އެމްއެމްޕީއާރުސީން ކުއްޔަށް ދޫކުރި ރ. ފުއްގިރި މައްސަލައިގައި ދައުލަތުގެ މުހިންމު ހެއްކެއް ކަމުގައިވާ ކުރީގެ ނައިބު އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށްފައި ވާތީ، މައްސަލަ ބަލަން ހަވާލުވި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމް ތަނާޒުލްވާން ޖެހޭ ފަަދަ ހާލަތެއް އެބައޮތް ކަމަށް ދިފާއި ވަކީލުން މިއަދު ޝަރީއަތުގައި ފާހަގަކުރުމާ ގުޅިގެން އެކަމާ މެދު ވިސްނަވާނޭ ކަމަށް ގާޒީ މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފުއްގިރި މައްސަލައާ ގާޒީ ނަދީމް ހަވާލުވެވަޑައިގެންނެވީ، އެ މައްސަލައިގެ ޝަރީއަތުން އިސްގާޒީ އަހުމަދު ޝަކީލު ތަނާޒުލްވުމުންނެވެ. ކްރިމިނަލް ކޯޓުގައި މިއަދު ކުރިޔަށް ދިޔަ އަޑުއެހުމަކީ ނަދީމް ޝަރީއަތްކުރެއްވި ފުރަތަމަ މަޖިލީހެވެ. އެކަމަކު ކުރިން އަދީބު ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވާފައި ވާތީ، މަސްލަހަތު ފުށުއަރާތީ މި މައްސަލައިން ތަނާޒުލް ވާން ޖެހޭ ކަމަށް ދިފާއި ވަކީލުން ފާހަގަކުރި އެވެ.
ބުނީ ކީކޭ ؟ - ދިފާއީ ވަކީލުންގެ ވާހަކަތާ ގުޅިގެން ދެއްކެވި ވާހަކައިގައި، ގާޒީ ނަދީމް ވަނީ މީގެ ހަތް އަހަރު ކުރިން އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އެކަމަކު އެއީ ބަންދު މައްސަލައެއްގައި ކަމަށް ވުމުންނާއި، އެއްވެސް ކުށަކާ ގުޅިގެން އަދީބަށް ގާނޫނީ ލަފާދީފައި ނުވާތީ ތަނާޒުލްވާން ޖެހޭ ފަދަ ހާލަތެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ގާޒީ ފާހަގަކުރެއްވި އެވެ.
"އެއްވެސް ކުށަކާ ގުޅިގެން ގާނޫނީ ހިދުމަތެއް ނުދެވޭނެ، ބަންދު އިސްތިއުނާފު ކުރުމާ ގުޅޭ ކަންކަމުގެ ގާނޫނި ލަފާ ދިނީ،" އޭނާ ވިދާޅުވި އެވެ.
ތަފްސީލް - ގާޒީގެ މަސްލަހަތު ފުށުއަރާ މައްސަލަ އެންމެ ފުރަތަމަ ފާހަގަކުރެއްވީ، އަހުމަދު ކްރިކް ރިޒާގެ ވަކީލު ހުސްނީ މުބާރަކް އެވެ. އޭނާ ވިދާޅުވީ، ގާޒީ ތަނާޒުލްވާން ޖެހޭ ކަމަށް ގަބޫލުކުރަނީ ކުރިން ކްރިކުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އަހުމަދު ޔާމީން، ޒިޔަތުގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާތީ ދައުލަތަށް މައްސަލައަކަށް ވުމުން ކަމަށެވެ.
އޭރު މައްސަލަ ބެއްލެވި އިސްގާޒީ ޝަކީލު ނިންމެވީ ޔާމީން މައްސަލައިގައި ތަނާޒުލްވާން ޖެހޭ ކަމަށެވެ. އެހެންވެ، ގާޒީ ނަދީމް ވެސް މައްސަލައިން ތަނާޒުލްވާން ޖެހޭ ކަމަށް ހުސްނީ މުބާރަކް ވިދާޅުވި އެވެ. އޭނާގެ މި ވާހަކަތަކަށް މި މައްސަލައިގައި ދެން ހިމެނޭ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ސަން ކޮންސްޓްރަކްޝަން އާއި ސަން އިންވެސްޓްމަންޓްސްގެ ދިފާއީީ ވަކީލުން ވަނީ ތާއީދުކޮށްފަ އެވެ.
އެގޮތުން ދެއްކެވި ވާހަކައިގައި، ޔާމީންގެ އިސް ދިފާއީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، މި މައްސަލައިގައި އަދީބަށް ލުއިތަކެއްދީ އެއްބަސްވުންތަކެއް ވެފައިވާއިރު، އޭނާގެ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރެއްވި ވަކީލަކު ޝަރީއަތް ކުރެއްވުމުން އިންސާފުވެރި ޝަރީއަތެއް ލިބޭނެ ކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ. އަދި މިއީ 'ޕްރީޖުޑީޝަލް އިފެކްޓެއް' ނުވަތަ 'ބަޔަސްއެއް' ހިމެނޭ ކަމެއްގެ ގޮތުގައި ސިފަކުރެވޭ ކަމަށް ވިދާޅުވި އެވެ.
ފަނޑިޔާރުގެ ބަސް - ދިފާއީ ވަކީލުން ފާހަގަކުރި ކަންކަމާ ގުޅިގެން އެކަމަށް އިތުރަށް 'ނަޒަަރުކޮށް' ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ނަދީމް ވިދާޅުވި އެވެ.
އަދީބާ މަސްލަހަތު އޮތް ކަމަށް ބުނާތީ ތަނާޒުލްވުމާ މެދު ވިސްނާނަން: ގާޒީ ނަދީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ