އިސްރާއީލުން ފަލަސްތީނުގެ 46,000 ރައްޔިތުން ޝަހީދުކޮށް, އަހަރު ދުވަހަށްފަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިއިރު, އެގައުމާ ދެކޮޅަށް ފިޔަވަޅު ނާޅާ ހަމައެކަނި މުސްލިމް ގައުމަކަށް އޮތީ ރާއްޖެ!

އިސްރާއިލުން ޣައްޒާގައި ހުއްޓުމެއް ނެތި ދެމުންގެންދާ އުދުވާނީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމާއެކު، ޣައްޒާގައި އުފާ ފާޅު ކުރަން ވަނީ ފަށައިފިއެވެ.
އިސްރާއީލުން ފަލަސްތީނުގެ 46,000 ރައްޔިތުން ޝަހީދުކޮށް, އަހަރު ދުވަހަށްފަހު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިއިރު, އެގައުމާ ދެކޮޅަށް ފިޔަވަޅު ނާޅާ ހަމައެކަނި މުސްލިމް ގައުމަކަށް އޮތީ ރާއްޖެކަން ވަނީ ހާމަވެގެން ގޮސްފައެވެ.
ރައީސް މުއިއްޒުގެ ކެބިނެޓުން ވަނީ އިސްރާއީލުގެ ރައްޔިތުންގެ ޕާސްޕޯޓުތައް މަނާކުރުމަށް ނިންމާ, އެހެންނަމަވެސް އެނިންމުންވެސް ތަންފީޒު ކުރުމަށް ދެކޮޅު ހަދާފައެވެ. އަދި, އަނިޔާވެރި އިސްރާއީލުގެ ޕާސްޕޯޓު މަނާކުުރަށް އިދިކޮޅު އެމްޑީޕީން މަޖިލިހަށް ހުށަހެޅި ބިލްވެސް މުއިއްޒުގެ އަމުރަށް ވަނީ ހުއްޓުވާފައެވެ. އޭގެ އިތުރަށް, އިސްރާއީލަށް ފިޔަވަޅު އެޅުމަށް ގޮވާލި އާންމު ދިވެހި ރައްޔިތުން މުއިއްޒުގެ އަމުރަށް ވަނީ ހިފާ ހައްޔަރުވެސް ކޮށްފައެވެ.
ހަމަ އެއާއެކު މުއިއްޒުގެ ސަރުކާރުން ދަނީ, އިސްރާއިލުން ގާތިލުންނަށް ރާއްޖެއަށް އައިސް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތުވެސް ފަހިކޮށް ދެމުންނެވެ.
ޣައްޒާގައި މިފަހުން ބޮޑު ގަތުލުއާންމު ފެށުނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހެވެ. އެ ދުވަހުގެ ފަހުން މިހާތަނަށް ޣައްޒާގައި 46،707 މީހަކު ޝަހިދުކޮށްލައި، 110،265 މީހުން ޒަހަމްކޮށްލާފައި ވެއެވެ.
މި ބޮޑު ގަތުލު އާންމަށް 467 ދުވަހަށް ފަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް ރުހުން ދީފައެވެ.
ސްކައި ނިއުސް އިން ރިޕޯޓްކޮށްފައިވާގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ރުުހުން ދިންތާ މިނެޓެއްގެ ތެރޭގައި ޣައްޒާގައި އުފާފާޅުކުރަން ފެށިއެވެ. މިގޮތުން ޚާން ޔޫނުސްގެ މަގުތަކުގައި ފަލަސްތީނު މީހުން އުފާފާޅުކުރަމުން ގޮސްފައިވާ ކަަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެެވެ.
ރަހީނުކޮށްފައި ތިބި މީހުން ދޫކޮށްލުމުގެ އެއްބަސްވުމަކަށް ގޮވާލާ ތެލްއަވީވް އާއި ގުދުސްގައި މުޒާހަރާކުރަމުން އަންނަ އިރު، އެ ސިޓީގެ ބައެއް ސަރަހައްދުތައް ހުއްޓުމަކަށް އައިސްފައި ވެއެވެ. މި އެއްބަސްވުމާއެކު އެ މީހުންގެ އާއިލާ މީހުން ވަރަށް އަވަހަށް ގެއަށް އަންނާނެ ކަމުގެ އުއްމީދާއި ހިތްހަމަޖެހުން މިހާރު ބޮޑުވެފައިވާ ކަަމަށްވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި އެއްބަސްވުމަށް އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ރުހުން ދޭން ޖެހޭނެއެވެ. އެކަމަށް މާދަމާ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ހަރުކަށި ފިކުރުގެ ބައެއް ސިޔާސީ ފަރާތްތަކުން އެ އެއްބަސްވުމަށް ދެކޮޅު ހެދިޔަސް، އެކަން ފާސްވާނެ ކަމަށް ސްކައި ނިއުސް އިން ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ