އެމެރިކާއާ އެކު މަޝްވަރާތައް ފެށުމަށް އީރާނުގެ ރައީސް އަމުރުކުރައްވައިފި

ފާއިތުވި ހަފުތާތަކުގައި ކުރިމަތިވި އަސްކަރީ އިންޒާރުތަކާއި ސަރަހައްދީ ނުތަނަވަސްކަމަށް ފަހު، މަސްލަހަތު ފިނިކުރުމުގެ ގޮތުން އެމެރިކާއާ އެކު މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އީރާނުގެ ރައީސް އެ ގައުމުގެ ޑިޕްލޮމޭޓުންނަށް އަމުރުކުރައްވައިފި އެވެ.
ރައީސް މަސްއޫދު ޕެޒެޝްކިއަން މިއަދު ވިދާޅުވީ، އިންޒާރުތަކާއި ބޭއިންސާފުން އެއްކިބާވެފައިވާ އެކަށީގެންވާ މާހައުލެއް އޮތް ނަމަ، އީރާނުގެ އިއްޒަތާއި މަސްލަހަތަށް އިސްކަންދީގެން އިންސާފުވެރި މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ހާރިޖީ ވަޒީރަށް އިރުޝާދު ދެއްވާފައިވާނެ ކަމަށެވެ. މީގެ އިތުރުން މިކަން ސޯޝަލް މީޑިއާގައި ވެސް އޭނާ ވަނީ ހާމަކުރައްވާފަ އެވެ.
މި ނިންމުން ނިންމާފައިވަނީ އެމެރިކާއިން އެ ސަރަހައްދަށް ހަނގުރާމަމަތީ މަނަވަރުތައް ފޮނުވައި ރައީސް ޑޮނަލްޑް ޓްރަމްޕް އަސްކަރީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރުތައް ތަކުރާރުކޮށް ދެއްވަމުން ގެންދެވި ދަނޑިވަޅެއްގަ އެވެ. ނަމަވެސް، ފަހަކަށް އައިސް ދެ ފަރާތުން ވެސް ވަނީ ނުސީދާ މަޝްވަރާތަކެއް ކުރިއަށްދާކަމުގެ އިޝާރާތެއް ދީފަ އެވެ.
އީރާނުގެ ހާރިޖީ ވުޒާރާއިން އިއްޔެ ބުނި ގޮތުގައި، ތުރުކީ، ގަތަރު، މިސްރު އަދި އޮމާން ފަދަ ސަރަހައްދީ ގައުމުތަކުން މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ މަސައްކަތްތައް ދަނީ މުރާޖައާ ކުރަމުންނެވެ. އަދި މަޝްވަރާތަކުގެ އޮނިގަނޑެއް ވަރަށް އަވަހަށް އެކުލަވާލެވޭނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ބައްދަލުކުރައްވާ ގޮތަށް ހުކުރު ދުވަހު އިސްތަންބޫލްގައި މަޝްވަރާތަކެއް ބޭއްވުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް ދެ ގައުމުގެ ސަރުކާރުން އަދި މިކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
އީރާނާ އެކު އޮތް ނިއުކްލިއާ އެއްބަސްވުމުން 2018 ވަނަ އަހަރު ވަކިވި ޓްރަމްޕް ވަނީ، ވޮޝިންޓަނުން އީރާނާއާ އެކު ވާހަކަދައްކަމުންދާ ކަމަށް މިދިޔަ ހަފުތާ ބަންދުގައި ވިދާޅުވެފަ އެވެ.
އީރާނުގެ ރޫހާނީ ލީޑަރު އަލީ ހާމަނާއީ ވަނީ އެ ގައުމަށް ދޭ ކޮންމެ ހަމަލާއެއްގެ ނަތީޖާއަކީ ސަރަހައްދީ ބޮޑު ހަނގުރާމައެއްގެ ފެށުން ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފަ އެވެ.
އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން އުޅޭ ކަމަށް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން ތުހުމަތުކުރި ނަމަވެސް ތެހެރާނުން އެކަން ދޮގުކުރެ އެވެ. މަޝްވަރާތައް އަލުން ފެށުމުގެ ޝަރުތެއްގެ ގޮތުން، ޔުރޭނިއަމް މުއްސަނދިކުރުން ހުއްޓާލުމަށާއި މިސައިލް ޕްރޮގްރާމް މަޑުޖައްސާލުމުގެ އިތުރުން ސަރަހައްދީ އެކުވެރި ޖަމާއަތްތަކަށް އެހީތެރިވުން ހުއްޓާލުމަށް އެމެރިކާއިން ބާރުއަޅަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ