އިންތިހާބީ އެޖެންޓްގެ ސާބިތު ދަރަންޏެއް އޮތުމުން، ކެނޑިޑެސީ ބާތިލްކުރި ކެނޑިޑޭޓްގެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި އެވެ.
މި މައްސަލައަކީ ރައްޔިތުންގެ މަޖިލިސް އިންތިހާބަށް އަމިއްލަ ގޮތުން ނޮޅިވަރަމް ދާއިރާއަށް ކުރިމަތިލުމަށް އެދި މުހައްމަދު އިޔާޒު ހުށައެޅި ހުށައެޅުމާއި މެދު އިލެކްޝަން ކޮމިޝަނުން ނިންމަވާފައިވާ ނިންމެވުމާއި ގުޅިގެން ކޯޓަށް ހުށައެޅި މައްސަލަ އެކެވެ.
މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި، ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އިއްވެވި ރައުޔުގައި ވިދާޅުވީ އިންތިހާބައި ގުޅޭ އާންމު ޝަރުތުތައް، މުހައްމަދު އިޔާޒުގެ ރަސްމީ އެޖެންޓް ކަމުގައިވާ އަހުމަދު އިނާޒުގެ ހަމަނުވާ ކަމަށެވެ. އެގޮތުން މި މައްސަލައާއި ގުޅިގެން މުހައްމަދު އިޔާޒު ހުށައެޅި ލިޔެކިޔުންތަކުން އޭނާ ކަނޑައެޅި ރަސްމީ އެޖެންޓް، ނިމުނު ފަސް އަހަރުގެ ދަރަނީގެ ރިކޯޑު ކަނޑައަޅާފައިވާ މުއްދަތުގައި އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިނުވާކަން އެނގެން އޮންނަކަމަށްވެސް އުއްތަމަ ފަނޑިޔާރު އިއްވެވި ރައުޔުގައި ވިދާޅުވި އެވެ. އެހެންކަމުން މި މައްސަލަ ޝަރީއަތުގައި ކުރިއަށް ގެންދާނެ ތަނެއް އޮތްކަމަށް ނުފެންނަކަމަށް އެ ރައުޔުގައި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރުގެ ރައުޔަށް، މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވި ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން އަދި މުހައްމަދު އިބްރާހިމް ވެވަނީ ތާއީދުކުރައްވާފަ އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްލަ 368 ކެނޑިޑޭޓަކު ވާދަކުރައްވަ އެވެ. އޭގެތެރެއިން 130 އަށްވުރެ ގިނަ ކެނޑިޑޭޓުންނަކީ އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނެވެ.
މިހާރު ކަނޑައަޅާފައިވާ ތާވަލަށް އިންތިހާބުގެ ކަންކަން ކުރިއަށްގެންދާނަމަ، އަންނަ މަހުގެ 17 ވަނަ ދުވަހު އިންތިހާބު ބާއްވާނެ އެވެ.
އެޖެންޓްގެ ސާބިތު ދަރަންޏެއް އޮތުމުން، ކެނޑިޑެސީ ބާތިލްކުރި މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ