މުއިއްޒު ދެއްވި ތާރީހަށް ހދ. އަތޮލޫ ސްކޫލްގެ ކްލާސްރޫމްތަކުގެ މަސައްކަތް ނުނިމުނު މުއިއްޒު ދެއްވި ތާރީހަށް ހދ. އަތޮލޫ ސްކޫލްގެ ކްލާސްރޫމްތަކުގެ މަސައްކަތް ނުނިމުނު

ހދ. އަތޮޅަށް މިދިޔަ އަހަރު އޮގަސްޓް މަހު މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުގައި ހދ. އަތޮޅު ސްކޫލްގެ މަސައްކަތް ނިންމަން ރައީސް މުހައްމަދު މުއިއްޒު ދެއްވި ތާރީހަށް މަސައްކަތެއް ނުނިންމުނެވެ.
އޮގަސްޓް 26, 2025، ގައި ވައިކަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މުއިއްޒު ވަނީ ހދ. އަތޮޅު ސްކޫލުގެ ހުއްޓިފައިވާ 12 ކްލާސްރޫމްގެ މަސައްކަތް މިދިޔަ އަހަރު ނިންމައި، އެ ކްލާސްރޫމްތަކުގެ ބޭނުން މި ފެށޭ ދިރާސީ އަހަރުގައި ދެވޭނެ ކަމުގެ ޔަގީންކަން އަރުވައިފަ އެވެ.
"މި ސްކޫލަށް [ހދ. އަތޮޅު ސްކޫލް] މި ބޭނުންވާ ކްލާސްރޫމްތައް، މިހާރު އެ ހުއްޓިފައި ހުރި މަޝްރޫއު މި އަހަރުގެ ތެރޭގައި، އެކީގައި ކޮމްޕްލީޓް ކޮށްދޭނަން. ކޮށްދީ، ދެން ސްކޫލް ދިރާސީ އާ އަހަރަށް، ޖަނަވަރީގައި ހުޅުވޭއިރުގައި، އެތަން ބޭނުންކުރެވޭވަރު ވާނެ. އެ ފުރިހަމަ ޔަގީންކަން، ފުރިހަމަ ޔަގީންކަން މި ދެނީ އިރާދަކުރެއްވިއްޔާ. އެކަން ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް ޖެނުއަރީ 27، ގައި ދިރާސީ އަހަރު ފެށޭއިރު ވެސް 12 ކްލާސްރޫމް ނިންމުމުގެ މަސައްކަތް އެކަން ހަވާލުކޮށްފައިވާ ފެނަކަ ކޯޕަރޭޝަނަށް ފެށިފައެއް ނުވެ އެވެ. އެހެންކަމުން އެ މަސައްކަތް ދިރާސީ އަހަރު ފެށޭއިރު ނިންމާލެވޭނެ ކަމަށް ނުބެލެވެ އެވެ.
ހދ. އަތޮޅު ސްކޫލްގެ އައު ކްލާސްރޫމްތަކުގެ މަޝްރޫއު ހުއްޓިފައި: މަޝްރޫއުގެ މަސައްކަތް ނިންމާނެ ކަމަށް މުއިއްޒު ވިދާޅުވި ތާރީހަށް މަސައްކަތް ނިމިފައެއް ނުވޭ -- ފޮޓޯ: ކިޔުންތެރިއެއް
ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޒާމިރު އަދަދު އަށް ވިދާޅުވީ މިހާރު މަސައްކަތް ފަށައިގެން ވެސް ދިރާސީ އަހަރު ފެށެންވާއިރަށް މަސައްކަތް ނުނިމޭނެ ކަމަށާއި އެކަމަކު ކޮންމެވެސް މިންވަރަކަށް މަސައްކަތް ނިންމިދާނެ ކަމަށެވެ.
"އަޅުގަނޑަށް ޔަގީންކަން ދެވިދާނެ 12 ކްލާސްރޫމް އެއްކޮށް އެ ޕްރޮޖެކްޓް މި ބުނާ ލެވެލްއަށް ނިންމާފައި ހީއެއް ނުވޭ ފެށޭނެހެން [ދިރާސީ އަހަރު ފެށެންވާއިރަށް]. ކޮންމެވެސް ބައެއް ނިމިދާނެ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަޝްރޫއުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ފެނަކައަށް ކުރިއަށް ނުގެންދެވޭތީ މިނިސްޓްރީއާ އެކަމާ ގުޅޭ ގޮތުން ބައްދަލުކޮށް ވާހަކަ ދެކެވުނު ކަމަށެވެ. ނަމަވެސް ފެނަކައިން އެ މަޝްރޫއު ހިފަހައްޓައިގެން އުޅޭ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
ވައިކަރަދޫގައި ހދ. އަތޮޅު ސްކޫލްގެ 12 ކްލާސްރޫމްގެ އިމާރާތް ނިމި ދެން ކުރަން ޖެހޭ ކަންކަން ނުކުރެވި އޮންނަތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
ތިޔަ ރަށުގެ ތަރައްގީ މަޝްރޫއުތައް ހުރީ ހުއްޓިފައިތަ؟ އެފަދަ މަޝްރޫއުތަކުގެ ފޮޓޯ، ވޯޑިއޯ ހިއްސާކޮށް ދޭށެވެ. ފޮނުވާނީ އަދަދު ނޫހުގެ އީމެއިލް ([email protected]) އަށް ނުވަތަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކަށް ޑައިރެކްޓު މެސެޖެއް ފޮނުވާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ