ހަފްތާ ބަންދުގައި ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން ކުރިއަށް އޮތް ހަފްތާ ބަންދުގައި ރާއްޖޭގެ ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ރާއްޖެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައިވެސް އުތުރާއި މެދުރާއްޖެތެރޭ ސަރަޙައްދުގައި ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި 7 ފޫޓާއި 10 ފޫޓު ހުންނާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އާންމު ގޮތެއްގައި ގަޑިއަކު 18 މޭލާއި 28 މޭލާ ދެމެދުގައި ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވެ، ކަނޑަތުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. މި ހާލަތުގައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށްވެސް އެ އިދާރާއިން އިލްތިމާސްކުރެއެވެ. އަދި ކަނޑުދަތުރު ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައި ގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް މޫސޫމާއި ބެހޭ ޤައުމީ އިދާރާއިން މިހާރުވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖް އިންޒާރު ނެރެފައެވެ.
އިންޒާރު ނެރެފައިވަނީ މިއަދު ހެނދުނު 8:00 އިން 11:00 އަށެވެ. އޮރެންޖް އިންޒާރަކީ، މޫސުން ގޯސްވުމުގެ ސަބަބުން ނެރޭ 3 ވަނަ ލެވެލްގެ އިންޒާރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ