ސްޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފަޔަކަށް އެދިފައި ވާތީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަކަށް ބަހުސް ކުރަމުން އެބަދެ އެވެ.
ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބަލައިގެންފައި ވަނީ ކުއްލި މައްސަލަ ބަލައިގަތުމަށް ފެނޭތޯ ނެގި ވޯޓުގައި ބައިވެރިވި 52 މެމްބަރުންގެ އިއްތިފާގުންނެވެ. ކުއްލި މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މައްސަލަ ހުށަހެއްވީ ރާއްޖޭގެ ގިނަ ދީނީ އިލުވެރިންނާއި ބައްދަލުކޮށް އެބޭފުޅުންގެ ހިޔާލު ހޯއްދެވުމަށް ފަހުގައި ކަމަށެވެ.
ނަޝީދު ވިދާޅުވީ ކުއްލި މައްސަލަ ހުށަހެޅީ އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރުމާއި ގުޅޭ ގޮތުން ރައީސް ސޯލިހަށް ލަފާއެރުވުމުގެ ގޮތުން ކަމަށެވެ. މި އުއްމަތުގެ މުސްލިމުންގެ ފުރަތަމަ ފަސް ޖީލުގައި ވެސް އަންހެނަކު ފަނޑިޔާރުކަން ކޮށްފައިނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
އަންހެނަކު ފަނޑިޔާރުކަން ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ކުއްލި މައްސަލަ ބަލައިގަތް ކަމަށްޓަކައި ނަޝީދު ވަނީ މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ މެމްބަރުންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ނަޝީދު ވަނީ މި މައްސަލައާ ގުޅޭ ގޮތުން މެޖޯރިޓީ ޕާޓީގެ މެމްބަރުން ދެކިވަޑައިގަންނަވާ ގޮތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
ކުއްލި މައްސަލާގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި އިސްލާމް ދީނާއި ހިލާފް އެއްވެސް ގާނޫނެއް ނުހެދޭނެ ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ފަތުވާދޭ މަޖިލީހުގެ ފަތުވާ ގައި އިސްލާމް ދީނުގެ ހަތަރު މަޒްހަބުގެ ގިނަ އިލްމުވެރިން އަންހެނުން ފަނޑިޔާރުކަން ކުރުމަކީ ހަރާމް ކަމެއް ކަމަށް ވިދާޅުވެފައިވާ ކަމަށް ބުނެފައި ވެއެވެ.
އަދި ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން ވެސް އެއީ ދީނާ ހިލާފުކަމެއް ކަމަށް ބުނަމުންދާ ކަމަށް ކުއްލި މައްސަލާގައި ވެއެވެ. އޭގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އަންހެނުން އައްޔަން ކުރުމަކީ އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފުކަމެއް ކަމަށާއި އަންހެނަކަށް ފަނޑިޔާރުކަން ހަވާލުކުރާ މީހާއާ ހަވާލުކުރެވޭ މީހާ ފާފަވެރިވާނެ ކަމަށް ފަތުވާ މަޖިލީހުން ބުނެފައިވާ ކަމަށް މައްސަލާގައި ވެއެވެ.
ސުޕްރީމް ކޯޓަށް އަންހެން ދެ ފަނޑިޔާރުން އައްޔަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖޭއެސްސީގެ ލަފަޔަކަށް އެދުމާއެކު އެކަމާމެދު އެކި މީހުންގެ ވަނީ ހިޔާލު ތަފާތުވެފަ އެވެ. އެކަމާ ބެހޭ ގޮތުން އަދާލަތު ޕާޓީއިން ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ.
އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އަންހެނުން ފަނޑިޔާރުކަމަށް އައްޔަން ކުރުމާ މެދު ތަފާތު ރައުޔުތައް އައިސްފައިވާ ކަމުގައެވެ. އަދި ފަނޑިޔާރުކަމަށް އަންހެނުން އައްޔަން ކުރުމާ ގުޅިގެން އައިސްފައިވާ ރައުޔުތަކުގެ ތެރެއިން އެ ޕާޓީއަށް އެންމެ ބޮޑަށް ބުރަވެވެނީ ފަނޑިޔާރުކަމަށް އަންހެނަކު އައްޔަން ކުރުން ހުއްދަ ނޫން ކަމަށް ބުނާ ރައުޔަށް ކަމަށް ވެސް އަދާލަތުގެ ބަޔާނުގައި ވެއެވެ.
އަންހެން ފަނޑިޔާރުން ސުޕްރީމް ކޯޓަށް ގެންނަން އުޅޭތީ މަޖިލީހުގައި ބަހުސް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ