ގަދަވަޔާ ވިއްސާރައިގެ ކޮޅިގަނޑުތައް އައިސް ބޮޑެތި ގަސްތައް މުލުން ލުހެން ފަށައިފިއެވެ. އެކިވަރުގެ ގެއްލުންތައް ފުލުފުލުގައި އެހެރަދަނީ ލިބެމުންނެވެ. ނަގާ ބޯމަތިވަމުންދާ ތޫފާނުގެ މޭގަ އެހުރެ އަންނަނީ ފެންނަމުން ބޮޑުވަމުންނެވެ. ކަނޑުދުވަން ނިކުމެ ހުރި އޮޑި ކޮޅުންއަޅާ ދިޔަތައް ހަލާނުލާ ދިޔުމަކާ ވައްތަރެއް ނޫނެވެ.
ކަމަޅިމަތިން ބޭލިތާ ކިރިޔާ ހަމަސްވިޔަސް އޮޑިވަޑާމުގެ ދެރަކަމުން ބޭލީއްސުރެ ހިންމިތަކުން ހުންނަނީ ދިޔަ އަރައަރައެވެ. ދިޔަވަރު ކުރަން ހިންމިތަކަށް ރޯނުން ކޮޅިޔަސް ނަގާ ކޮންމެ ރާޅެއްގައި ދިޔަތަން އެބަ ހަލައިލައެވެ.
އައު އޮޑިބާލައިގެން ކަނޑު ދުވަން ނިކުތީ ވަރުރާޅު ބަލައިގެނެއް ނޫނެވެ. ބަރުމަރުކާ އަޑިއަށް ދިޔަސް މީހުން އަރުވާ އޮޑި ބަރާކުރަމުން ދަނީ ވަތުތެރޭގައި ޅައަޅައިގެން ކަމަށް ވިޔަސް ހެޔޮތާއެވެ. ހަފޮޅު އެތެރެ ވިއްޔާ ބައިލިބޭނެއެވެ.
ހަތަރެސް ފައިން ގޯސް ހެދުމުން ފަޅުވެރިންގެ ބައެއް މީހުން ބައިދީފާ ކަމެއް ނުކުރުވާ މަހަށްދިޔަ ކަމަށް ރަށުގައި ބޭތިއްބުންވެސް މާކެޔޮޅަށް ރަނގަޅެވެ. ޝިއުނާމެން ލިސްޓަށް އަނެއްކާ އަނެކަކު އިތުރުވީއެވެ. އޮޑިވެރިންނަށް ދޭނެ ކަށިފޮއްޗެއް ނެތަސް ފަޅުވެރިންނާ ކެޔޮޅު މީހާ ބަނޑުން ލޯއަޑު ކިޔާވަރަށް ކައިފުރަލެވެނިކޮން ނިމުނީތާއެވެ.
ނަގާ ބޯމަތި ވަމުން އަންނަ ކޮޅިގަނޑުގެ ރަނގަޅަށް ލައިނުގަތަސް ކޮޅިގަނޑުގެ ކޮޅުމަތި އެހެރަފެންނަނީ ޖެހެމުން އަންނަތަނެވެ. ވައިބާރުވެ ހާޑަށް ތިރިކޮށް ކުޑަރިޔާ އަޅާ ހިސާބަށް ދަނީއެވެ. ހުންގާނު ފުށްބުރުގައި ފެން ނުހިފާ ވަރަށް ބާނި ބޮޑުވެ ރާޅު ގޮއްވަނީއެވެ. ކުނބުކުރިން ކުރުކުރު އަޑު ކިޔަންފެށީއެވެ. ދިޔަވަތް ތަކުން އުނގުރިތައް ލުހެން ފެށީއެވެ. ނޫރައިންނައި ރާފިލެކޭ ކިޔާނެ ކަމެއް ނެތްތާއެވެ.
ރަނގަޅަށް ކޮޅިގަނޑު ނުޖެހެނީސް އޮޑިލުއިކުރަން އޮޑިން ބަރުހެން ހީވާ މުދާ ކަނޑަށް އުކަން މިހާއަވަހަށް ފެށީއެވެ. ސަމާހާއި ކުޑޫ މެންކަހަލަ ބޮޑެތި ޒިންމާގައި ތިބި މީސްމީހުން ސަރުކާރުން ކަނޑަނިއްޔެކޭ ނުކިޔަމެވެ.
ކޮޅިގަނޑުގައި 28ގެ ފަހުން ހުންގާނު މައިދާ ނުނެއްޓި ކަނޑުނުވެ ސަލާމަތްވިއްޔާ ރަނގަޅެވެ. އޮޑީގައި ތިބި ކަލާސީންނަށް އޮޑިންދިޔަވެ އޮޑި ފެތުނަސް މާބޮޑު ކަމަކަށް ނުވާނެތާއެވެ. ކަލާސީންނަކީ ނައު ބައުވާ ބައެއް ނޫންވިއްޔާއެވެ. އެންމެ އައު އޮޑިއަށް އަރަން އެމީހުން އަބަދުވެސް އެތިބެނީ އެއްރޮއްޖަށް ފޫގަޅައިގެންނެވެ.
މުއިއްޒުގެ އޮޑި ކަނޑުނުވެ ސަލާމަތެއް ނުވާނެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ