މެދުހެންވޭރު ދާއިރާގެ އިންތިހާބީ ކައުންސިލަރު އެމްޑީޕީ ދޫކޮށް ޕީއެންސީއަށް!

މާލެ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ އިންތިހާބީ ކައުންސިލަރު އަހުމަދު ރިޝްވާން އިދިކޮޅު އެމްޑީޕީ ދޫކޮށް، ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.
ޕީޕީއެމުން މިރޭ ކުރި ޓުވީޓެއްގައި ބުނީ މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ މެދުހެންވޭރު ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި އިންތިހާބުވެވަޑައިގެންނެވި ކައުންސިލް މެމްބަރު އަހުމަދު ރިޝްވާން މިއަދު ޕީއެންސީއާ ގުޅިވަޑައިގެންފައިވާ ކަމަށެވެ. ޕީޕީއެމުން ވަނީ އޭނާ އަށް މަރުހަބާ ދަންނަވައިފައެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މި މަހުގެ 13 ވަނަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ މޭޔަރު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަނާއި އިތުރު ތިން ދާއިރާކަށް ކައުންސިލަރުން އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަނަކީ މިހާތަނަށް ބޭއްވި އެންމެ ފޯރި ކުޑަ އިންތިހާބެވެ.
މި އިންތިހާބުގައި މާލޭގެ މޭޔަރަކަށް އިންތިހާބުވެވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގައި ނުކުންނެވި އާދަމް އާޒިމެވެ. މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރަކަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމެވެ. ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ކަމަށް އިންތިހާބުވެވަޑައިގެންނެވީ ޕީއެންސީގެ ކެންޑިޑޭޓު އައިމިނަތު ރިޝްފާ އަހުމަދެވެ. އަދި މެދުހެންވޭރަށް އިންތިހާބުވެވަޑައިގެންނެވީ ރިޝްވާނެވެ.
މާލެ ސިޓީގެ މޭޔަރު ހޮވުމަށް ބޭއްވި ބައި އިލެކްޝަންގައި 17،000 އަށް ވުރެ ގިނަ މީހުން ވޯޓުލާފައިވެއެވެ.
އިންތިހާބީ ކައުންސިލަރުން ހުވާ ކުރަން ބާއްވާ ރަސްމިއްޔާތު މިރޭ ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ