ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ހިމެނުނު ހަމައެކަނި ބޮލީވުޑް އެކްޓަރަކަށް ރަންބީރު

ޓައިމް މަޖައްލާގެ މި އަހަރުގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުން ޖާގަ ހޯދި ހަމައެކަނި ބޮލީވުޑް ތަރިއަކަށް ރަންބީރު ކަޕޫރު ވެއްޖެއެވެ. މިއީ އޭނާގެ މަގުބޫލުކަން ބައިނަލްއަގުވާމީ ފެންވަރުގައި އިތުރުވަމުންދާކަން ހާމަކޮށްދޭ މުހިންމު ކާމިޔާބީއެކެވެ. ރަންބީރުގެ އިތުރުން މަޝްހޫރު ޝެފް ވިކާސް ކަންނާއާއި ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ ވެސް މި ލިސްޓުގައި ހިމެނެއެވެ. ރަންބީރުގެ މި ކާމިޔާބީއާ ގުޅޭގޮތުން ޓައިމް މަޖައްލާގައި ލިޔެފައިވާ ބައޮގްރަފިކަލް ނޯޓު ތައްޔާރުކޮށްދިނީ މަޝްހޫރު އެކްޓަރު އަޔޫޝްމާން ކުރާނާއެވެ. އަޔޫޝްމާން ލިޔެފައިވާ ގޮތުގައި، ބައެއް އެކްޓަރުންނަކީ ތާރީޚުގެ ތެރެއިން ޖާގަ ހޯދަން މަސައްކަތްކުރާ ބައެކެވެ. ނަމަވެސް, ރަންބީރު ކަޕޫރަކީ އޭނާގެ ހުނަރުވެރިކަމުން ތާރީޚުން ޖާގަ ކަށަވަރުކޮށްފައިވާ ފަންނާނެއް ކަމަށް އަޔުޝްމާންގެ ނޯޓުގައި ފާހަގަކޮށްފައިވެއެވެ. "އިންޑިއާގެ ސިނަމާއަކީ ވަރަށް ފޯރިގަދަ އަދި ގިނަ މަސައްކަތްތަކެއް ކުރެވޭ ދާއިރާއަކަށްވާއިރު، އަހަރެމެން ގިނަ ފަހަރަށް މޮޅު އެކްޓަރެއްގެ މިންގަނޑަކަށް ބަލަނީ ފިލްމަށް ލިބޭ އާމްދަނީއާއި ސަޕޯޓަރުންގެ އަދަދަށް ބަލާފައި. ނަމަވެސް, މަދުން ނޫނީ ނުފެންނަ ފަދަ ހިމޭން، އެކަމަކު ވަރަށް ޖަޒުބާތީ އަސަރުތަކެއް ރަންބީރުގެ ފިލްމުތަކުން ބެލުންތެރިންނަށް ކުރުވާ," އަޔޫޝްމާން ލިޔެފައިވެއެވެ. ޓައިމް މެގަޒިންގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުން ޖާގަ ލިބުނު ޝެފް ވިކާސް ކަންނާ އާއި ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީ އަދި ރަންބީރު ކަޕޫރު--ފޮޓޯ/ޕިންކްވިލާ ރަންބީރަކީ ހަމައެކަނި ފިލްމީ ތަރިއެއް ނޫން ކަމަށާއި އޭނާއަކީ މުޅި ދުނިޔެއަށް އިންޑިއާގެ މުއްސަނދި ސަގާފަތާއި ތާރީޚީ ވާހަކަތައް ކިޔައިދޭ ފަންނާނެއް ކަމަށް ވެސް އަޔޫޝްމާން ބަޔާންކޮށްފައިވެއެވެ. ފިލްމު "އެނިމަލް"ގެ އެކްޓަރު ދެން އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ ނިތޭޝް ތިވާރީ ޑައިރެކްޓްކުރާ ފިލްމު "ރާމާޔަނަ"އިންނެވެ. މީގެ އިތުރުން, ރަންބީރު އަންނަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ލަވް އެންޑް ވޯ"ގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމުގައި ރަންބީރު ފެންނާނީ ބަތަލާ އަދި އަނބިމީހާ އާލިއާ ބަޓްގެ އިތުރުން ވިކީ ކޯޝަލްއާ އެކުއެވެ. ޓައިމް މެގަޒިންގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުން ޖާގަ ލިބުމާ އެކު، ރަންބީރު ވަނީ ބޮލީވުޑްގެ އެންމެ ހުނަރުވެރި އެކްޓަރުގެ މަގާމު އިތުރަށް ވަރުގަދަކޮށް، ދުނިޔޭގެ މަސްރަހުގައި އިންޑިއާގެ ސިނަމާ ތަމްސީލުކުރާ މުހިންމު ފަންނާނަކަށް ވެފައެވެ. ޓައިމް މެގަޒިންގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި މިހާތަނަށް ހިމެނިފައިވާ ބޮލީވުޑް ފިލްމީ ތަރިންގެތެރޭ، އާލިއާ ބަޓް، ޝާހްރުކް ޚާން، ދީޕިކާ ޕަދުކޯން، ޕްރިޔަންކާ ޗޯޕްރާ، އައިޝްވާރިޔާ ރާއި އަދި އާމިރު ޚާން ފަދަ ތަރިން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ