ވަގު ފޯމު މައްސަލައިގެ ޒިންމާ ރައީސް ނަންގަވަންޖެހޭ

ވެރިކަން ހިންގާ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ވަގު ފޯމު ފުރައިގެން މީހުން ވެއްދި މައްސަލައިގެ ޒިންމާ ރައީސް ޑރ. މުހައްމަދު ނަންގަވަންޖެހޭ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ މިއީ ސީދާ ރައީސް މުއިއްޒު އަންގަވައިގެން މުޅި ދައުލަތުން ކުރާ ކަމެއް ކަމަށާއި މި ހުރިހާ ކަމެއްގެ ޒިންމާ އެމަނިކުފާނު އުފުލަން ޖެހޭނެ ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ އަށް ނޭނގި މިވަރު ކަމެއް ނުހިނގާނެ. މިއީ މުއިއްޒު މަގާމުން ދުރަށް ދާންޖެހޭ ކަމެއް،" ޔާމީން ވިދާޅުވި އެވެ.
ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގެންނެވުމުން މަރުހަބާ ކިޔަން މީހުން ނުދާ ކަމަށާއި، މިވަރުން ޕީއެންސީ އަށް 30،000 ފޯމު ހަމަކުރާނީ ކިހިނެއްތޯ ޔާމީން ސުވާލު އުފެއްދެވި އެވެ. އަދި މިއަދު ގާނޫނުގެ ބާރު އޮތީ ސަރުކާރަކަށް ކަމުން، މިފަދަ މައްސަލަ ނުބެލި ހިނގައިދާނެ ކަމަށާއި ނަމަވެސް ރައްޔިތުންގެ ކުރިމަތީގައި މިއަދު ސަރުކާރުގެ ބޭފުޅުންގެ އަގެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.
"ކިރިޔާ ވެސް މި މީހުންގެ އިހުތިރާމެއް ހުރީއްޔާ، ކިރިޔާ ވެސް މި މީހުން ރައްޔިތުންނަށް އިސްއުފުލާ ބަލާލަން ބޭނުންވާނަމަ، މި ހުރިހާ އެންމެން މިހާރު ތިބެން ޖެހޭނީ ގެއަށް ކަނޑާލާފައި. މިއިން އެއްވެސް މީހަކަށް މަގާމުގައި ނުހުރެވޭނެ،" ޔާމީން ވިދާޅުވި އެވެ.
ޕީއެންސީ އަށް ވަގު ފޯމު ފުރައިގެން މީހުން ވެއްދި މައްސަލައިގައި ހިމެނޭ ޖިނާއީ ކުށްތައް ތަހުގީގުކޮށްދޭން އެމްޑީޕީން އޭސީސީ އާއި ފުލުހުންނަށް އިއްޔެ ވަނީ ހުށަހަޅާފަ އެވެ. އަދި މި މައްސަލަތައް ތަހުގީގު ކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދޭން އެދި ޕީޖީގައި ވެސް އެމްޑީޕީން ވަނީ އެދިފަ އެވެ.
ޕީއެންސީގެ މެމްބަރުންގެ އަދަދު އިތުރުކުރަން ވަގު ފޯމްތަކެއް ހުށަހެޅި މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި، ފޯމުތައް ފުރުމުގެ ކަންކަން ހޯމް މިނިސްޓަރު އަލީ އިހުސާންގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ ކަމަށް ބުނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.
އެކަމާ ގުޅިގެން އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަަލަ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ