އެމްޑީޕީގެ ދެ ދައުރު ނިމުނުއިރު ރައްޔިތަކަށް ފައިދާހުރި އެންމެ ކަމެއްވެސް ކޮށްފައި ނެތް: މުހައްމަދު އިސްމާއީލް

އެމްޑީޕީން ވެރިކަން ކުރި ދެ ދައުރު ނިމިގެންދިޔައިރު، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ފައިދާހުރި އެއްވެސް ކަމެއް އެ ޕާޓީން ކޮށްފައި ނުވާ ކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މުހައްމަދު އިސްމާއީލް ވަނީ އެމްޑީޕީގެ ސަރުކާރުތަކުން އަމަލުކޮށްފައިވާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
މުހައްމަދު އިސްމާއީލް ވިދާޅުވީ، 2008 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ވެރިކަން އުފެދުނު ހިސާބުން ފެށިގެން، ގާތް މީހުންނަށް ފައިސާ ދިނުމުގެ ގޮތުން ކުންފުނިތަކަށް މީހުން އިތުރުކުރުމާއި، ބޭނުމެއް ނެތް ކޮމިޝަންތައް އުފެއްދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ނިމިދިޔަ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އަންދާޒާ ނުކުރެވޭ މިންވަރަށް ސަރުކާރުގެ ކުންފުނިތަކަށް މުވައްޒަފުން ވައްދާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"ދިހަހާސް ނުވަސަތޭކަ އައްޑިހަހަ މުވައްޒަފުން އެކިއެކި ކުންފުނިތަކަށް ވައްދައި، ފަސް އަހަރެއްގެ ދައުރު ނިމުނުއިރު މުޅި ދައުލަތުގެ ޕޭރޯލް އޮބިނޯންނަ ވަރަށް ގޮސް، ކުންފުނިތައް ދަރަނިވެރިވެގެންވާ ހިސާބަށް ދިޔައީ،" މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.
އެމްޑީޕީގެ ސަރުކާރުން އުފެއްދި މަރު ކޮމިޝަނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި، އޮމްބަޓްސްމަން އޮފީހުން ރައްޔިތުންނަށް ލިބުނު އެއްވެސް ފައިދާއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެ ތަންތަނަކީ ހަމައެކަނި ވަކި ބަޔަކަށް މުސާރަ ދިނުމަށް ހިންގި ތަންތަނެވެ. އަދި ނިމިދިޔަ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮވެމެ، ރައްޔިތުންނަށް ފައިދާހުރި ގާނޫނެއް ނުވަތަ އިސްލާހެއް ގެނައުމުގެ ބަދަލުގައި އެމްޑީޕީން މަސައްކަތް ކުރީ އަމިއްލަ ފައިދާއަށް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
މިހާރުގެ ސަރުކާރުގެ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ، ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށްޓަކައި މުވައްޒަފުންނަށް އިނާޔަތްތަކެއް ދީފައި އަމިއްލައަށް ވަކިވުމުގެ ފުރުސަތު ހުޅުވާލީ ކުންފުނިތައް ސަލާމަތް ކުރުމަށް ކަމަށެވެ. މި ސަރުކާރުން އެއްވެސް މުވައްޒަފަކު ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ