(ބުދަ
ދުވަހުގެ ބަޔާ ގުޅޭ)
ހަމްރާއު އަބަދުވެސް ކުރާނީ މެސެޖެވެ. ނުއެއް ގުޅާނެ އެވެ. މިއަދު އެ ގުޅަނީ
ކީއްވެބާވަ އެވެ؟ އެންމެންތެރޭ ފޯނު ނަގާފައި ވާހަކަދައްކަން ފަށާނީ ވެސް ކިހިނެއް ހެއްޔެވެ؟ ހާސްވެގެން ހޫރައިންއަށް ހަނދާނެ ގޮތެއް ހުސްވި އެވެ.
"ކާކުތަ އެ ގުޅަނީ؟ ބަލަން ނުހުރެ ފޯނު ނަގަންވެއްޖެއެއްނު،"
އަމްރުއަށް އުނދަގޫވެގެން ހޫރައިންއަށް ނަޒަރެއްދީފައި ބުނެލި އެވެ.
ހޫރައިންއަށް ބަލައިލެވުނީ ސާއިމްއަށެވެ. ސާއިމް ލާނެތް ހިނިތުންވުމެއް
ވެރިކޮށްލާފައި ކެއުމާއިގެން ކުރިއަށް ދިޔަ އެވެ. ރިންގް އަޑު ކަނޑާލައިފައި
ހޫރައިން މޭޒު ދޮށުގައި އިށީނދެއްޖެ އެވެ. ފޯނު ނަގާނެ ހިތްވަރެއް އޭނައަކަށް
ނުލިބުނެވެ. ބަހަނާއެއް ދައްކަންވެގެން ބުނީ ކޮންމެވެސް އެކުވެރިއަކު ނޯޓްސް
ގެންދަން ހަނދާންކޮށްދޭން ގުޅަނީ ކަމަށެވެ. އަދި ކޮލެޖުން ބައްދަލުވާނެ
ކަމުގަ އެވެ.
ކޮލެޖަށް ގޮސް ހޫރައިއަށް އިނދެވުނީ ގިނަ ވަގުތު ވިސްނުމެއްގަ އެވެ. އޭނަ
އެ ކުރަނީ ގޯސް ކަމެއް ނޫން ނަމަ އެގޮތަށް އެންމެންތެރޭ ފޯނަށް ޖަވާބު ނުދެވެންވީ
ސަބަބެއް ނެތެވެ. ސިއްރު ކުރަން ޖެހޭނީ އޭގައި ކޮންމެވެސް މިންވަރެއްގެ ގޯހެއް
އުޅޭތީ އެވެ. ހަމްރާއު ވެސް އަބަދު އަންހެނުންނާއި ދަރިންގެ ވާހަކަ ދެއްކިއަސް
އޭނަ އާއި ހަމްރާއުގެ އެ ގާތް ގުޅުމުގެ ހަބަރު އަންހެނުންނަށް އެނގޭ ހެއްޔެވެ؟
ގެއަށް އައިސް ފޯނު އަޑު ކަނޑާލައިފައި އެނދު ކައިރީ ހުރި ކަބަޑުތެރެއަށް
ލައިފައި ހޫރައިން ނިކުމެ އުޅުނީ ބޭރުގަ އެވެ. އެއްވެސް ވަރަކަށް ފޯނަށް ސަމާލުކަން
ދޭކަށް އޭނަ މިއަދު ބޭނުމެއް ނޫނެވެ. ބޭނުންވަނީ އެ ފޯނު ވުޖޫދުގައި ވެސް އޮތްކަން
ހަނދާން ނައްތައިލާށެވެ.
ނަބީލާއާއެކު މެންދުރު ކެއުން ނިންމާފައި ތަށިތައް ނަގައި މޭޒުމަތި
ރީތިކުރުމަށް ފަހު ހަވީރު ސަޔަށް ހެދިކާއެއް ހަދަން އުޅުނީ ވެސް ދެ މީހުން
އެކީގަ އެވެ. އާންމުކޮށް ނުކުރިއަސް ދޭތެރެއަކުން ބައެއްފަހަރު ގޭގައި ސައިހެދުމަކީ
ނަބީލާ ކުރާހިތްވާ ކަމެކެވެ. ބައެއް ފަހަރު އަވަށްޓެރިންނަށް ވެސް ގެންދާނެ އެވެ.
އަނެއްބައި ފަހަރު ގާތް މީހަކަށް ދައުވަތުދީގެން ގެންނާނެ އެވެ. އެކަމަކު
ބައެއް ފަހަރު ހަމައެކަނި އެމީހުން އެކަނި ވެސް ސައިބޯލައި އެކީ ވަގުތު ހޭދަކުރުމަށް
އެކަން ކުރެ އެވެ.
ހޫރައިން ކޮޓަރިއަށް ވަނީ ނަމާދުކުރަން ވެގެންނެވެ. ފޯނާ ނުލާ ވަގުތުކޮޅެއް
ހޭދަވުމުން ހަގީގަތުގައި ވެސް އޭނަ ހުރީ ހަނދާން ނެތިފަ އެވެ. ޒިކުރު ކިޔަންވެގެން
ގެންގުޅޭ ކައުންޓަރު ބަލައި ކަބަޑު ހުޅުވާލުމާ އެކު ލޮލުގައި އަޅައިގަތީ އެކަމަކު
ފޯނެވެ. ދެން އެ ނުނަގައެއްނުވި އެވެ. ހަމައެކަނި ޗެކްކޮށްލަން ބޭނުންވީ ހަމްރާއުގެ
މެސެޖެއް ނޫނީ މިސްކޯލެއް އިންތޯ އެވެ.
ވިސްނަން ހުރެފައި އެންމެފަހުން ނަގައި ބެލިއިރު މެސެޖްކޮށްފައި
އެބަހުއްޓެވެ. މިސްކޯލު ވެސް ހުއްޓެވެ. ހަމްރާއު ސުވާލުކޮށްފައި ހުރީ އޭނަގެ ހަބަރެއް ނުވެގެންނެވެ. ހާލު ރަނގަޅުތޯ އާއި ކަމެއް ގޯސްވީތޯ އެވެ. ވާހަކަނުދައްކާ
ސަބަބާއި އޭނައަށް ކަމެއް ގޯސްކޮށް ކުރެވުނުތޯ އަހައިފަ އެވެ. އެކަމެއް ނޭނގި ވެސް
އަމިއްލައަށް މާފަށް އެދިފަ އެވެ. ކޮންމެވެސް ޖަވާބެއް ދިނުމަށް އެދިފަ އެވެ.
ފަހަރަކު މެސެޖެއް ކިޔާލަކިޔާލާ ހޫރައިންއަށް ހުރެވުނެވެ. އާދައަކަށްވެފައި
ހުއްޓާ ކުއްލިއަކަށް އޭނަ ކުރިކަމަކުން ހަމްރާއުއަށް ވަރަށް އުނދަގޫވެއްޖެކަން
އިހްސާސްވި އެވެ. ރަނގަޅު ގޮތަކީ ވީގޮތް ބުނެފައި ގުޅުން ކަނޑާލުމެވެ.
ހޫރައިން ފޯނު ހިފައިގެން ބެލްކަންޏަށް ނިކުމެލީ ހަމްރާއުއަށް ގުޅައިގެން
ހުރެ އެވެ.
"ހަލޯ. ހޫރައިން؟" ހަމްރާއު ނިކަން އަވަހަށް ފޯނު ނަގައިފި އެވެ.
"ކިހިނެއްވީ ހޫރައިން؟ ކީއްވެ އަހަރެން ފޯނު ކުރީމަ ނުނަގަނީ؟
މެސެޖަކަށް ވެސް ޖަވާބެއް ނުދެމެއްނު. ޑިޑް އައި ޑޫ ސަމްތިން ރޯންގް؟"
ހަމްރާއުގެ އަޑުގައި ހުރީ ކަންބޮޑުވުމެވެ.
ހޫރައިންއަށް ޖަވާބު ދޭން ދަތިވެގެން އިރުކޮޅަކު ހިމޭނުން ހުރެވުނެވެ.
"ހަމްރާއު!" ހޫރައިން މަޑުމަޑުން ގޮވާލި އެވެ.
"އަވަހަށް ބުނޭ ހޫރައިން،" ހަމްރާއު ހީވަނީ އެއްތާކު ނީނދެވިގެން
ދެކޮޅަށް ހިނގާހެންނެވެ. އަޑު އަންނަ ގޮތުން ހީވަނީ އެހެންނެވެ.
"އަހަރެން މިއަދު ވަރަށް ވިސްނިން."
"ކޮންކަމަކާ ވިސްނީ؟" ހޫރައިންގެ ވާހަކަ ފުރިހަމަކުރާނެ ފުރުސަތެއް
ނުދީ ހަމްރާއު އަވަހަށް އެހި އެވެ. ހަގީގަތުގައި ވެސް އޭނަ އެ ހުރީ ހިތްއަވަސްވެފަ
އެވެ. ވާނުވާ ނޭނގިގެން ކަންބޮޑުވެފަ އެވެ.
"މިއަދު ހަމްރާއު ގުޅީ އަހަރެން ކޮލެޖަށް ދާން ނިކުންނަނިކޮށް. އެ ގަޑީ
ސައިމޭޒު ދޮށުގައި އެންމެން ތިބި. އެން އައި ޖަސްޓް ކުޑް ނޮޓް ޓޯކް ޓު ޔޫ
އެ މީހުންގެ ކުރިމަތީގަ. އަހަންނަކަށް ނުކެރުނު ބުނާކަށް ހަމްރާއުގެ ކޯލެކޭ،"
ހޫރައިންއަށް ނިތުގައި އަތުން ހިފަހައްޓައިލެވުނެވެ.
"އޯ،" ހަމްރާއު ބުނެލިއަޑު އަ އެވެ.
"އެ މީހުން ކުރިމަތީ ނުކުރެވޭ ކަމެއް އެ މީހުންގެ ފަހަތުގައި ކުރުމަކީ
ރަނގަޅު ކަމަކަށް ނުވާނެއޭ ހިތް ބުނަނީ،" ހޫރައިން އިތުރަށް ކިޔައިދިނެވެ.
ހަމްރާއު އިހުތިޔާރުކުރީ ހިމޭންކަމެވެ. ފުރަތަމަ ނެގިއިރު އެތައް ވާހަކައެއް
ދައްކަން ހުރިހެން ހީވި އެވެ. އެކަމަކު ހޫރައިންގެ ވާހަކަ އަހާފައި އޭނަގެ ހިޔާލު
ބަދަލުވެއްޖެ ކަހަލަ އެވެ.
"މައްސަލައަކީ އަހަރެމެންގެ އެކުވެރިކަމެއް ނޫން. މައްސަލައަކީ ހަމްރާއު
ތީ މީހެއްގެ ފިރިއަކަށްވުން. މައްސަލައެއް ޖެހޭ ދުވަހަކުން ހުރިހާ ބްލޭމްއެއް
އަންނާނީ އަބަދުވެސް އަންހެނުންނަށް. އެންމެން ވެސް ގޯސްކުރާނީ އަންހެނުން.
އެހެންވެ އަހަންނަށް ވިސްނުނު އެންމެ ރަނގަޅު ގޮތަކީ މި ގުޅުން ކަނޑާލުން،"
ހަމްރާއުގެ ރައްދެއް ނައުމުން ހޫރައިން އަމިއްލައަށް އަމިއްލަ ނިންމުން އިއްވައިފި
އެވެ.
"ހޫރައިންއަށް ދެރައެއް ލިބޭ އެއްވެސް ގޮތަކަށް އަހަރެން އެއްވެސް
ކަމެއް ނުކުރާނަން،" ހަމްރާއު ޖަވާބުގައި ބުނިހާ ވެސް އެއްޗަކީ އެއީ އެވެ.
ދެން ފޯނު ކެނޑިއްޖެ އެވެ. ހޫރައިންއަށް އެ ފޯނު ތިރިކޮށްލާފައި ބަލަން
ހުރެވުނެވެ. އެއީ އޭނަ އުންމީދުކުރި ގޮތެއް ނޫނެވެ. އެހާ ކުރު ޖަވާބެއް ދީފައި
އެހާ ފަސޭހައިން ހަމްރާއު އޭނައާ ވަކިވީ ހެއްޔެވެ؟ ހަމްރާއުގެ ދިރިއުޅުމުގައި އޭނަގެ
އަހައްމިއްޔަތު ކަމަކީ އެހާވެސް ކުޑަކުޑަ އެއްޗެކެވެ.
ހޫރައިންގެ ހިތަށް ތަދުވެއްޖެ އެވެ.
ކޮޓަރިއަށް ވަދެ އެނދަށް އަރައި ދެ ކަކޫ ގެނެސް މެޔާލައި ބޮނޑިކޮށްލައިގެން އިނދެފައި
އިރުކޮޅަކުން، ކައިރީ ބޭއްވި ފޯނަށް ބަލައިލެވުނެވެ. ހަމްރާއު ފޯނު ބޭއްވި ގޮތަށް
އެ ނިންމުމާ މެދު ނުރުހިގެން އަލުން ނުވެސް ގުޅި އެވެ.
ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ދިޔަ އެވެ. ކޮންމެ ދުވަހަކު ފޯނަށް މެސެޖެއް
އަންނަ ކޮންމެ ފަހަރަކު ހޫރައިންގެ ހިތް އަވަސްވެލަ އެވެ. ރިންގްވާ އަޑު އިވޭ އިރަށް
އެ ކުރަން ހުންނަ ކަމެއް ދޫކޮށްލާފައި އަވަހަށް ގޮސް ފޯނު ނަގައި ގުޅަނީ ކާކުތޯ
ބަލައިލެވެ އެވެ. އެކަމަކު އެއިން ކޮންމެ ފަހަރަކު ގުޅަނީ އަދި މެސެޖް ކުރަނީ
ހަމްރާއު ނޫންކަން އެނގޭއިރަށް އޭނަގެ ހިތް ގެނބިގެންދެ އެވެ. ވަކިވުމުގެ
ނިންމުމަކީ އަމިއްލަ ނިންމުމެއް ކަމަށް ވީ ހިނދު ހަމްރާއުއަށް ގުޅާފައި އެ ނިންމުން
ބަދަލުކުރަން ބުނެފާނަމޭ ހިތަށް އަރަ އެވެ. އަނެއްކޮޅުން އެ ވަކިވުމުގެ ސަބަބު
އޭނަގެ ޒަމީރު ހަނދާންކޮށްދެ އެވެ. އުނދަގޫ ވިއަސް އޭނަ ޖެހޭނީ އެގޮތުގައި
ހުންނާށެވެ. ރަނގަޅު ގޮތަކީ އެއީ އެވެ. އިރާދަކުރެއްވިއްޔާ މަޑުމަޑުން އެ ނިންމުން
ބަލައިގަނެވިދާނެ އެވެ.
***
ކޮލެޖުން ޗުއްޓީ ލިބުމާއެކު ހޫރައިން ބޭނުންވީ މާލޭގައި ނުހުރެ ކޮންމެވެސް
ތާކަށް ފުރައިގެން ދާށެވެ. ރަށަށް ނުގޮސް ދުވަސްތަކެއް ވެފައި ވުމުން ރަށަށް ދާން
އެ ހިތް އެދެން ފެށި އެވެ. އަމިއްލަ ގެ މިހާރު ހުންނާނީ ހުސްކޮށެއް ވެސް ނޫނެވެ.
އެންމެ ދޮށްޓަށް ހުންނަ ބޭބެ ހާރިސް މީހަކާ އިނދެގެން އަންހެނުންނާ އެކު އުޅެނީ
މިހާރު އެ ގޭގަ އެވެ. އެ މީހުން ވެސް އޭނަ ނުގޮސްގެން މިހާރު ކިޔާތާ
ދުވަސްކޮޅެއް ވެއްޖެ އެވެ.
ފުރުމުގެ ވަގުތުގައި ހޫރައިންގެ ހަމައެކަނި ކަންބޮޑުވުމަކަށް ވީ ހަނާންގެ
ބޮޑައިހޭކުމެވެ. މަންމައާ ދުރުގައި ވެސް ހުރެދާނަމޭ ކިޔައިގެން ހަނާން ހަމަ
ވަރުދައްކާލީ ހޫރައިން ފަހަތުން ދާންވެގެންނެވެ. އެ ކުއްޖާ ރުއްސީ ސާއިމް
ކަންފަތްދޮށުގައި ކޮންމެވެސް ސިއްރެއް ކިޔައިގެންނެވެ.
ރަށަށް ފޭބިއިރު ހާރިސް ހުރީ ބަލާ އައިހެވެ.
"ވަރަށް ގަދަތަ؟" ހޫރައިން ފެނުމުން ހިނިތުންވުމެއް ވެރިކޮށްލާފައި
އައިސް އޭނަގެ ފޮށީގައި ހިފި އެވެ.
"ކުޑަކޮށް. ނަސީބަކުން ހޮޑެއްނުލެވޭ،" ހޫރައިން ޖަވާބުގައި
ވާހަކަދެއްކި އެވެ.
ސައިކަލުގައި އެކީގައި އައި އެހެން ޒުވާނަކަށް ފޮށި ހަވާލުކޮށްފައި ހޫރައިން
އެރުވީ ހާރިސްގެ ސައިކަލު ފަހަތަށެވެ.
ގޭގެ ދޮރާށްޓާ ހަމައިން ވެސް ހޫރައިންއަށް ފެނުނީ އައިސްފައިވާ
ބަދަލުތަކެވެ. ފުރަތަމަ ކަމަކަށް، ކުރީގައި ދޮރާށީގެ ބަދަލުގައި ހުންނާނީ
ހަމައެކަނި ތިރިކޮށް ރާނާލައިފައިވާ ވަށާފާރަކާއި ގެއަށް ވަދެވޭ ދޮރެއް
ކަނޑާފަ އެވެ. މިހާރު އެ ހުރީ އެ ފާރު އެކީ އުސްކޮށް ނޫކުލައިގެ ދޮރާށްޓެއް ވެސް
ލައިފަ އެވެ. މައްޗަށް އަރުވާފައިވާ ފެހިކަން ގަދަ ވެލެއްގައި ހުދު ކުލައިގެ ކުދި
މާތަކެއް އަޅާ ފުރިފަ އެވެ.ު
ހާރިސް ސައިކަލު ފާރު ކައިރީ ބަހައްޓާފައި ހޫރައިންގެ ފަހަތުން ދޮރާށިން
ވަނެވެ. ގޯތިތެރޭގައި ހުރި އުނދޯއްޔެއް ހެއްލަން ނާޒް އިނދެފައި އެ ދެ މީހުން
ފެނިގެން ފުންމާލައިގެން އައީ އުފާވެރި ހިނިތުންވުމަކާއެކީގަ އެވެ.
ނާޒްއަކީ ހޫރައިން ކުރިން ވެސް ދަންނަ ކުއްޖެކެވެ. ހިތް ހެޔޮވެފައި އެންމެންނާ
ގުޅޭނެ އެވެ. އިސްކޮޅުން ދިގުވެފައި ހުންނަނީ ހިމަތޮޅިކޮށެވެ. އެކަމަކު ލައިފައި
ހުންނަ ދޫ ހެދުމުން އެކަން ފާހަގައެއް ނުވާނެ އެވެ.
"ހޫރައިން. ފައިނަލީ އާދެވިއްޖެ ދޯ،" ނާޒް ހޫރައިންއަށް ސަލާމަށް
އަތް ދިއްކޮށްލާފައި އިސްވެ ވާހަކަދެއްކި އެވެ.
"އަލްހަމްދުލިﷲ،" ހޫރައިންގެ ތުންފަތަށް ވެސް އުފާވެރި
ހިނިތުންވުމެއް ވެރިވި އެވެ.
ހޫރައިންއަށް ސައިދޭންވީއޭ ކިޔާފައި ހާރިސް ފުރަތަމަ ދާން ފެށީ ފޮށި
ހިފައިގެން ކޮޓަރިއާ ދިމާއަށެވެ. ނާޒް ހޫރައިންގެ އަތުގައި ހިފައިގެން ގެންގޮސް
ޒަމާނީ ގޮތަށް ހަދާފައިވާ ބަދިގެއަށް ވަނެވެ. ހޫރައިން ހަނދާންވީ މަންމަ އެވެ. މަންމަ
ދިރިއުޅުނުއިރު ބަދިގެ ހުރީ ގެއިން ބޭރުގަ އެވެ. މަންމަ ކައްކާއިރު އެހީވުމުގެ
ނަމުގައި ކައިރީގައި އެނބުރި އެނބުރިފައި ހޫރައިން އަބަދުވެސް ކުރާ ކަމަކީ
އެތިކޮޅުކޮޅު ކެއުމެވެ. މަސްލިޔެފައި ހުރިއްޔާ އެ ކާނެ އެވެ. އަލުވި މަޑުކޮށްފައި
ހުރިއްޔާ އެޔެވެ.
ނާޒް ސައި އަޅަމުން ހަނާން އާއި ގޭގައި އުޅޭ އެހެން މީހުންނާ ބެހޭގޮތުން
ސުވާލުކުރި އެވެ. ދެ މީހުން އެ ވާހަކައިގައި ތިއްބާ ހާރިސް ވެސް އައިސް އެ މީހުންނާ ބައިވެރިވެއްޖެ އެވެ.
"ކޯސް ނިންމާފަ އައިސް މިކޮޅު ސުކޫލަށް ދޯ ޖޮއިން ވާނީ؟" އެކި
ވާހަކަދައްކަމުން ނާޒް ކުއްލިއަކަށް އެހި އެވެ.
އެވަގުތު ހާރިސް ވެސް ހޫރައިންގެ މޫނަށް ބަލައިލީ އެ ސުވާލުގެ ޖަވާބަކަށް
އެދިގެންނެވެ.
"ނޭނގެ އަދި،" ހޫރައިން ކުޑަކޮށް ފަސްޖެހިފައި ޖަވާބުދިނެވެ. އެއީ
ހޫރައިން އަދި ނުވިސްނާ އޮތް ކަމެކެވެ.
އަހަރުތަކެއް ވަންދެން ރަށާ ދުރުގައި އުޅެވުމުން މިހާރު އެތާކު
އެކުވެރިންނެއް ވެސް ނެތެވެ. ދުރުތާ ތިމާގެ މީހުންނާ ވެސް މާ ގާތް ގުޅުމެއް
ނޯވެ އެވެ. އެހެންވެ ރަށަކީ މިހާރު އޭނަގެ ހިތާ މާބޮޑަށް ގުޅިފައި އޮތް
ފަސްގަނޑެއް ނޫނެވެ. ކޮންމެ ތާކު ދިރިއުޅުނަސް މަރުވެގެން ދާން އޮތީ އެންމެ
ތަނަކަށެވެ. ވަޅުލާނީ ހަމަ ފަސްގަނޑުގަ އެވެ. ކެނޑިނޭޅި މަސައްކަތް ކުރަންވީ
ރަނގަޅު ނިމުމެއް ހޯދުމަށެވެ.
ސައިބޮއިގެން ހޫރައިން ވަނީ ފެންވަރާލަންވެގެން ކޮޓަރިއަށެވެ. އޭނަ ހުންނަން
އެ މީހުން ތައްޔާރުކޮށްފައި ހުރީ ކުރިން މަންމަ އާއި ބައްޕަ ނިދި ކޮޓަރި އެވެ. މިހާރު
އެތަން ވެސް އެ ހުރީ މުޅިން މަރާމާތުކޮށް ބަދަލު ގެނެސްފަ އެވެ. ފާރުތަކުގައި މަޑު ނޫކުލައެއް ލައިފައި ފަރުނީޗަރު ވައްދައިފަ
އެވެ. ސިންގަލް އެނދާއި އަލަމާރިއެއްގެ އިތުރުން ރީތިވާ މޭޒެއް ބަހައްޓާފައި
ހުއްޓެވެ. ކޮޓަރިން ވަދެވޭ ގޮތަށް ފާހާނާއެއް ވެސް ހަދައިފަ އެވެ.
ހޫރައިން ފޮށި ގެންގޮސް އެނދު ކައިރީ ތިރީ ބާއްވާފައި ހުޅުވާލައިގެން
އަންނައުނުތައް ނަގައި އެނދުމައްޗަށް އެޅުމަށް ފަހު ގޮސް އަލަމާރި ހުޅުވި އެވެ.
އަލަމާރި އޮތީ ހުހަށެވެ. ހަމައެކަނި ފަށްޖަހާލައިފައި އޮތް މުސައްލައެއް
ފިޔަވަ އެވެ. ހުސް ކޮނޑުތައް ވެސް އަޅުވާފައި ހުރީ އޭނަ އަންނާތީ ކަންނޭނގެ އެވެ.
ހޫރައިން ހެދުންތައް އަލަމާރިއަށް އަޅަން ހުއްޓާ ފޯނު ރިންގް ވި އެވެ. އަތްދަބަސް ހުޅުވާލައިފައި ނަގައި ބެލިއިރު ނަބީލާ ގުޅަނީ އެވެ.
ފޯނު ނެގުމުން ނަބީލާ ފުރަތަމަ އެހީ ރަށަށް ދެވިއްޖެތޯ އެވެ. ހޫރައިން
ޖަވާބުދީފައި ހަނާންއާ ބެހޭގޮތުން ސުވާލު ކުރި އެވެ. ބައްޕަ ވެސް ވާހަކަދެއްކި
އެވެ. ކުޑައިރުކޮޅެއް ފަހުން ފޯނު ބާއްވާފައި ހެދުންތައް އަޅައި ފޮށި އެއްފަރާތުގައި
ބަހައްޓާފައި ވަނީ ފެންވަރާށެވެ.
ބޭރަށް ދާން ނިންމައިފައި އޮއްވާ އަސުރުކޮށްގެން ހޫރައިންއަށް ނިދުނީ އެވެ.
އެހެންވެ އެ ގަޑީ ބޭރަށް ނިކުމެވޭ ގޮތެއް ނުވި އެވެ. އެކަމަކު އޭނަ ރަށަށް އައި ހަބަރު ލިބިގެން ތިމާގެ ބައެއް މީހުން ބައްދަލުކުރަން އަ އެވެ. ގުޅައި ހާލު
ނުބެލިއަސް ބައްދަލުވެ އުފާވެރިކަމާއި ހިނިތުންވުމާ އެކު ވާހަކަދެއްކުމުން
ހޫރައިންގެ ޝަކުވާތައް ފިލައި އެ މީހުންނަށްޓަކައި ލޯބިން ހިތް ފުރުނެވެ. އޭނަ
އެއިން ކޮންމެ މީހަކު ވަކިވަކިން އެ ގޭގެއަށް ދާނެ ކަމަށް ވައުދުވި އެވެ.
ތަންމަތި ބަދަލުވުމުން ކަންނޭނގެ އެވެ. އެރޭ ހޫރައިންއަކަށް ނިދާކަށް ފަސޭހައެއް
ނުވި އެވެ. އޭނަ ތަންކޮޅެއް ލަސްވި ފަހުން ކޮޓަރިން ނިކުތްއިރު ހާރިސް އާއި ނާޒް
ސިޓިންރޫމްގައި ޖެހިފިތިގެން ކޮންމެވެސް ފިލްމެއް ބަލަން ތިއްބެވެ. އެހެންވެ އެ މީހުންނަށް
އުނދަގޫ ނުކުރަންވެގެން އަނެއްކާވެސް އެތެރެއަށް ވަނީ އެވެ.
ކޮންމެވެސް ވަރަކަށް ނިދިފައި ދެން ހޭލެވުނީ ފަތިހެވެ. ހޫރައިން ތެދުވެ ވުލޫކޮށްލި
އެވެ. ހެދުން ބަދަލުކޮށްލައިގެން އޭނަ އަލަމާރި ތެރޭ އޮތް މުސައްލަ އެޅުމަށް ފަހު
ނަމާދުކުރަން ފެށި އެވެ.
ކޮޓަރިން ނިކުތީ ފަތިސް ނަމާދު ވެސް ކޮށްގެންނެވެ.
"ހެލޯ. ގުޑް މޯނިން. ކޮފީއެއް ބޭނުންތަ؟" ނާޒް ބަދިގޭގައި ހުރެފައި
ހޫރައިން ފެނިގެން ސުވާލުކުރި އެވެ.
ހޫރައިން ބޯޖަހާލައިފައި ގޮސް އެތެރެއަށް ވަނެވެ.
ނާޒް ކޮފީ ހަދަން ފެށިއިރު ހޫރައިންގެ ނަޒަރު ގޮސް ހުއްޓުނީ ކުޑަދޮރުން
ބޭރުން ފެންނަން ހުރި މާގަސްތަކަކަށެވެ. ނާޒް ކޮފީ ދިނުމުން "ތޭންކްސް"އޭ ބުނެލައިފައި ހިފައިގެން ނިކުތީ ގޯތިތެރެއަށެވެ. ހޫރައިން ހިނގަމުން ހިނގަމުން އެންމެ
ފަހުން ދޮރާށި ހުޅުވާލައިފައި ނިކުމެއްޖެ އެވެ.
އާންމުކޮށް އެ ގަޑީ މަގުމަތިން މީހުން ގިނައިން ނުފެންނާނެތީ ޖެހިލުމެއްނެތި
ނިކުމެގެންދާން ކެރުނެވެ. ހޫރައިންގެ މިސްރާބު ހުރީ ކުޑަ ތަންކޮޅަކަށް
ހިނގާލާއިރަށް ނިކުމެގެން ހުރި އަތިރިމައްޗާ ދިމާއަށެވެ. އޭނަ ކުޑައިރު
އެންމެގިނައިން ކުޅެން އުޅުނީ ވެސް އެދިމާ އަތިރިމަތީގަ އެވެ.
ޖެހެމުންދިޔަ ވަޔާއެކު އެ ހިސާބުގައިވާ ގަސްގަހުގެ ފަތާއި ރުއްތަކުގެ ފަންތައް
ހެލެމުންދިޔަ އެވެ. ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުގެ އަޑު އެހާ ހިތްގައިމެވެ.
އުޑުމަތި ފެނުނީ މަޑު ފިޔާތޮށި ކުލައަކުންނެވެ. ހޫރައިން ހިނގަމުން ހިނގަމުން ގޮސް
އިށީނދެލީ އެތާ އެލުވާފައި ހުރި ދެ މީހަކަށް އިށީނދެ އިނދެވޭވަރުގެ އުނދޯއްޔެއްގަ
އެވެ. ކޮފީ ކޯވަރެއް ބޯލާފައި ކައިރީގައި ޖޯޑު ބަހައްޓައިގެން ދުރުގައިވާ ގުދުރަތީ
ރީތިކަމަށް ހިތް ދޫކޮށްލައިގެން އިނެވެ.
"މިތާ އިށީނަސް އެންމެ ރަނގަޅުތަ؟" އިރުކޮޅެއް ފަހުން ކައިރިން
މީހަކު ވާހަކަދެއްކި އެވެ.
(ނުނިމޭ)
ވާހަކަ: މިތުރާ މަގޭ - ސާދަވަނަ ބައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ