ތަހުގީގުގައި ވަކި މީހަކަށް ތުހުމަތުކޮށްގެން، ވަކި މީހަކު ފަހަތުން ނުދަން – އުމަރު

މިދިޔަ ސެޕްޓެމްބަރު 28 ވަނަ ދުވަހު ރިޔާސީ ލޯންޗްކޮޅު "ފިނިފެންމާ" ގައި ބޮމެއް ގޮއްވާލި ހަދިސާ އާއި ގުޅިގެން ކުރަމުންދާ ތަހްގީގުގައި ވަކި މީހަކަށް ތުހުމަތުކޮށްގެން، ވަކި މީހަކު ފަހަތުން ނުދުވާކަމަށް އެމައްސަލަ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވަލައްވާފައިވާ ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ ކޯޗެއާ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އިންކުއަރީ ކޮމިޝަނުން ކުރިއަށްގެންދާ ތަހްގީގާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދިނުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ "ކޮންމެ ބަޔަކު ކޮންމެ ގޮތަކަށް ވާހަކަ ދެއްކި ކަމުގައިވިޔަސް، ވަކި ބޭފުޅަކަށް އަދި އިނގިލި ދިއްކޮށް، އެބޭފުޅެއްގެ ފަހަތުން ނޫޅެން" ކަމަށެވެ.
އުމަރު ވިދާޅުވީ މައްސަލައިގެ ބާވަތުން މިއީ ތަހްގީގު ކުރަން އުނދަގޫ މައްސަލައެއް ކަމަށާއި، ނަމަވެސް ތަހްގީގު ހިނގަމުންދާވަރަކަށް ކަމާ ގުޅުންހުރި ފަރާތްތަކައި ސުވާލުކުރުމުގެ ކަންތައް ކޮމިޝަނުންނާއި ފުލުހުންވެސް ކުރިއަށް ގެންދާނެކަމަށެވެ.
މީގެ އިތުރަށް އުމަރު ވިދާޅުވީ ދިވެހި ފުލުހުންނަކީ ތަހުގީގު ކުރުމުގައި ގާބިލް ބައެއް ކަމަށާއި، މި ހާދިސާގެ އަޑީގައި ތިބި މީހުން ހޯދައި، އިންސާފުގެ މައްޗަށް ކުރި މައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާކަމަށެވެ.
ރިޔާސީ ލޯންޗު "ފިނިފެންމާ"ގައި އެއްޗެއް ގޮވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާއާއި އަނބިކަނބަލުން، ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން، އެއާޕޯޓުން މާލެ ވަޑައިގަންނަވަނިކޮށެވެ. އެ ލޯންޗު، މާލޭގެ އިއްޒުއްދީން ފާލަމާއި ގާތް ކުރަނިކޮށް އޭގެ ތެރޭގައި އެއްޗެއް ގޮވުމާއި އެކު، ލޯންޗުގެ ފަހަތުގައި ހުރި ދޮރު ވަނީ ވެއްޓިފައެވެ.
މި ހާދިސާގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ދީދީއާއި، ރައީސް އޮފީހުގެ އަންޑަރސެކްރެޓަރީ ފާތިމަތު މުހައްމަދު ސޯލިހުގެ އިތުރުން، ރައީސްގެ ހަށިފާރަވެރިޔާ މުހައްމަދު އަބްދުލްނާސިރަށް ވަނީ އަނިޔާވެފައެވެ. އަންޑަރސެކްރެޓަަރީ ފާތިމަތާއި ބޮޑީގާޑު މުހައްމަދު ނާސިރުގެ ހަށިގަނޑުގެ ބައެއް ތަންތަން ފިހިފައިވާ އިރު، އަންޑަރސެކްރެޓަރީ ފާތިމަތު އާއި ބޮޑީގާޑް ވަނީ އައިޖީއެމް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފައެވެ.
މީގެއިތުުރުން، މެޑަމް ފާތިމަތު އިބްރާހިމް ދީދީގެ ބުރަކަށިފުޅުގެ ހަތަރު ތަނަކުން ރެނދު ލާފައިވާތީ، އެކަމަނާވެސް އަދިވެސް އޮންނެވީ އައިޖީއެމް ހޮސްޕިޓަލުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ