އީސީގެ މެމްބަރު ކަމަށް 16 މީހަކު ކުރިމަތި ލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުކަމަށް ކުރިމަތި ލުމަށް ހުޅުވާލި ފުރުސަތުގައި 16 މީހަކު ކުރިމަތިލާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުން ބުނެފައިވާގޮތުގައި އީސީގެ މެމްބަރުކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ނަންތައް މި ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
ރައީސް އޮފީހުން އީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ ކޮމިޝަންގެ މިހާރުގެ މެންބަރު އިސްމާއިލް ހަބީބްގެ މެމްބަރު ކަމުގެ ދައުރު ހަމަވާތީ އެވެ.
އެނގިފައިވާ ގޮތުގައި މެމްބަރުކަމަށް މިފަހަރު ވެސް ހަބީބު ކުރިމަތިލެއްވި އެވެ. ދެ ދައުރު ހުންނެވުމުގެ ފުރުސަތު ލިބިދޭތީ ގާނޫނީ ހުރަހެއް ހަބީބަކަށް ނެތެވެ.
އީސީގެ މެމްބަރު ކަމުގެ ދައުރަކީ ފަސް އަހަރެވެ. ހަބީބުގެ ދައުރު ހަމަވާނީ، އަންނަ މަހު އެވެ. ހަބީބުގެ އިތުރުން އީސީގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި މެމްބަރު އަހުމަދު އަކްރަމާއި މެމްބަރު އަލީ ނަޝާތު އެވެ.
އީސީގެ މެމްބަރުކަމަށް އައްޔަން ކުރަން ޖެހޭނީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތުގައި ކޮމިޝަނުގެ މަސައްކަތް ކުރެވޭ ވަރުގެ ތައުލީމާއި ގާބިލްކަން ހުރި މީހުންނެވެ. ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ މީހަކަށް، ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމައްޗެއް ނުލެވޭނެ އެވެ.
މެމްބަރަކަށް ހުންނަ މުއްދަތުގައި އެހެން ވަޒީފާއެއް ވެސް އަދައެއް ނުކުރެވޭނެ އެވެ.
ގިނަ ދުވަސްތަކަށް މަޖިލީހުގެ ޖަލްސާތައް މެދުކެނޑުމަށްފަހު، އަލުން މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށުމަށް ވަނީ ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ