އިސްލާހީ ބަދަލުތަކަށް ފުރިހަމައަށް ތާއީދުކުރާނަން: ގާސިމް

ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިއެއްގެ ގޮތުގައި އޮވެ ގައުމަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުމަށް ފުރިހަމައަށް ތާއީދުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމު އިބްރާހީމު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހީމް މިހެން ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަށް ބާރުދިނުމުގެ ބިލްގެ ބަހުސްގައި މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުންނެވެ.
ވަކިން ޚާއްސަކޮށް އެމަނިކުފާން އިސްލާހީ ބަދަލުތަކަށް ތާޢީދުކުރައްވާ ކަމުގެ ޔަޤީންކަން އަރުވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
ނިމިގެން ދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ފާސްކުރުމަށް މަސައްކަތް ކޮށްފައިވާ، އެކަމަކު އެ މަޖިލީހުގައި ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ބިލް ފާސްވެފައި ނުވާތީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ވަނީ މިމައްސަލާގައި 18 ވަނަ މަޖިލީހުގެ މެންބަރުންނަށާއި ރިޔާސަތުގައި އިންނެވި ގާސިމް އިބްރާހީމަށް ފާޑު ވިދާޅުވެފަ އެެވެ.
މެންބަރުންގެ ފާޑުކިޔުންތަކާ ގުޅިގެން ގާސިމް އިބްރާހީމް ވިދާޅުވީ ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮވެ ގައުމަށް ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެނައުމަށް ފުރިހަމައަށް ތާއީދުކުރައްވާނެ ކަމަށާއި ވަކިން ޚާއްސަކޮށް އެމަނިކުފާން އިސްލާހީ ބަދަލުތަކަށް ތާއީދުކުރައްވާ ކަމުގެ ޔަގީންކަން ދެއްވާ ކަމުގައިވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ބިލް މަޑުޖައްސާލަން ޖެހުނީ ގާނޫނުއަސާސީ އާއި ތައާރަޒްވާ ކަންތައްތަކެއް ބިލްގައި ހުރުމުން ކަމަށެވެ. އެކަމަކު އެ ބިލްގައިވާ ބަދަލުތައް ގައުމަށް އަންނަންޖެހޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ. އެކަމަކު ބިލްގައިވާ ބައެއް ކަންކަމަކީ ގާނޫނު އަސާސީއާއި ޚިލާފަށް ހުރި ކަންތައްތަކެއް ކަމަށް ބިލްގެ ކޮމެޓީ މަރުހަލާގައި ކުރެވުނު މަސައްކަތްތަކުން ފާހަގަކުރެވުނު ކަމުގައިވެސް ވިދާޅުވި އެވެ.
"ގާނޫނު އަސާސީ އާއި ޚިލާފަށް ޤާނޫނެއް ނެހެދޭނެ. މީގައި އެފަދަ ކަންތައްތަކެއް އެކުލެވިގެން ގޮސްފައިހުރީމާ އެކަންތައްތައް ފާހަގަކުރެވިގެން ކޮމެޓީ މަރުހަލާގައި ގެންދެވުނީ .ވަރަށް އަވަހަށް އެކަންކަން ކުރުމަށް ވަރަށް ބޮޑު ބިލެއް ވަރަށް އަވަހަށް ގެންދިޔުމުގެ ނަތީޖާ އެއްގެ ގޮތުން މެމްބަރުން އެފާހަގަކުރެއްވި ފަދައިން ދުސްތޫރީ ގޮތުން ބަލާއިރުވެސް އޭގައި ވިސްނާލަންޖެހޭ ކަންތައްތަކެއް ނެތް ކަމަކަށް ނުބުނެވޭނެ. އެހެންނަމަވެސް މަޖިލީހުން ކަމެއް ނިންމަން ބޭނުންވީމާ އެކަމެއް ނިންމިގެންދާނެ. އެއީ އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ. އެސަބަބަށްޓަކައި ބައެއް މެމްބަރުން ދެ ބިލެއްގެ ވާހަކަ ތަކުރާރުކޮށް އަޅުގަނޑުމެން އެކަން ކުރަން ބޭނުން ނުވެގެން އަދި ކޯލިޝަން ގެ ޕާޓްނަރުންގެ ގޮތުގައި ތިބެގެންވެސް އެކަންކަން ނުކުރީކަމަށް ދެކެވަޑައިގެންނަވާތީ އެވާހަކަ މިދަންނަވާލީ." ޤާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ގައުމަށް ބޭނުންވާ އިސްލާހީ ބަދަލުތައް ގެނައުމަށް މަޖިލީހަށް ހުށަހަޅާ ބިލްތައް ފާސްނުކުރުމުގެ ވިސްނުންފުޅެއް އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށާއި އިސްލާހީ މަސައްކަތަށް ފުރިހަމައަށް އިޖާބާ ދެއްވާނެ ކަމަށެވެ.
ގާސިމް އިބްރާހީމް އިތުރަށް ވިދާޅުވީ ރިޔާސީ ކޮމިޝަންތަކަށް ބާރުދޭ ބިލަށް ވޯޓަށް އެހުމަށް ގާނޫނީ އަދަދު ހަމަވާވަރަށް މެމްބަރުން މަޖިލީހަށް ވަޑައިނުގެންނެވުމަކީ އެމަނިކުފާނު ކުރެއްވި ކަމެއް ނޫން ކަމަށެވެ. އަދި ވަކި ފަރާތެއް ބަދުނާމުވާ ގޮތަށް އެފަދަ ވާހަކަދެއްކުމަކީ ޑިމޮކްރަސީއަށާއި އެކުވެރިކަމަށް އެޅިގެންދާ ހުރަހެއް ކަމުގައިވެސް ޤާސިމް އިބްރާހީމް ވަނީ ވިދާޅުވެފަ އެވެ.
ނިމިގެން ދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ގާސިމް އިބްރާހީމް އައްޔަނު ކުރެވިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ހޮވިވަޑައިގަތުމަށްފަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ