ރުއްގަސް 500ރ. އިން ދަށުގައި އަގުކުރާ މާއްދާ ސުޕްރީމް ކޯޓުން އުވާލައިފި

ޝަރީއަތްކުުރުމާ ބެހޭ ގަވާއިދުގައި ރުއްގަހަށް ކަނޑައަޅާފައިވާ އަގުތައް މިހާރަށް އެކަށީގެން ނުވާތީ، ރުއްގަހަށް އަގު ކަނޑައެޅުމާ ބެހޭ މާއްދާ އުވާލައި، އަގު ކަނޑައެޅުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޖީޑީއޭ) ގައި އޮންނަ ޝަރުއީ އަގު ކޮމިޓީގެ ދަށަށް ސުޕްރީމް ކޯޓުން ބަދަލުކޮށްފި އެވެ.
ރުއްގަހަށް އަގު ކަނޑައެޅުމާ ބެހޭ މާއްދާ ކަމަށްވާ، ޝަރީއަތް ކުރުމާ ބެހޭ ގަވާއިދު 6 ގެ 241 ވަނަ މާއްދާ އުވާލާފައި ވަނީ ސުޕްރީމް ކޯޓުން މިރޭ ނެރުނު ސާކިއުލާއެއްގަ އެވެ. އެ ސާކިއުލާގައި ބުނެފައި ވަނީ ޝަރުއީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތަންތަނާއި ތަކެތި ޝަރުއީ އަގު ކުރުމާއި އިސްޕެކްޓް ކުުރުމާއި އެސެސްމަންޓް ހެދުމަށް ޑީޖީއޭގައި ޝަރުއީ އަގު ކޮމިޓީއެއް އޮންނަންވާނެ ކަމަށް ޝަރުއީ އަގުުކުރުމާ ބެހޭ ގަވާއިދުގައި ވެސް ބުނާ ކަމަށެވެ. އެހެންވެ ރުއްގަސް އަގުކުރާނީ ވެސް އެ ކޮމިޓީން ކަމަށް ކަނޑައެޅީ ކަމަށް ސާކިއުލާގައިވެ އެވެ.
މީގެ 12 އަހަރު ކުރިން ހަދާފައިވާ ޝަރީއަތް ކުރުމާ ބެހޭ ގަވާއިދު 6 ގެ 241 ވަނަ މާއްދާގައި އެކި ގަސްގަހުގެ އަގު ވަކިވަކިން ބަޔާންކޮށްފައި ހުރެ އެވެ. އެ މާއްދާގައި ބަޔާންކޮށްފައިވާ ގަސްތަކުގެ ތެރެއިން އެންމެ އަގު ބޮޑީ ދިވެހި ރުކެވެ. ފޯދިފައިވާ، ގިނައިން އެއްޗެތި ގަންނަ ވަކަރުލާ މޮޅު ރުކެއްގެ އަގަކީ 500ރ. ކަމަށް ގަވާއިދައި ބުނެ އެވެ. އެގޮތުން އެކި ފެންވަރުގެ ރުއްތަކުގެ އަގު އުޅެނީ 100ރ. އާއި 500ރ. އާ ދެމެދުގަ އެވެ. އެންމެ އަގު ދަށީ ފަތްކެޔޮ ނިރުގަ އެވެ. އެއީ 46 ލާރި އެވެ. ފަތްކެޔޮ ގަހެއްގެ އަގަކީ 1.87ރ، އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ