ދައުލަތާ އިދިކޮޅު ހަރަކާތެއް ހިންގަން އުޅުނު ކަމަށް ބުނެ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބަންދުކޮށްފައިވާ މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.
މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވާ ނާޒިމްގެ މައްސަލައިގައި މިއަދު ހައި ކޯޓުގައި ކުރިއަށް ގެންދިޔައީ އޭނާ ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުމާއި އޭނާ 15 ދުވަހަށް ބަންދުކުރަން އެ ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފް އަޑުއެހުމެވެ. އެ ދެ މައްސަލަ ވެސް ހައި ކޯޓަށް ހުށަހެޅީ ނާޒިމްގެ ފަރާތުންނެވެ.
އެ ދެ މައްސަލައިގެ އަޑުއެހުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނާޒިމްގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ވަކީލް މައުމޫން ހަމީދު ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ އެ ދެ މައްސަލައިގެ ހުކުމް ކުރުން ކަމަށް ފަނޑިޔާރުން ވިދާޅުވެފައިވާ ކަމަށެވެ. އަދި މިއަދުގެ އަޑުއެހުން ކުރިއަށް ގެންދިޔަ ގޮތާ މެދު ހިތްހަމަޖެހޭ ކަމަށާއި ދައްކަން ބޭނުންވި ވާހަކަތައް ދެއްކުމުގެ ފުރުސަތު ލިބުނު ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މެންދުރު 2:00 އިން ފެށިގެން ވަކިވަކިން ކުރިއަށް ގެންދިޔަ އެ ދެ މައްސަލައިގެ އަޑުއެހުމަށް ތިން ގަޑިއެއްހާ އިރު ހޭދަވި އެވެ. ނަމަވެސް ހައި ކޯޓުން މިދިޔަ މަހު ހެދި ގަވާއިދެއްގެ ދަށުން ބަންދު އަމުރުގެ މައްސަލަތަކުގެ އަޑުއެހުމަށް ނުވަދެވޭތީ އެ މައްސަލައިގެ އަޑުއެހުމަށް އެއްވެސް ފަރާތަކަށް ނުވަދެ އެވެ.
އެ އަޑުއެހުން ކުރިއަށް ދިޔަ ވަގުތު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްޑީޕީއަށް ތާއީދުކުރާ ގިނަ ބަޔަކު ހައި ކޯޓު ކައިރިއަށް އެއްވެ، ނާޒިމް ދޫކޮށްލުމަށް އަޑު އުފުލާފައިވެ އެވެ. ނަމަވެސް ފުލުހުން އޮތީ ވަކި ސަރަހައްދަކުން ފެށިގެން ބެރިކޭޑް ޖަހައި، މަގުތައް ބަންދުކޮށްފަ އެވެ.
ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓުން ހަތިޔާރު ފެނުނު ކަމަށް ބުނެ އޭނާ މިދިޔަ މަހު ވަނީ ޑިފެންސް މިނިސްޓަރުކަމުން ވަކި ކުރައްވައިފަ އެވެ.
ނާޒިމްގެ މައްސަލައިގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ