ޙަމާސްގެ އައު ވެރިޔާ އިސްކަންދެއްވާނީ ޣައްޒާ ޤަތުލުޢާންމު ހުއްޓުވަން

ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާޢަތުން އެންމެ ފުރަތަމަ އިސްކަންދޭނީ، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވުމަށް ކަމުގައި، އެ ޖަމާޢަތުގެ އިސްވާރުގެ މަޤާމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި ޚަލީލް އަލް-ޙަޔާ ވިދާޅުވެއްޖެއެވެ. ޖުލައި 22 ވަނަ ދުވަހު ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައި ޙަޔާ ވަނީ، ޙަމާސުން އެންމެ ފުރަތަމަ އިންކަންދޭނެ ހަ ކަންތައް އިޢުލާނު ކުރައްވާފައެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމަކީ ޔަހޫދީންގެ ޤަތުލުޢާންމު ނިމުމަކަށް ގެނައުމާއި، ޣައްޒާގެ ބިމުން އިސްތިޢުމާރީ ޔަހޫދީ ސިފައިން ބޭލުމެވެ. މީގެ އިތުރުން، ޤަތުލުޢާންމު ހުއްޓައިލުމަށް ޔަހޫދީން ވެފައިވާ އެއްބަސްވުން ތަންފީޒުކުރަން ބާރުއެޅުމަށް، އެ އެއްބަސްވުން އެކުލަވައިލުމުގައި މެދުވެރިވި ޤައުމުތަކަށް ޙަޔާ ވަނީ ބާރު ގޮވައިލައްވާފައެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ފަލަސްޠީން ރައްޔިތުންނަށް ކަރާމާތްތެރި ދިރިއުޅުމުގެ ޙާލަތެއް ހޯދައިދިނުމާއި، އެ މީހުންގެ ގެދޮރު ގެއްލުވައިލަން ޔަހޫދީން ރާވާފައިވާ ހީލަތްތެރި ރޭވުންތައް ނާކާމިޔާބު ކޮށްލުމެވެ. އަދި، ސުންނާފަތި ކޮށްލާފައިވާ ރަށްތައް އަލުން އާރާސްތުކުރުމާއި، ޔަހޫދީން ހައްޔަރުކޮށްފައި ތިބި އަސީރުން މިނިވަންކުރުމުގެ ކަންކަން ކަށަވަރު ކުރުމެވެ. ތިންވަނަ ކަމަކީ، ޑިމޮކުރަސީގެ އުސޫލުތަކާއި އެއްބަސްވެވޭ އަސާސްތަކުގެ މައްޗަށް ބިނާކޮށް، ޕަލަސްޓަޔިން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ފަދަ މުއައްސަސާތައް އަލުން ހަރުދަނާކުރުމަށް ޓަކައި ޤައުމީ ފެންވަރުގައި މަޝްވަރާތައް އަލުން ފަށައި، ފަލަސްޠީނުގެ ވަކިވަކި ސިޔާސީ ހަރަކާތްތަކުގެ މެދުގައި އެއްބައިވަންތަކަށް ޤާއިމުކުރުން ކަމުގައި ޙަޔާ ވިދާޅުވިއެވެ.
ހަތަރުވަނަ ކަމަކީ، ޙަމާސްއާއި ޢަރަބި އަދި މުސްލިމް ޤައުމުތަކާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމެވެ. ފަސްވަނަ ކަމަކީ، ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ޤަތުލުޢާންމު ހިންގަމުންދާ ޔަހޫދީ ފައުޖުގެ ޖަރީމާތައް ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅެއް އެޅުމާއި، ޔަހޫދީންނަށް އިތުރު ފިއްތުންތައް ކުރިމަތިކުރުމަށް ޢަރަބި އަދި މުސްލިމް ޤައުމުތަކަށް ބާރުއެޅުމުގެ އިތުރުން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ފިޔަވަޅުތަކެއް އެޅުމެވެ. މީގެ އިތުރުން، ޔަހޫދީންގެ ނުބައިކަމުން ފަލަސްޠީނުގެ ރައްޔިތުން ޙިމާޔަތްކޮށް، އެ މީހުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަށް ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ބާރުއެޅުން ހިމެނޭ ކަމުގައި ޙަޔާ ވިދާޅުވިއެވެ.
ޙަމާސްގެ ސިޔާސީ ގޮފީގެ އިސްވާރުގެ މަޤާމަށް ޙަޔާ އިންތިޚާބު ކޮށްފައި މި ވަނީ، އެ މަޤާމު ކުރިން ފުރުއްވަމުން ގެންދެވި ޔަޙްޔާ ސިންވާރު ޝަހީދު ކޮށްލުމާ ގުޅިގެންނެވެ. ސިންވާރު ޝަހީދު ކޮށްލާފައި ވަނީ ރަފަޙަށް ޔަހޫދީ ފައުޖުން ދިން ނިރުބަވެރި ޙަމަލާއެއްގައި 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުއެވެ. ޙަމާސްގެ އިސްވާރުގެ މަޤާމަށް ޙަޔާ އިންތިޚާބު ކޮށްފައިވާ ކަން ޙަމާސުން އިޢުލާނު ކޮށްފައި ވަނީ ޖުލައި 20 ވަނަ ދުވަހުއެވެ. 2023 އޮކްޓޫބަރުން ފެށިގެން ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 73,000 އަށް އުފުލިފައެވެ. އަދި، 174,000 މީހުން ޒަޚަމު ކޮށްލާފައިވާއިރު، ޤަތުލުޢާންމު ހުއްޓައިލުމަށް 2025 ވަނަ އަހަރުގެ އޮކްޓޫބަރުގައި ޔަހޫދީން އެއްބަސްވި އެއްބަސްވުމާ ޚިލާފަށް އެ މީހުން ދަނީ ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ