އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި ހާމަކުރަންޖެހޭ އިތުރުކަމެއް ނެތް: އަބްދުﷲ ރިޔާޒު

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރަކަށް ހުންނަވަނިކޮށް، އަވަހާރަ ކޮށްލާފައިވާ މަޝްހޫރު ދީނީ އިލްމުވެރިޔާ އަލްމަރުހޫމް ޑރ. އަފްރާޝީމް އަލީ މަރުގެ މައްސަލާގައި ހާމަކުރަންޖެހޭ އިތުރު އައު މައުލޫމާތެއް ނެތްކަމަށް އޭރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި މިހާރު ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާ، އަބްދުﷲ ރިޔާޒު މީގެ ކުރިން ވަނީ އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލައިގެ މައުލޫމާތު އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ހާމަކުރައްވާނެ ކަމަށާއި މިހާތަނަށް އެފަދަ "ޕްލެޓްފޯމެއް" ނެތް ކަމަށް ރާއްޖެޓީވީން ވަގުތުން ދައްކަމުންދިޔަ ޕްރޮގްރާމެއްގައި ވިދާޅުވެފަ އެވެ.
ނަމަވެސް، ރިޔާޒު އެވާހަކަ އެގޮތަށް ވިދާޅުވެ، އޭގެ އެތަށް ދުވަހެއްފަހުން، ރޭ ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން، އަފްރާޝީމް މަރާ ގުޅޭ އިތުރު އައު މައުލޫމާތެއް ހާމަކުރަން ނެތް ކަމަށް ރިޔާޒު ވިދާޅުވިއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އަފްރާޝީމްގެ މަރުގެ މައްސަލަ ހިމެނޭގޮތަށް ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވާފަ އެވެ.
އަފްރާޝީމް އަވަހާރަ ކޮށްލި މައްސަލައިގެ މައުލޫމާތު އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ހާމަކުރައްވާނެ ކަމަށާއި މިހާތަނަށް އެފަދަ "ޕްލެޓްފޯމެއް" ނެތް ކަމަށް ރާއްޖެޓީވީން ވަގުތުން ދައްކަމުންދިޔަ ޕްރޮގްރާމެއްގައި ވިދާޅުވެފައި ވާތީ ގިނަ ބަޔަކު ސޯސަލް މީޑިއާގައި ރިޔާޒުއާ ސުވާލުތައް ކުރިމަތި ކުރުވަމުން ގެންދެވި އެވެ. ނަމަވެސް އަފްރާސީމް އަވަހާރަކޮށްލި މައްސަލައިގެ އައު އިތުރު މައުލޫމާތެއް ރިޔާޒު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ މިހާތަނަށް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ހުރިހާ މަޢުލޫމާތެއް ފުލުހުންގެ އިދާރާގައި ހުންނާނެކަމަށެވެ. އެއީ ޕޮލިސް ކޮމިޝަނަރަކަށް ހުންނެވިއިރު ލިބިވަޑައިގެންނެވި މައުލޫމާތުތައްކަމަށާއި މަރާލާފައިވާ މީހުންގެ މައްސަލަ ބެއްލެވުމަށް ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނަށް ޙިއްސާކުރައްވަންޖެހޭ އައު މައުލޫމާތެއް ނުހުންނާނެކަމަށް ވެސް ރިޔާޒު ވިދާޅުވިއެވެ.
އަމިއްލަފުޅަށް އިސްނަންގަވައިގެން ރިޔާސީ ކޮމިޝަނަށް މައުލޫމާތު ހިއްސާކުރެއްވުމުގެ ވިސްނުންފުޅެއް ހުންނެވިތޯ ސުވާލުކުރުމުން ރިޔާޒް ވިދާޅުވީ އޭނާއަށް ލިބިފައިވާ ހުރިހާ މައުލޫމާތެއް ފުލުހުންގެ އިދާރާގައި ހުންނާނެތީ، އެފަދަ ވިސްނުންފުޅެއް ނެތްކަމަށާއި ނަމަވެސް ކޮމިޝަނުން އެ މައުލޫމާތު ހިއްސާކުރައްވަން ބޭނުންވެއްޖެނަމަ ހުރިހާ މައުލޫމާތެއް ހިއްސާކުރައްވާނެ ކަމަށެވެ.
އަފްރާޝީމް އަވަހާރަ ކޮށްލާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ބަދަލުކޮށް، ވެރިކަމަށް އަރާ ވަޑައިގެންނެވި ޑރ، މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރުގައި 2012 އޮކްޓޯބަރު މަހުގެ ދެ ވަނަ ދުވަހުގެ ރެ އެވެ.
ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރުމުގައި އަބްދުﷲ ރިޔާޒުގެ ދައުރެއް އޮތްކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، އެވެރިކަން ބަދަލުކުރުމަށްފަހު، ވެރިކަމަށް އަރާވަޑައިގެންނެވި ވަހީދުގެ ސަރުކާރުން ޕޮލިސް ކޮމިޝަނަރު ކަމަށް އައްޔަން ކުރެއްވީވެސް އަބްދުﷲ ރިޔާޒު އެވެ.
އަފްރާޝީމް އަވަހާރަ ކޮށްލުމުގެ ކުރިން، އަފްރާޝީމް ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 2013 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނަމަ، ވާދަ ކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް ކުރައްވާފަ އެވެ.
އަފްރާޝީމް އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން ދެ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ. އޭގެ ތެރެއިން އެ މައްސަލަ ސާބިތުވީ ހ. ލޮބީ ހުސެއިން ހުމާމުގެ މައްޗަށް އެކަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ