ރައީސް މައުމޫން މިރޭ މާލެ ވަޑައިގެންނަވާކަމަށް ބުނެ މާލެތެރޭގައި ދެކެވެމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށައި އެ މައުލޫމާތު ފަތުރަމުންދަނީ ޕީޕީއެމުން މިރޭ ބާއްވާ ޖަލްސާ އަށް މީހުން ދިއުން މަދު ކުރުމަށް ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޔުމްނާ މައުމޫން ވިދާޅުވީ އެ ޕާޓީގެ އިންތިގާލީ ރައީސް އަދި އޭނާގެ ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން މިރޭ މާލެވަޑައިގެންނަވާ ކަމަށްބުނެ ދޮގު މައުލުމާތުތަކެއް އެސްއެމްއެސްގެ ޒަރީއާއިން ފަތުރަމުންދާ ކަމަށާއި އެ ހަބަރުތަކަކީ ދޮގެއް ކަމަށެވެ.
"މިރޭ އިންތިގާލީ ރައީސް މާލެ ވަޑައިގަންނަވާ ގޮތަކަށް ނޫން ހަމަޖެހިފައި އޮތީކީ އެއީ ދޮގު މައުލޫމާތު ތަކެއް. އަދި މާލެ ވަޑައިގަންނަވާނެ ވަކި ތާރީހެއް އަޅުގަނޑަށް ދަންނަވާކަށް ނޭގެ،" ޔުމްނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެފަދަ އެސްއެމްއެސްތަކެއް ބަޔަކު ފެތުރުމުގެ މަގުސަދަކީ މިރޭ ޕީޕީއެމުން ބާއްވާ ޖަލްސާގައި މީހުން ބައިވެރިކުރުން މަދުކުރުމުގެ ނިޔަތުގައި ކަމަށް ގަބޫލުކުރެވޭ ކަމަށާއި އެފަދަ ބަޔަކު އެގޮތަށް ވާހަކަ ފަތުރަނީ ޖަލްސާގައި ބައިވެރިވާ ބައެއް މީހުން ރަސްމީ ފާލަން ސަރަހައްދަށް ފޮނުވާލުމުގެ ނިޔަތުގައި ކުރެވޭ ކަމެއްކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
ޔުމްނާ އަދި ވިދާޅުވީ ޕީޕީއެމުން މީވީ ދުވަސްތަކުގައި ހަރަކާތްތައް މަޑުޖައްސާލުމަށް ފަހު މިރޭ އާޓިފިޝަލް ބީޗްގައި އެ ޕާޓީން ބާއްވާ ޖަލްސާއަށްފަހު އެ ޕާޓީގެ ހަރަކާތްތަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެ ޕާޓިން ހިންގަން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ރަށްރަށުގައި ޕާޓީގެ ގޮފިތައް އިފްތިތާހު ކުރުމުގެ އިތުރުން ޕާޓީގެ މެންބަޝިޕް އިތުރުކުރުމުގެ މަސައްކަތްތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޔުމުނާ ވިދާޅުވި އެވެ.
ރައީސް މައުމޫން އޭއެފްޕީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ ވަރަށް އަވަހަށް މާލެ ވަޑައިގަންނަވާނެ ކަމަށެވެ.
މައުމޫން މިރޭ ވަޑައިގަންނަވާ ކަމަށް ހަބަރު ފަތުރަނީ ޕީޕީއެމްގެ ޖަލްސާއަށް ހުރަސް އަޅަން: ޕީޕީއެމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ