މޫސުން ގޯސްވެ ދެކުނަށް ވެސް ރީނދޫ ސަމާލު ނެރެފި

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ ބައެއް އަތޮޅުތަކަށްވެސް މޫސުން ގޯސްވެ ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމި އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސެންޓަރ (މެޓް) އިން މި ސަމާލު ނެރެފައި ވަނީ ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ ދެ އަތޮޅު ކަމަށްވާ ފުވައްމުލަކާއި އައްޑޫ ސިޓީ ހިމެނޭ ސަރަޙައްދަށެވެ.
މި ސަރަޙައްދުތަކަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު މެންދުރުފަހު 3:00 އިން ފަށައިގެން އިރުއޮއްސި 6:00 އާއި ހަމައަށެވެ. މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، މި ސަމާލުގެ ވަގުތުތަކުގައި ފުވައްމުލަކާއި އައްޑޫ ހިމެނޭ ސަރަޙައްދަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި މި ސަރަޙައްދަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މޫސުމާއި ބެހޭ އިދާރާއިން ދެކުނުގެ ދެ އަތޮޅަށް ރީނދޫ ސަމާލު ނެރުނުއިރު، އެ އިދާރާ އިން ވަނީ މިއަދު މެންދުރު އިތުރުގެ ހަ އަތޮޅަކަށްވެސް ރީނދޫ ސަމާލު ނެރެފައެވެ.
މޫސުމާއި ބެހޭ އިދާރާއިން ވިދާޅުވީ، ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.
މޫސުމާއި ބެހޭ އިދާރާއިން އިތުރަށް ވިދާޅުވިގޮތުގައި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ. އަދި ދިޔަވަރު ބޮޑުވާގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް އިއްޔެއިން ފަށައިގެން މޫސުން ގޯސްވެ ވިއްސާރަ ކުރަމުންދާއިރު، މިއަދު ވ. ފެލިދޫއަށް ވަނީ ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުން ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ