މާލެ، ތިލަފުށި ބަދަރު ބޭރުގެ ބަޔަކަށް ދޭން ސަރުކާރުން މަސައްކަތް ކުރޭ: އުމަރު

މާލޭގެ ކަނޑުގެ ބަދަރާއި، ތިލަފުށި ކަނޑުގެ ބަދަރު ބޭރުގެ ފަރާތަކަށް ދިގުމުއްދަތަށް ކުއްޔަށް ދިނުމުގެ މަޝްވަރާތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ތުހުމަތު ކުރައްވައިފި އެވެ.
އުމަރު ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، މާލޭގެ ކަނޑުގެ ބަދަރާއި، ތިލަފުށި ކަނޑުގެ ބަދަރު ބޭރުގެ ފަރާތަކަށް ދިގުމުއްދަތަށް ކުއްޔަށް ދިނުމުގެ މަޝްވަރާތަކެއް ސަރުކާރުން ކުރައްވަމުން ގެންދަވާތީ އެ ކަމާއި ނުހަނު ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.
އުމަރު ވިދާޅުވި، ދިވެހީންގެ އަމިއްލަ އެސެޓްތައް އެހެން ފަރާތަކަށް ދޫކޮށްލުމަކީ ”ދިވެހީންގެ ރާއްޖެ“ އިން ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށާއި ”ދިވެހީންގެ ރާއްޖެ“ އިން ކުރައްވަންވާނެ ކަމަކީ ތަކެތި އުފައްދައި އެ ތަކެތި ދިވެހިންގެ އަތްމަތީގައި ބެހެއްޓުން ކަމަށެވެ. އަދި އެފަދަ އެސެޓްތައް ބޭރުގެ ފަރާތްތަަކަށް ވިއްކާލުމާއި، ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަކީ ކަންކަން އަމިއްލަ އަށް ކުރަން ނުދަންނަ، ކަންނެތް މީހުންއުޅޭ ޤައުމުތަކުންކުރާ ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މިއީ މާލޭގެ ވައިގެބަދަރު ވިއްކާލުމަށް ކުރީގައި ކުރެވުނު މަސައްކަތްފަދަ އިޤްތިސާދީ ގޮތުން ނުރައްކާތެރި މަސައްކަތެއް ކަމަށް ވަނީ ފާހަގަކޮށްފައެވެ. އެކަމުގެ ސަބަބުން މުދަލުގެ އަގުބޮޑުވެ، ދިވެހި ވިޔަފާރިތަކަށް އެތަށް ދަތިތަކަކާއި ކުރިމަތިވާނެކަމަށް ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން އުމަރު ވިދާޅުވި، ދައުލަތުގެ މި ފަދަ “ ސްޓްރެޓެޖިކް އެސެޓް “ ތަކަކީ އަބަދުވެސް ދިވެހިންގެ އަތްމަތީގައި ބަހައްޓައިގެން ވީހާވެސް ހެޔޮއަގުގައި ޚިދުމަތް ދެވޭ ތަންތަނަށް ވުން މުހިންމު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ