ރައްޔިތުން މަޖިލީހުގެ ތެރެއިން ވެރިކަން ފެއިލް ވެގެން ދާން ބޭނުމެއް ނުވޭ - ރައީސް

ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެރިކަމަށް ކަނޑައެޅި ތަސައްވަރުތައް ހާސިލްވެގެން ނުދާތަން ދެކެން ބޭނުން ނުވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު ހއ. ފިއްލަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ 2008 ވަނަ އަހަރު އޮތް ސަރުކާރަށް، އޭރުގެ މަޖިލީސް މެޖޯރިޓީ ގެއްލުމުން، ސަރުކާރުގެ ވައުދުތައް ފުއްދަން އޭރުވެސް އުނދަގޫވި ކަމަށެވެ. އެހެން ނަމަވެސް މިފަހަރު އެ މަންޒަރު ދެކެން ބޭނުން ނުވާ ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަނެއްކާވެސް މިފަހަރު ހިފައިގެން މިއައީ އެފަދަ މެނިފެސްޓޯއެއް. ރާއްޖެ ތަރައްގީ ކުރުމަށް މިހާރު ބޭނުންވެފައިވާ އެންމެ ފުރިހަމަ މެނިފެސްޓޯ ހިފައިގެން. އޭގެ ތަފްސީލުތައް މިއޮތީ އެޖެންޑާ 19 ގައި ހާމަކޮށްފައި. އަޅުގަނޑެއް ހަމަ ގައިމުވެސް މި ވެރިކަމުގައި ހުރެ ދެކޭކަށް ބޭނުމެއް ނުވޭ ރައްޔިތުންގެ މަޖިލީހުގު ތެރޭން މި ކަންތައްތައް ފެއިލްވެގެންދާތަން ބަލާކަށެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މި ވެރިކަން ނިމޭ އިރު، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް، އަސާސީ ކަންކަން ފުރިހަމަވާނެ ކަމަށެވެ. އެގޮތުން މިވެރިކަމުގެ ފަސް އަހަރު ނިމޭ އިރު، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމް ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ