ހަފްތާ ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ ހަފްތާ ބަންދުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
އެގޮތުން ހުކުރު ހޮނިހިރުގައި އުތުރުގެ ރަށްތަކަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި އަދި އެ ދެ ދުވަހު ރާއްޖޭގެ އެހެން ހިސާބުތަކަށް ގަދަ ވަޔާއެކު ވިއްސާރާ ކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން ބުނީ މި ދުވަސްވަރަކީ ރާއްޖޭގެ ސަރަހައްދަށް ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސްވަރު ކަމަށާއި މިދުވަސްވަރު ކޮޅިގަނޑުތައް އުފެދުމުގެ ފުރުޞަތު އޮންނަ ކަމަށެވެ. އެގޮތުން، ބަންގާޅު ކަނޑުގައި ކޮޅިގަނޑެއް އުފެދި ކުރިއަށް އޮތް 2 ދުވަހުގެ ތެރޭގައި ދެކުނު އިންޑިއާގެ ޓެމިލްނާޑޫގެ އައްސޭރިފަށާ ދިމާއަށް ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި ރާއްޖެއާ ދުރުން ދެކުނުގައި ވެސް ކޮޅިގަނޑެއް އުފެދި ހުޅަނގަށް ޖެހެމުންދާނެ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެެ.
މޫސުން ގޯސްވެ ދާދިފަހުން ކުރި ވިއްސާރައިގައި ނ. ހެނބަދޫ 75 ގެއަކަށް ފެން ވަދެ ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. ހެނބަދޫގެ އިތުރުން ވިއްސާރައިގެ ސަބަބުން ޅ.ކުރެންދޫ، އަދި ނ. ކެނދިކުޅުދޫ އަށް ވެސް ގެއްލުންތަކެއް ލިބިފައިވެ އެވެ
ހަފްތާ ބަންދުގައި ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ