އިންޑިއާގެ އޭއައި ސަމިޓުން ފަހު ވަގުތު ބިލް ގޭޓްސް ވަކިވެއްޖެ؛ އިންތިޒާމުތަކުގެ ޝަކުވާ

މިދިޔަ ހޯމަ ދުވަހު އިންޑިއާގައި ފަށައިގެން ކުރިއަށްދާ އޭއައި އިމްޕެކްޓް ސަމިޓްގައި ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައި އޮތް ވަގުތުގެ ކުޑައިރުކޮޅެއް ކުރިން މައިކްރޮސޮފްޓުގެ ބާނީ ބިލް ގޭޓްސް އެ ނިންމުން އަނބުރާ ގެންދަވައި އެ ސަމިޓުގައި ތަގީރު ނުކުރައްވަން ނިންމަވައިފި އެވެ.
އިންތިޒާމީ ގިނަ މައްސަލަތަކަކާއި ބައިވެރިންގެ ޝަކުވާތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ގޭޓްސްގެ މި ނިންމުމާ އެކު މި ސަމިޓަށް ވަނީ އިތުރު ހީނަރުކަމެއް ކުރިމަތިވެފަ އެވެ.
ގޭޓްސް ފައުންޑޭޝަނުން ބުނި ގޮތުގައި، ގޭޓްސް މިއަދު ތަގުރީރު ނުކުރައްވަން ނިންމެވީ ސަމިޓުގެ އަސްލު މަގުސަދުތަކަށް ބުރޫނާރާނެހެން ކަންކަން ކުރިއަށް ގެންދިއުމުގެ ބޭނުމުގަ އެވެ. ކުރިން ބައެއް ފަރާތްތަކުން އޭނާ ސަމިޓުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަމަށް ބުނަމުންދިޔަ ވާހަކަތައް އެ ފައުންޑޭޝަނުން ވަނީ ދޮގުކޮށްފަ އެވެ.
އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން 'ގްލޯބަލް ސައުތު'ގައި ބާއްވާ މިފަދަ ފުރަތަމަ މައި ސަމިޓުގެ ގޮތުގައި އިޝްތިހާރުކުރި މި ހަރަކާތުން، މީގެ ކުރިން އެންވީޑިއާގެ ބާނީ އަދި ސީއީއޯ ޖެންސަން ހުއާން ވެސް ވަނީ ވަކިވެވަޑައިގެންފަ އެވެ.
މި ސަމިޓުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ފްރާންސުގެ ރައީސް އިމަނުއެލް މެކްރޮންގެ އިތުރުން ގޫގްލްގެ ސީއީއޯ ސުންދަރު ޕިޗާއީ، އޯޕަންއޭއައިގެ ސީއީއޯ ސޭމް އޯލްޓްމަން އަދި އެންތުރޮޕިކްގެ ސީއީއޯ ދާރިއޯ އަމޯޑޭ މިއަދު ތަގުރީރު ކުރެއްވުމަށް އަދިވެސް އޮތީ ތާވަލުކޮށްފަ އެވެ.
ބިލް ގޭޓްސް މި ސަމިޓުން ވަކިވެވަޑައިގެންފައި މިވަނީ، މަރުވެފައިވާ ޖެފްރީ އެޕްސްޓީންއާ އޭނާއާ ދެމެދު މުއާމަލާތްތަކެއް ހިނގާފައިވާކަން ހާމަކޮށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އީމެއިލްތަކެއް އާންމުކުރިތާ ހަފުތާތަކެއް ފަހުންނެވެ. ގޭޓްސް ވިދާޅުވަމުން ގެންދަވަނީ އެޕްސްޓީންއާ ބައްދަލުކުރެއްވީ ހަމައެކަނި ހިލޭސާބަހަށް ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ކަމަށާއި އެއީ ހެދިފައިވާ ގޯހެއް ކަމަށެވެ.
މާދަމާގެ ނިޔަލަށް ކުރިއަށްދާ ސަމިޓް އިންތިޒާމު ކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ހަރަކާތުގެ ފޯރި ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ. އެގޮތުން، އެގްޒިބިޝަން ހޯލްތައް ކުއްލިއަކަށް އާންމުންނަށް ބަންދުކުރުމާއި އިންޑިއާޣެ ޔުނިވަސިޓީއަކުން ދައްކާލި ރޮބޮޓިކް އާލާތަކީ ޗައިނާގައި އުފައްދައި އާންމުކޮށް ވިއްކާ އެއްޗެއްކަން ފަޅާއެރުމުން އެ ސްޓޯލް ބަންދުކުރަން ޖެހުން ހިމެނެ އެވެ.
މީގެ އިތުރުން، ވީއައިޕީން ދަތުރުކުރުމަށް މަގުތައް ބަންދުކުރުމުގެ ސަބަބުން ޓްރެފިކް ތޮއްޖެހި، ދަތުރުފަތުރުގެ ދަތިކަމާ ހުރެ ބައެއް ބައިވެރިން ދިގު ރާސްތާއަކަށް ހިނގާފައި ދާންޖެހުމުން ސޯޝަލް މީޑިއާގައި ވަނީ އިންތިޒާމުތަކަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ