އިންޑިއާ އައުޓް ޙަރަކާތް ހުއްޓުވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ނެރުއްވި ގަރާރު ބާތިލް ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.
އެ ގަރާރު ނެރުނީ 21 އެޕްރީލް 2022 ގައެވެ.
ސިވިލް ކޯޓުން މައްސަލަ ބޭރުކޮށްލިއިރު، މައްސަލަ އޮތީވެސް ޙުކުމަކާ ހިސާބަށް ގޮސްފައެވެ. އެގޮތުން މައްސަލަ ހުށަހެޅުއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުންނާއި، މައްސަލަ ރައްދުވާ ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ހުލާސާ ބަޔާންވެސް ވަނީ އިއްވަވާފައެވެ.
އަދި މައްސަލަ ބައްލަވާ ގާޒީ ވަނީ މި މައްސަލައިގައި އިތުރުކަމެއް ފާހަގަކުރަން ނެތްނަމަ ދެން އޮންނަ އަޑުއެހުމެއްގައި ހުކުމް އިއްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.
މި މައްސަލަ ބޭރުކޮށް ސިވިލް ކޯޓުން ކުރި ޙުކުމުގައި ބުނެފައިވަނީ، އަންގާރަ ދުވަހުގެ މެންދުރު ފަހު 1 ޖަހާއިރަށް އަޑުއެހުމަށް ހާޒިރުވުމަށް، ޔާމީނުގެ ވަކީލަށް ކޯޓުގެ ޗިޓު ރައްދުވި ނަމަވެސް ކޯޓުގެ އަމުރާ އެއްގޮތަށް އަޑުއެހުމަށް ހާޒިރުވެފައިނުވާކަމަށެވެ.
އެހެންކަމުން އަޑުއެހުމަށް ޔާމީންގެ ވަކީލުން ހާޒިރުނުވުމުން އެ ދައުވާ ބާތިލުކޮށް، ކޯޓުން މައްސަލަ ބޭރުކޮށްލުމަށް ވަނީ ޙުކުމްކޮށްފައެވެ.
ކޯޓަށް ހާޒިރު ކުރުމަށް ފޮނުވާ އަމުރު ރައްދުވެ، ކޯޓަށް ބަލައިގަނެވޭ ސަބަބެއް މެދުވެރިވެގެން ނޫން ގޮތަކަށް ހާޒިރު ނުވެއްޖެނަމަ، ދައުވާ ފޯމު ބާތިލު ކުރުމުގެ އިހުތިޔާރު ލިބިގެންވާކަމަށް ސިވިލް ކޯޓަށް މީހުން ހާޒިރު ކުރުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
ރައީސް ޔާމީނުގެ ވަކީލު ހާޒިރުނުވާތީ އިންޑިއާ އައުޓް ގަރާރުގެ މައްސަލަ ސިވިލް ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ