އުމަރު، ހަސަންޓޭއަށް: ނޮވެމްބަރު 3ގައި ސިިފައިން ތިބީ ނިދާފައެއް ނޫން

ތިނެއް ނޮވެމްބަރު 1988 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ސިފައިން ތިބީ ނިދާފައި ކަމަށް އެމްޑީޕީގެ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދު (ހަސަންޓޭ) ވިދާޅުވެފައިވާތީ އެވާހަކައަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ރައްދު ދެއްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަދައްކަވަމުން ހަސަންޓޭ މީގެ ކުރިން ވިދާޅުވީ ނޮވެމްބަރު ތިނެއްގެ މަންޒަރު ވަރަށް ގާތުން ފެނުނު ކަމަށާއި އަދި އެ ދުވަހު ސިފައިން ތިބީ ހަތިޔާރާއެކު ނިދާފައި ކަމަށެވެ. ނޮވެމްބަރު ތިނެއްގައި ޝަހީދުވި ޝަހީދުންގެ ހަނދާން އާކުރުމަށް މިރޭ ސަލްސާ ރޯޔަލްގައި ބޭއްވި ބައްދަލުވުމުގައި މެމްބަރު ހަސަންޓޭއަށް ރައްދު ދެއްވައި އުމަރު ވަނީ ނޮވެމްބަރު ތިނެއްގެ އުދުވާނުގައި ބާޣީން އަރައި އެންމެ ފުރަތަމަ 10 މިނެޓް ތެރޭ ހިނގި ކަންތައްތަކުންވެސް ސިފައިން ތިބީ ނިދާފައި ނޫންކަން އެނގޭ ކަމަށެވެ. އުމަރު ވިދާޅުވީ ނޮވެމްބަރު ތިނެއްގައި އެންމެ ފުރަތަމަ މާލެ އެރި ބާޣީ ގްރޫޕްގެ މީހެއްގެ އަތުން ވަޒަނެއް ގޮވިކަމަށެވެ. "މިދެންނެވި ވަޒަން ގޮވުމުގައި ސަބަބުން ސިފައިންގެ ގޭޓްގައި ތިބި މީހުން ވަގުތުން ބުނެފި އެކަކު އަނެކަކަށް ވަޒަނެކޭ އެގޮވީ. ކަލާމެން އެއްވެސް ކުއްޖެއްގެ އަތުން ވަޒަނެއް ގޮވީހޭ. އެމީހުން ބުނީ ނޫނެކޭ ނުގޮވައޭ. އެހެންވީމާ އެމީހުން އެތިބީ ބަލަން. ވަޒަނެއްގެ އަޑުއިވިގެން ތިމަންނާގެ މީހުންގެ އަތުން ވަޒަނެއް ގޮވީތޯ. ކިހިނެއްގޮވި ވަޒަނެއްތޯ ބަލަން މިތިބީ،" އުމަރު ވިދާޅުވިއެވެ. ތިނެއް ނޮވެމްބަރުގައި ޝަހީދުވި ޝަހީދުންގެ ހަނދާން އާކުރުމަށް މިރޭ ސަލްސާ ރޯޔަލްގައި ބޭއްވި ބައްދަލުވުމުގައި އުމަރު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: އަހުމަދު އަވުޝަން އެ ހާދިސާ އިތުރަށް ތަފްސީލްކޮށް ކިޔައިދެއްވަމުން އުމަރު ވިދާޅުވީ ބާޣީން މާލެ އެރިތާ ކުޑަކުޑަ އިރުކޮޅެއް ތެރޭ ބާޣީންގެ ބަޔަކު ބޮނދަބޮނދައިގެން ޖުމްހޫރީ މައިދާނާ ދިމާލަށްދާ މަންޒަރު ފެނިގެން ޝަހީދު ހުސައިން އާދަމް އިސްވެހުރެ ވަގުތުން ހަމަލާ ދޭން ފެށިކަމަށެވެ. "މީ އެބުނާ ނިދާފަ ތިބި ލަޝްކަރުގެ ވާހަކަ އެދައްކަނީ. އިސްވެ ހަމަލާދިނީ އަޅުގަނޑުމެންގެ މީހުން. އެއޮތީ ހަނގުރާމަ ފެށިފަ. ދެވަނައަށް ފޭބި ބާޣީ ގްރޫޕްގޮސް އެތާ ބާގަނޑެއް ގޮއްވާލި. ގޮއްވާލުމާއެކު ސިފައިންގެ ތެރެއިން ބަޔަކު އެ ބާގަނޑަށް ބަޑިޖަހަން ފަށައިފި. އަދި 10 މިނެޓް މިވަނީ،" އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ބާޣީންގެ ތިންވަނަ ގްރޫޕް މަސައްކަތް ކުރީ ސިފައިންގެ އިރުމަތީ ފަރާތުގައި އިންނަ ޕޮލިސް ހެޑްކުއާޓަރު ގޭޓުން ވަންނަން ކަމަށެވެ. ނަމަވެސް އެ ގޭޓު ސަރަހައްދުގައި ތިބި ސިފައިން ދިން ހަމަލާގައި ނޮވެމްބަރު ތިނެއްގެ އުދުވާނުގައި އިސްކޮށް ކޮމާންޑަރު ވަސަންތީ މަރާލި ކަަމަށް އުމަރު ވިދާޅުވިއެވެ. "އަޅުގަނޑުމެން އެމީހުންގެ ކޮމާންޑަރު ދިހަ މިނެޓް ނުވަނީސް މަރާލި. އެހެންވީމާ ކޮބައިތޯ އެބުނާ ނިދާފައި ތިބި މީހުންނޭ ބުނާ މީހުންނަކީ،" އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ ތިނެއް ނޮވެމްބަރު 1988 ގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނެވުނީ، އެމްބަސީގައި ދޮޅުމަސް ވަންދެން ލުތުފީ ފޮރުވައިގެން އުޅޭކަން އޭނާ ފަޅާއަރުވާލުމުން ކަމަށެވެ. "އެހެން ނޫންނަމަ ލުތުފީ އަދިވެސް ރާއްޖެ ނުގެނެވޭނެ،" އުމަރު ވިދާޅުވިއެވެ. ކުރީގެ ސަރުކާރުން ލުތުފީ ހޯދުމަށް މަސައްކަތް ކުރިއިރު، ސްރީލަންކާގައި އޭނާ ފޮރުވައިގެން ގެންގުޅުނީ އެމްޑީޕީގެ ބޭފުޅުންތަކެއް ކަމަށް އުމަރު ވަނީ ތުހުމަތު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ