ލައިސަންސް އޮތް މަސްވެރި އުޅަނދުތަކުގެ ޢަދަދު 502އަށް

ލައިސަންސް ނަގައިގެން ރަސްމީކޮށް މަސްވެރިކަމުގައި މަސައްކަތް ކުރާ އުޅަނދުތަކުގެ އަދަދު 502އަށް އަރާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީގެ ތެރޭގައި ކަޅުބިލަމަހާއި، ކަންނެލި އަދި މަސްވެރިކަމުގެ އެހެނިހެން ބާވަތްތަކުގެ ލައިސަންސް ނަގައިގެން މަސައްކަތް ކުރަމުންދާ އުޅަނދުތައް ހިމެނެއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރު ކަޅުބިލަމަހުގެ މަސްވެރިކަމަށް ނުކުތް އުޅަނދުތަކުގެ އަދަދު ވަނީ 59 އަށް އިތުރުވެފައެވެ. މިދިޔަ އަހަރު މަސްވެރިކަން ކުރުމުގެ ލައިސަންސް އައު ކޮށްގެން 191 އުޅަނދު މަސައްކަތް ކުރިއިރު، މި އަހަރު އެ އަދަދު ވަނީ 250 އަށް އިތުރުވެފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން، ދޮށީގެ މަސްވެރިކަމާއި ކަންނެލި މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ ޖުމްލަ އަދަދަކީ 441 އެވެ.
ކަނޑުމަސް: 460 އުޅަނދު
ފަރުމަސް: 10 އުޅަނދު
ފާނަ: 27 އުޅަނދު
ހުއިފިލަނޑާ: 4 އުޅަނދު
އެކުއޭރިއަމް(މަސް):1 އުޅަނދު
ރާއްޖޭގެ މަސްވެރިކަމުގައި ބޭނުންކުރާ އުޅަނދުފަހަރު ބަނުމަށް ބޭނުންކުރާ ސާމާނަށް އަންނަ ބަދަލުތައްވެސް މި ހިސާބުތަކުން ހާމަވެއެވެ. މީގެކުރިން މަސްވެރިކަމުގައި ބޭނުންކުރި ލަކުޑި ދޯނިފަހަރުގެ އަދަދު މިހާރު ވަނީ 114 އަށް މަދުވެފައެވެ. އަދި ފައިބަރުން ބަނދެފައިވާ އުޅަނދުތަކުގެ އަދަދު ވަނީ، 387 އަށް އިތުރުވެފައެވެ.
މިހާތަނަށް މަސްވެރިކަމުގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ 90 އަށްވުރެ ގިނަ މަސްވެރިންނަށް ލޯނު ދޫކޮށްފައިވެއެވެ. އަދި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތު ކުރުމަށް ސްޕޯޓްސް ފިޝިން ނުވަތަ މުނިފޫހިފިލުވުމަށް ކުރާ މަސްވެރިކަން ތަރައްޤީ ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މީގެއިތުރުން ކަނޑުފަޅުން ލިބޭ ނަފާ އިތުރު ކުރުމަށް މުޅިން އައު ސިނާޢަތެއްގެ ގޮތުގައި މެރިކަލްޗަރއާއި އެކުއަކަލްޗަރވެސް ދަނީ ތަރައްޤީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ