ދެ ހަފްތާއިން 90 ހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފި

އަހަރުގެ މިހާތަނަށް 90 ހާހަށްވުރެ ގިނަ ފަތުރުވެރިން ދިވެހިރާއްޖެ ޒިޔާރާތްކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޖުމުލަ 90,659 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާއިރު އެއީ ފާއިތުވި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އަށް އިންސައްތަ އިތުރު އަދަދެކެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2023 ވަނަ އަހަރުގެ އެ މުއްދަތުގައި 75,491 ފަތުރުވެރިން ރާއްޖެ ޒިޔާތް ކޮށްފައިވާއިރު، މިދިޔަ އަހަރު އެ މުއްދަތުގައި 83,966 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވެއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝިޔާއިންނެވެ. އެ ގައުމުން މިހާތަނަށް 12,920 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާއިރު އެއީ ރާއްޖެ ޒިޔާރާތް ކުރި ފަތުރުވެރިންގެ 14.3 އިންސައްތައެވެ.
ދެން އެންމެ ގިނަ ފަތުރުވެރިން އައީ އިޓަލީއިންނެވެ. އެ ގައުމުން މިހާތަނަށް ޖުމުލަ 10,662 ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައިވާއިރު ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ލިސްޓުގައި އޮތް އިނގިރޭސި ވިލާތުން މިހާތަނަށް 7,698 ފަތުރުވެރިން ޒިޔާރާތް ކޮށްފައިވެއެވެ.
ފަތުރުވެރިކަމަށް މިހާރު ރާއްޖޭގައި ޖުމްލަ 1,167 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 172 ރިސޯޓާއި 825 ގެސްޓްހައުސްގެ އިތުރުން 155 ސަފާރީ އާއި 15 ހޮޓެލް ހިމެނެއެވެ. މިތަންތަނުގައި ފަތުރުވެރިކަމަށް 61,464 އެނދު އޮޕަރޭޓްކުރެއެވެ.
މި އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި މިއަހަރުތެރޭ 2.2 މިލިޔަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ