ސަން ބަދިގެ: ނާބެގެ ސުފުރާގެ ހާއްސަ 'ފަރުމަހު ސަތޭ'
ސަން ބަދިގެ ސެގްމެންޓްގައި މިއަދު މި ގެނެސްދެނީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ހުނަރުވެރި ޝެފް ނަހީޒް (ނާބެ)ގެ ސުފުރާގެ ހާއްސަ ބާވަތެއް ކަމަށްވާ "ފަރުމަހު ސަތޭ" ތައްޔާރުކޮށްލާނެ ގޮތެވެ. ސަތޭ އަކީ އާއްމުކޮށް ސައުތުއީސްޓް އޭޝިއާގެ ކެއުންތަކުން ވަރަށް ގިނައިން ފެންނަ ބާވަތެކެވެ. ކުކުޅު، ގެރި އަދި ބަކަރި މަހުގައި ސަތޭ ތައްޔާރުކޮށްފައި ހުންނަ މަންޒަރު އަޅުގަނޑުމެންގެތެރެއިން ގިނަ ބަޔަކަށް ފެނި އޭގެ ރަހަ ވެސް ތަޖުރިބާކޮށްފައިވާނެއެވެ. ނަމަވެސް މިފަހަރު ޝެފް ނާބެ މިކިޔައިދެނީ ސަތޭގެ އަސްލު ނުގެއްލޭގޮތަށް ދިވެހި ފަރުމަހުގައި ދިވެހި ރަހަތަކާ ރަހްމަތްތެރި ގޮތަކަށް ސަތޭ ތައްޔާރުކޮށްލާނެ ގޮތެވެ. ބޭނުންވާ ތަކެތި 800 ގްރާމް ރަތް މަހުގެ ފަރުމަސް 180 އެމްއެލް ކާށިކިރު01 ސައިސަމްސާ އިނގުރު (މުގުރި)01 ސައިސަމްސާ ގަރަމް މަސާލާ01 ސައިސަމްސާ ކޮތަނބިރި (މުގުރި)01 ސައިސަމްސާ ރީނދޫ 4/1 ލުނބޯހުތް02 މޭޒުމަތީސަމްސާ ޕީނަޓް ބަޓަރ ނުވަތަ އާދައިގެ ބަޓަރު 03 ލޮނުމެދު (ގާނާފައި)01 ކުޑަ ފިޔާ (ޗޮޕްކޮށްލާފައި) ތައްޔާރު ކުރާނެގޮތް އެންމެ ފުރަތަމަ މަސްތައް ނުރޫޅޭނެ ކަހަލަ ގޮތަކަށް ފަސޭހަ ގޮތަކަށް މަސްތައް ކޮށާލާށެވެ. ދެން ފުން ތަށްޓަކަށް ކޮށާލާފައި ހުރި ފިޔާ އެޅުމަށްފަހު އޭގެތެރެއަށް ލުނބޯގެ ހުތް ފެލާލާށެވެ. ދެން ރީނދޫ، އިނގުރު، ލޮނުމެދު، ކޮތަނބިރި، ލޮނު، ގަރަމް މަސާލާ، ޕީނަޓް ބަޓަ ނުވަތަ އާދައިގެ ބަޓަރު (ދިޔާކޮށްފައި)، ކާށި ކިރު އެޅުމަށްފަހު ފަރު މަސް އެއާއެކު ރަނގަޅަށް އެއްކޮށްލާށެވެ. ފަރުމަހުގެ ސަތޭ ތައްޔާރުކޮށްލުމަށް ފަރުމަސް ތަވާގައި ފިހެލަނީ--ފޮޓޯ/ފޭސްބުކް އެއަށްފަހު 20 މިނެޓް ވަންދެން މަސްތައް މެރިނޭޓްކޮށްލުމަށް މަތިޖެހި އެއްޗެއްގައި ބަހައްޓާލާށެވެ. ބޭނުންނަމަ މި ސަތޭ ތައްޔާރުކުރުމުގެ އެއް ދުވަސް ކުރިން އެރޭ ރޭގަނޑު ވެސް މި މަސް މެރިނޭޓްކޮށްލުމަށް އައިސްއަލަމާރީގެ ފިނިކުރާ ބައިގައި ބެހެއްޓިދާނެއެވެ. ގިނައިރު މެރިނޭޓް ކުރުމަށް ބެހެއްޓުމުން މަހުގެ ރަހަތައް އިތުރަށް މީރުކޮށްލަދޭނެއެވެ. ދެން ތަވައެއްގައި މެރިނޭޓްކުރި މަސްތައް ރަނގަޅަށް ރޯފިލުވާލާށެވެ. އެއަށްފަހު ރީތި ގޮތަކަށް މަސްތައް ތަށްޓެއްގައި އަތުރާލާށެވެ. މި ފަރުހަމުގެ ސަތޭ އަކީ އާވިން ނުވަތަ ސްޓީމްކޮށްފައި ހުންނަ ބަތާ އެކު ވެސް ކާން ވަރަށް މީރު ބާވަތެކެވެ. މި ކެއުން އިތުރަށް ފުރިހަމަކޮށްލުމުގެ ގޮތުން ފަސޭހައިން ތައްޔާރުކޮށްލެވިދާނެ ސަޓަންޏެއް ވެސް ތައްޔާރުކޮށްލެވިދާނެއެވެ. ފަރުމަހަކީ އޭގައި އޮމެގާ 3ގެ މާއްދާ މަތީ މިންވަރަކަށް އެކުލެވޭ މަހުގެ ބާވަތަކަށް ވުމުން އެއީ ހަށިގަނޑަށް ނުހަނު ފައިދާހުރި ބާވަތެކެވެ. މި ރޯދަ މަހު ސިއްހަތަށް ހާއްސަ ސަމާލުކަމެއް ދޭން ބޭނުންވާ ފަރާތްތަކަށް މިއީ މާ ބޮޑު ޚަރަދަކާ ނުލައި ވަރަށް ފަސޭހައިން ގޭގައި ތައްޔާރުކޮށްލެވިދާނެ ބާވަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ