"ކުޅިވަރުގެ ސަބަބުން ދޭދޭ ގުޅުންތައް ވަރުގަދަކޮށްދޭ"

ކުޅިވަރުގެ ސަބަބުން އިޖްތިމާޢީ ގުޅުންތައް ބަދަހިވެ، މުޖުތަމަޢަށް ހެޔޮ އަސަރުތަކެއް ކުރާކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޗައިނާގެ ޔުނާން ޕްރޮވިންސުން ރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައެވެ. ކުޅިވަރުގެ ސަބަބުން ހެޔޮ މަންފާތަކެއް ކުރާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، ކުޅިވަރާއެކު އަޅުގަނޑުމެންގެ ދިރިއުޅުމަށް ރަނގަޅު އަސަރުތަކެއް ކުރުވާކަމަށެވެ. އެގޮތުން ކުޅިވަރުގެ ސަބަބުން މުޖުތަމަޢުތައް އެއްބައިވަންތަކޮށްދީ އަންނަން އޮތް ޖީލުތަކަށް ހިތްވަރުލިއްބައިދޭނެ ރީތި މިސާލަކަށް ކުޅިވަރުވެގެންދާނެކަމަށެވެ.
"މިރަސްމިއްޔާތަކީ ހަމައެކަނި ކުޅިވަރު ސާމާނު ހަދިޔާކުރުމަށް ބޭއްވޭ ރަސްމިއްޔާތެއް ނޫން. މިކަމުން ދައްކުވައިދެނީ ރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ގާތް އެކުވެރިކަން. އަދި މިކަމުން ފެނިގެންދަނީ ދެގައުމުން ގަބޫލުކުރާ ކުޅިވަރުގެ ތަސައްވުރެއް. އެއީ ކުޅިވަރަކީ އަހަރުމެންގެ ދިރިއުޅުންތަކަށް އަންނަ ހެޔޮ ބަދަލުތަކެއް ގެނުވާ އެއްޗެއްކަމާއި، މުޖުތަމަޢުތައް އެއްބައިވަންތަކޮށް އަންނަން އޮތް ޖީލުތަކަށް މިސާލުދައްކައިދޭ ވަރުގަދަ ހަތިޔާރެއްކަން" ވަޒީރު ވިދާޅުވިއެވެ.
ޗައިނާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމުގެ ސަބަބުން އެގައުމުން އަންނަނީ ރާއްޖޭގެ ކުޅިވަރަށް ގިނަގުނަ އެހީތަކެއް ފޯރުކޮށްދެމުންނެވެ. އެގޮތުން ކުޅިވަރު ސާމާނާއި ކުޅުންތެރިންނަށް ބާއްވާ ޓްރޭނިންތަކުގެ އިތުރުން ކޯޗުންގެ އެހީތެރިކަންވެސް އެގައުމުން ރާއްޖެއަށް ދަނީ ފޯރުކޮށްދެމުންނެވެ.
މިކަންކަމަށް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވީ އެގައުމުން ދެމުންދާ މި އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ އެތްލީޓުންނަށް ކުރިއެރުންތަކެއް އަންނަމުންދާ ކަމަށެވެ. ޗައިނާއިން ހަދިޔާ ކުރަމުންދާ ކުޅިވަރު ސާމާނުތަކުގެ އެހީގައި ރާއްޖޭގައި ޓްރޭނިންތައް ބޭއްވި ގްރާސްރޫޓް ޕްރޮގްރާމުތައް ހިންގާފައިވާކަން ވަޒީރު ހާމަކުރެއްވިއެވެ.
"ޗައިނާއިން ފޯރުކޮށްދެމުންދާ މި ތަކެތީގެ ސަބަބުން ރާއްޖޭގެ އެތައް އެތްލީޓަކަށް ފައިދާކޮށްފި. މި ސާމާނާއެކު، ރާއްޖޭގައި ޓްރޭނިންތައް ހިންގާ، ގްރާސްރޫޓް ހަރަކާތްތައް ކުރިއަށް ގެންގޮސް، އެތްލީޓުންގެ ކުރިއެރުވުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދީފި" ވަޒީރު ވިދާޅުވިއެވެ.
ޗައިނާގެ ޔުނާން ޕްރޮވިންސުން ރާއްޖެއަށް ދެމުންދާ އެހީތައް ފާހަގަކުރައްވާ ވަޒީރުވަނީ ޗައިނާގެ ސަރުކާރަށާއި ޔުނާން ޕްރޮވިންސުންގެ ވެރިންނަށް ޝުކުރުއަދާކުރައްވާފައެވެ. ކުޅިވަރު ޒަރީޢާއިން އެގައުމުން ފޯރުކޮށްދެމުންދާ އެހީތަކަކީ ރާއްޖެއިން ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމުގައި މުހިއްމު ދައުރެއް އަދާކުރާ ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
"ސަރުކާރުގެ ނަމުގައި އަދި ވަކިން ޚާއްސަކޮށް، ކުޅިވަރު ވުޒާރާގެ ނަމުގައި ޔުނާން ޕްރޮވިންސްގެ ވެރިންނަށް ހިތުގެ އަޑިން ޝުކުރުދަންނަވަން. އަދި މިފަދަ ދީލަތި އެހީތަކެއް ދެއްވާކަމަށްޓަކައި ޗައިނާ ސަރުކާރަށްވެސް ހިތުގެ އަޑިން މިފުރުސަތުގައި ޝުކުރު އަދާކޮށްލަން" ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރާއްޖެއަށް ހަދިޔާކޮށްފައިވާ ބައެއް ތަކެތީގެ ތެރޭގައި، ފުޓުބޯޅަ، ބާސްކެޓްބޯޅަ، ބެޑްމިންޓަން ރެކެޓުގެ އިތުރުން، މި ނޫންވެސް ދިވެހި ޒުވާނުންގެ މެދުގައި މަގުބޫލު ކުޅިވަރުތައް ކުޅުމަށް ބޭނުންވާ ބައެއް ސާމާނު ހިމެނެއެވެ. އަދި ޗައިނާގެ ފަރާތުން ފާއިތުވީ އަހަރެއްހައި ދުވަހުގެ ތެރޭގައި މިފަދަ އެހީތެރިކަމެއް ވެދިން މިއީ ތިންވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ