮށްދެއްވާފައިވާ ދުޢާ އަކީ: ((اللَّهُمَّ اهْدِنِي فِيمَنْ هَدَيْتَ وَعَافِنِي فِيمَنْ عَافَيْتَ وَتَوَلَّنِي فِيمَنْ تَوَلَّيْتَ وَبَارِكْ لِي فِيمَا أَعْطَيْتَ وَقِنِي شَرَّ مَا قَضَيْتَ إِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ وَإِنَّهُ لَا يَذِلُّ مَنْ وَالَيْتَ وَلَا يَعِزُّ مَنْ عَادَيْتَ تَبَارَكْتَ رَبَّنَا وَتَعَالَيْتَ)) މިހަދީޘް أبو داود އާއި الترمذي އާއި النسائي އަދި ابن ماجه ސައްހަމަގުން ރިވާކުރައްވާފައިވެއެވެ. އަދި الإمام الألباني މިހަދީޘް ޞައްހަ ކަމުގައި ވިދާޅުވެފައިވެއެވެ. (صحيح أبي داود، (ج 5، ص 168) އަދި صفة الصلاة (ج 1، ص 180). އަދި عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ ގެ އަރިހުން އެހެން ދުޢާއެއްވެސް ރިވާވެފައި ވެއެވެ. ވިތުރީގައި ވިދާޅުވެއެވެ. ((اللَّهُمَّ إِنِّي أَعُوذُ بِرِضَاكَ مِنْ سُخْطِكَ وَبِمُعَافَاتِكَ مِنْ عُقُوبَتِكَ وَأَعُوذُ بِكَ مِنْكَ لَا أُحْصِي ثَنَاءً عَلَيْكَ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ)) މިހަދީޘް ވެސް أبو داود އާއި الترمذي އާއި النسائي އަދި ابن ماجه ރިވާކުރައްވާފައިވެއެވެ. އަދި މިހަދީޘް ސަނަދު ޞައްޙަ ކަމުގައި الألباني ވިދާޅުވެފައިވެއެވެ. (صحيح أبي داود، ج 5، ص 169).
ވިތުރިކޮށް އަވަދިވެގެން ” سُبْحَانَ الْمَلِكِ الْقُدُّوسِ” މިފަދައިން ތިން ފަހަރު ކިޔުން ސުންނަތްވެގެން ވެއެވެ. އަދި ތިންވަނަ ފަހަރުގައި ކިޔާނީ އަޑު ހަރުކޮށް، ނުވަތަ ފާޅުކޮށް ދަމާލައެވެ. މިހަދީޘް أبو داود އާއި النسائي އަދި ابن ماجه ސައްހަމަގުން ރިވާކުރައްވާފައިވެއެވެ. (صحيح أبي داود، ج 5، ص 166).
والله أعلم، وصلى الله على محمد وآله وسلم
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ