މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ ސަރުކާރުން ހަދާ ގޯހެއް ކަމަށް ޑރ.ޝަހީދު ވިދާޅުވެއްޖެ

ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ ސަރުކާރުން ހަދާނެ އެންމެ ބޮޑު އެއްގޯސް ކަމަށް ރާއްޖޭގެ ކުރީގެ ހާރިޖީ ވަޒީރު އަދި މިހާރު އދ. އިން އީރާންގެ އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތައް ބެލުމަށް ކަނޑައަޅާފައިވާ ސްޕެޝަލް ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫންގެ ވެރިކަމުގައާއި ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ހާރިޖީ ވަޒީރު ކަމުގެ މަގާމު ފުރުއްވެވި ޑރ.ޝަހީދު މިއަދު ކުރެއްވެވި ޓްވީޓެއްގައި ވިދާޅުވީ 60 އަހަރަށް ފަހު މަރުގެ ޙުކުމް ތަންފީޒު ކުރަން ފެށުމަކީ ސަރުކާރަށް ހެދޭނެ އެންމެ ބޮޑު އެއް ގޯސް ކަމަށެވެ.
ޑރ.ޝަހީދު މިޓްވީޓް ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރާއްޖޭގެ ހާރިޖީ ވުޒާރާ އާއި ކޮމަންވެލްތު ހިއުމަން ރައިޓްސް އިނިޝިއޭޓިވް އާއި މަރުގެ ޙުކުމް ތަކާއި ބެހޭ ޚަބަރާއި މައުލޫމާތުތައް ގެނެސްދޭ ޑެތު ޕެނަލްޓީ އިންފޮމޭޝަން ސެންޓަރ ޓެގްކޮށްފައެވެ.
ރާއްޖެއަށް 1988 ވަނަ އަހަރު ދިން އުދުވާނީ ހަމަލާގައި ބައިވެރިވި މީހުންގެ ތެރެއިން 22 މީހަކު މަރަން ކޯޓުން ކުރި ޙުކުމް ތަންފީޒު ނުކުރައްވަން އޭރުގެ ރައީސް މައުމޫން ނިންމެވި ނިންމެވުމަކީ ރާއްޖޭގެ ސިޔާސީ ބޭފުޅަކު މިހާތަނަށް ނިންމެވި އެންމެ ރަނގަޅު އެއްނިންމެވުން ކަމަށް ޑރ.ޝަހީދު މިއަދު ވަނީ ވިދާޅުވެފައެވެ.
މަރުގެ މައްސަލަތަކުގައި އިއްވާ ޙުކުމް ދައުވާ ލިބޭ މީހާ އިސްތިއުނާފު ނުކޮށްފިނަމަ އޮޓޮމެޓިކުން އިސްތިއުނާފަށް މައްސަލަދާ އުސޫލަކަށް މިހާރު ކޯޓުތަކުން އަމަލު ކުރަމުން އަންނާތީ މަރުގެ މައްސަލަތަކުގެ ޝަރުޢީ މަރުހަލާ ވަރަށް އަވަހަށް ނިމިގެން ދާނެއެވެ.
އަދި މަރުގެ ޙުކުމް ތަންފީޒު ކުރުމަށް ޤަވައިދެއް އެކުލަވާލާ މިހާރު އަމަލު ކުރަމުން އަންނާތީ އަންނަ އަހަރު ތެރޭގައި ޝަރުއީ ހުރިހާ މަރުހަލާއެއް ނިމި ރާއްޖޭގައި 60 އަހަރަށް ފަހު މަރުގެ ޙުކުމް ތަންފީޒު ކުރަން ފަށާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.
ރައީސް ޔާމީން ވަނީ މަރުގެ ޙުކުމް ތަންފީޒު ކުރުމުގައި ސަރުކާރުން ފަހަތައް ނުޖެހޭނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ