ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ކޮމިޓީން ފާސްކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން އެމްޑީޕީއަށް ނިސްބަތްވާ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކޯޓުތަކުގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ކުރިން އޮތް ގޮތަށް އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތުން ހަތް ފަނޑިޔާރުންނަށް އިތުރު ކުރުމަށެވެ. އެ އިސްލާހު މަޖިލީހުން ބަލައިގަނެ، އިސްލާހު ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ. ޖުޑީޝަރީ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި އާޒިމް ހުށަހެޅުއްވި ގޮތަށް އިސްލާހު ފާސް ކުރުމަށް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށް ހުށަހެޅީ ވިލިނގިލީ ދާއިރާ މެމްބަރު ސައުދު ހުސައިނެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ކޮމިޓީގެ ނައިބު މުގައްރިރު، ފޮނަދޫ ދާއިރާ މެމްބަރު މޫސާ ސިރާޖެވެ. ހުށަހެޅުން ފާސްވީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީގެ ނައިބު މުގައްރިރު ސިރާޖު މިރޭ "ސަން" އަށް ވިދާޅުވީ، ކޮމިޓީން އިސްލާހު ދިރާސާ ކުރުމުގައި ބެލީ ދެ ކަމަކަށް ކަމަށެވެ. އެގޮތުން ހަތް ފަނޑިޔާރުންނަށް ބެންޗު އިތުރުކުރުމުން ދައުލަތުގެ ބަޖެޓަށް ބުރަ ވާނެތޯ އާއި ގާނޫނު ހެދި އިރު އެ ބެންޗްގެ އަދަދުތައް ކަނޑައެޅުމުގެ ރޫހަކީ ކޮބައިތޯ ކަމަށެވެ. ސިރާޖު ވިދާޅުވީ، ކޮމިޓީން އެ އިސްލާހު ދިރާސާ ކުރުމުގައި ފިނޭންސް މިނިސްޓްރީގެ ލަފައަކަށް އެދިފައިވާނެ ކަމަށެވެ. ހަތް ފަނޑިޔާރުންނަށް ސުޕްރިމް ކޯޓުގެ ބެންޗް އިތުރު ކުރި ނަމަވެސް ދައުލަތުގެ ބަޖަޓަށް ބުރަ ނުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާ ދިނެވެ. މީގެ އިތުރުން ކޮމިޓިން ވަނީ، ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޔައުމިއްޔާތައް ދިރާސާ ކޮށްފައެވެ. އެގޮތުން ޔައުމިއްޔާ އިން އެނގޭ ގޮތުގައި ގާނޫނުތަކުގެ ރޫހަކީ ވެސް ހަތް ފަނޑިޔާރުންނަށް ބެންޗް ބޭއްވުން ކަން އެނގެން އޮންނަ ކަމަށް ކޮމިޓީގެ ނައިބު މުގައްރިރު ސިރާޖު ވިދާޅުވިއެވެ. ބެލެވޭ ގޮތުގައި ކޮމިޓީގެ މި ނިންމުން މާދަމާގެ ޖަލްސާއަށް ހުށަހަޅާނެއެވެ. https://twitter.com/sunbrk/status/1148518142966194177ދެހާސް ދިހަ ވަނަ އަހަރު އަމަލުކުރަން ފެށި ކޯޓުތަކާ ބެހޭ ގާނޫނުގައި ވާ ގޮތުން ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއި އެ ކޯޓަށް އައްޔަނުކުރެވޭ އިތުރު ހަ ފަނޑިޔާރުންނާ އެކު، ޖުމްލަ ހަތް ފަނޑިޔާރުންގެ މައްޗަށެވެ. ނަމަވެސް 2014 ވަނަ އަހަރުގެ ފަހުކޮޅު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހާއެކު ކޯޓުގެ ބެންޗު ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކަށް ބަދަލުކޮށްފަ އެވެ. އާޒިމް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލުމަށް ޓަކައި 2010 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ހަތެއް ކަމުގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފައި ވަނިކޮށް، 2014 ވަނަ އަހަރު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނެސް ބެންޗު ފަހަކަށް ބަދަލުކޮށްފައި ވަނީ ސިޔާސީ މަޤްސަދެއް ހާސިލް ކުރުމަށް ކަމަށެވެ. އެ އިސްލާހަށް އަމަލު ކުރަން ފަށާނީ ރައީސް ތަސްދީގު ކުރައްވައި އެ ގާނޫނު ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެން ކަމަށް ވެސް އަލީ އާޒިމްގެ ބިލްގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ