އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ވަނީ އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިއަށް އޮތް ޖުލައި މަހުގެ އެއްވަނަ ދުވަހުގެ މެންދުރު 12:00 ކުރިން ކަމާ ގުޅޭ ލިޔުންތައް ރައީސް އޮފީހަށް ހުށަހެޅުމަށް ހުޅުވާލާފަ އެވެ.
ިރައީސް އޮފީހުގެ އިއުލާންގައި ބުނެފައިވަނީ އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިގުރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިގުރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 8:30 އިން މެންދުރުފަހު 2:00 ގެ ނިޔަލަށް ކަމަށެވެ.
ފޯމުތަކާއި އިގުރާރުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.
އޭސީސީގެ މެންބަރު ކަމަށް ކުރިމަތިލާ ފަރާތްތަކަކީ އުމުރުން 25 އަހަރުވެފައިވާ މުސްލިމު ދިވެހި ރައްޔިތަކަށްވުމާއި، ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށެއް ނުވަތަ މަކަރާއި ހީލަތް ހެދުމުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް އިއުލާންގައިވެ އެވެ. އަދި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.
މީގެއިތުރުން ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުމާއި، ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުމާއި، އެފަދަ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ފަސް އަހަރު ވެފައިވާ މީހަކަށް ވާންޖެހޭނެ ކަމަށްވެސް ޝަރުތުތަކުގެ ތެރޭގައިވެ އެވެ.
އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލާފައި މިވަނީ ކޮމިޝަނުގައި މިހާރު ތިއްބެވި ފަސް މެމްބަރުންގެ މަގާމުގެ މުއްދަތު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ