ހަރުކަށިމީހުން ތިބީ ހަމައެކަނި މުސްލިމުންގެ ތެރެއަކު ނޫން: އުމަރު

ދީނީ ހަރުކަށި މީހުން ތިބީ ހަމައެކަނި މުސްލިމުންގެ ތެރޭގައި ނޫންކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. ކުރީގެ ހޯމް މިނިސްޓަރު އުމަރު މިހެން ވިދާޅުވެފައިމިވަނީ ޔޫރަޕުގައި ހަރުކަށި ވިސްނުން ފެތުރޭތީ އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޖަރުމަނު ވިލާތުގެ ޗާންސެލާ އެންޖެލާ މާކަލް ވިދާޅުވެފައިވާތީ، އެކަމާ ގުޅޭ ހަބަރެއް ޝެއާ ކުރައްވަމުންނެވެ. އުމަރުގެ ވާހަކަފުޅުގައި އިޝާރާތް ކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެޑިއުކޭޝަން މިނިސްޓަރަށް ޓެގްކުރައްވާ ދާދިފަހުން ކުރައްވާފައިވާ ޓްވީޓަކަށެވެ. ނަޝީދުގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ރާއްޖޭގެ މުސްތަގުބަލު ސަލާމަތް ކުރުމަށް މިވަގުތަށް ކުރުން އެންމެ މުހިންމު ކަމަކީ ރާއްޖޭގެ މަދަރުސާތަކުގެ މުގައްރަރު އިސްލާހު ކުރުން ކަމަށާއި ދިނުގެ ނަމުގައި ހިނގާ ކަންކަން ބަލަން ޖެހޭ ކަމަށެވެ. ނަޝީދުގެ ޓްވީޓުގައި މުގައްރަރު އިސްލާހު ކުރަން ގޮވާލާފައިވާއިރު އެންޖެލާގެ ވާހަކަފުޅަށް އިޝާރާތް ކުރައްވައި އުމަރު ވިދާޅުވީ ޔޫރަޕްގައި ހަރުކަށި ވިސްނުން މިފެތުރެނީ ތައުލީމީ ނިޒާމުގެ ސަބަބުންކަމަށް ވާނަމަ، ޔޫރަޕުގެ މުގައްރަރު އަވަހަށް ބަދަލުކުރަންވީ ކަމަށެވެ. "ރާއްޖޭގައި މިކަން ނުރައްކަލަކަށް ނުވެ އޮތުމުގެ ސަބަބަކީ ދީނީ އިލްމުވެރިންގެ ހެޔޮ ނަސޭހަތާއި ރިވެތި ވައުލުތައް. އިސްލާމްދީނުގެ ހައްގުމަގު އަބަދުމެ އޮޅުންފިލުވާދެމުން ދެންދެވޭތީ،" އުމަރު ވިދާޅުވެފައިވެއެވެ. https://sun.mv/118733
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ