އަންނަ އޭޕްރީލް މަހުގެ ތެރޭގައި މަސްވެރިންގެ ސަބްސިޑީޒް ދޫކުރެވޭތޯ މަސައްކަތް ކުރަމުން ގެންދާކަމަށް ފިޝަރީޒް މިނިސްޓަރުގެ ނާއިބް އަލީ ސޯލިހު ވިދާޅުވެއްޖެ އެވެ.
ޑީއާރްޕީގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރުގެ ނައިބު ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި ހިމަނާފައިވާ މަސްވެރިންގެ ސަބްސިޑީޒް ފައިސާ ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފިޝަރީޒް މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށެވެ.
ނައިބު ވިދާޅުވީ އެކަމާ ގުޅިގެން މިނިސްޓްރީން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް ފަހު ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ސަބްސިޑީއަކީ އެ ކޮމެޓީން ނިންމާ ގޮތެއްގެ މަތިން ދޫކުރާ އެއްޗެއް ކަމަށާއި އެ ކޮމެޓީގައި ތިއްބެވީ ސަރުކާރުގައި ހިމެނޭ ޕާޓީތަކަށް ނިސްބަތްވާ މެންބަރުން ކަމަށް ވުމުން ސަބްސިޑީޒް ދޫކުރުމަށް އެ ކޮމެޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
އެހެންކަމުން ސަބްސިޑީޒް ދޫކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިމި އަންނަ އޭޕްރީލް މަހުގެ ތެރޭގައި ސަބްސިޑިޒް ދޫކުރެވޭނެ ކަމަށް ލަފާ ކުރެއްވޭ ކަމަށް ވެސް ނައިބު ވިދާޅުވި އެވެ.
"މިއަހަރުގެ ބަޖެޓްގައި ހިމެނިފައިވާ މަސްވެރިންގެ ސަބްސިޑީ ދޫކުރުމުގައި ކުރަންޖެހޭ މަސައްކަތްތައް ފިޝަރީޒް މިނިސްޓްރީ ތެރެއިން މިހާރު ދަނީ ކުރަމުން. އެކަމާއި ގުޅިގެން ނިންމަން ޖެހޭ ނިންމުންތަކެއް ނިންމުމަށް ފަހު ކުރިއަށް އޮތް ހަފުތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުވާ ވަޒީރުންގެ މަޖިލީހަށް އެ މައްސަލަ ހުށަހެޅި އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ސަބްސިޑީޒް ދޫކުރެވޭތޯ އަޅުގަނޑުމެން މި ބަލަނީ،" ޑީއާރްޕީގެ މަސްވެރިން ގޮފީގެ ރައީސް ކަމުގައި ހުންނަވައިގެން މަސްވެރިންގެ ސަބްސިޑީސްގެ މައްސަލައިގައި ކުރީގެ ސަރުކާރަށް ފާޑު ވިދާޅުވީ އަލީ ސޯލިހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލެއާއި މާލެ ކައިރި ސަރަހައްދުތަކުން މަސްވެރިންނަށް އައިސް ލިބޭނެ ގޮތްތަކެއް ހޯދައި ދިނުމަށް ކުރީގެ ސަރުކާރުކާރުގައި ޑީއާރްޕީން އެދުމުން އެކަން ކޮށް ނުދެއްވެވި ނަމަވެސް މިހާރު އެ މަސައްކަތް ވަރަށް ބާރަށް ހިނގައިގެންފައިވާ ކަމަށާއި އަވަސް މުސްތަގުބަލެއްގައި މާލެއާއި މާލެ ކައިރި ސަރަހައްދުތަކުގައި އައިސް ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ހުޅުމާލޭ މަސްވެރިންގެ ބަނދަރު ހެދުމުގެ ޕްލޭންތަކާއި ޕްރޮޕޯސަލްތަކެއް ހެދި އެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށް ދާކަމަށާއި އެ މަސައްކަތް ކުރިއަށް ދާވަރަކުން ކަމާއި ބެހޭ މުއައްސަސާތަކުން އެ ކަމުގެ މައުލޫމާތު ދެމުން ގެންދާނެ ކަމަށެވެ.
އަންނަމަހު މަސްވެރިންނަށް ސަބްސިޑީޒް ދޭނެ: ނައިބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ