ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭތީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފި އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މި ދުވަސްވަރު މޫސުން ގޯސްވެފައިވާއިރު ސްކޫލު ޗުއްޓީ އާއި އީދު ބަންދު ފެށިފައިވާތީ ގިނަ ބަޔަކު ދަނީ ރަށްރަށަށް ދަތުރުކުރަމުންނެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ދެވަނަ ފަހަރަށް އެ ސަރަހައްދަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނެވެ. ރޭ ދަންވަރު ވެސް މޫސުން ގޯސްވެ، ހއ. އިން މ. އާ ހަމައަށް އޮތީ އެލާޓް ނެރެފަ އެވެ.
މެޓް އޮފީހުން ބުނީ އެ ހިސާބުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި އެހިސާބުތަކުގައި ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓުން ލަފާ ކުރެ އެވެ.
ފާއިތުވި 24 ގަޑިއިރު އެންމެ ބޯކޮށް ވާރެވެހުނު ރަށްތައް.
މެޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން އެންމެ ބޮޑަށް ވާރެވެހިފައި ވަނީ އއ. ތޮއްޑޫއަށެވެ. އެ ރަށަށް 46 މިލިމީޓަރުގެ ވާރޭވެހިގެން ރެކޯޑް ކުރެވިފައިވާ ކަމަށްވެ އެވެ. ދެން އެންމެ ބޮޑަށް ވާރޭވެހިގެން ރިކޯޑް ކުރެވިފައި ވަނީ ފ. ބިލެއްދު އާއި މ. މުއްޔަށެވެ. އެ ދެ ރަށަށް ވެސް 33-34 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ.
މެޓުން ބުނީ ޖޫން މަހުގައި އެންމެ ދެކުނުގެ ހިސާބުތަކަށް ވާރޭ ވެހޭ މިންވަރު މި ދުވަސްވަރަށް އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ މަދުވިޔަސް އެހެން ހިސާބުތަކަށް މި ދުވަސްވަރު އާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ އިތުރުވުން އެކަށީގެންވާ ކަމަށެވެ. އަދި ފިނި ހޫނުމިންވެސް ހުރިހާ ހިސާބެއްގައި އާންމު މިންގަނޑަށް ވުރެ މަތިވާނެ ކަމަށް ބެލެވޭ ކަމަށް މެޓުން ބުންޏެވެ.
މޫސުން ގޯސްވެ ގިނަ އަތޮޅުތައް ވައިޓް އެލާޓުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ