ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ރައްޔިތުންނަށް ބިރު ދައްކާ ސިޔާސީ ޕާޓީއެއް: ޔައުގޫބް

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނަކީ ކޮންމެ އިންތިހާބަކާއި ދިމާކޮށް ރައްޔިތުންނަށް ބިރު ދައްކަމުންދާ ސިޔާސީ ޕާޓީއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުން ދައުލަތުގެ އެހެން ބާރުތަކުގެ އިހްތިސޯސްގެ ތެރެއަށް ވަންނަން މަސައްކަތް ކުރުން ހުއްޓުވުމަށް ހުށަހެޅި ގަރާރަށް މިއަދު މަޖިލިހުގައި ބަހުސް ކުރައްވަމުން ޔައުގޫބް ވިދާޅުވީ "އަޅުގަނޑު ގަބޫލު ކުރާ ސުޕްރީމް ކޯޓެއް ވެސް ފަނޑިޔާރު ގެ އެއްވެސް މި ރާއްޖެ އަކު ނެތް" ކަމަށެވެ.
"އަޅުގަނޑަށް ފެންނަނީ ކޮންމެ އިންތިހާބަކާ ދިމާކޮށް ހުވަދު އަތޮޅަށް ހާއްސަކޮށް ދާންދޫ، އަދި ވިލިނގިލި ދާއިރާއަށް ހުރިހާ ފަނޑިޔާރު ގެއެއް ދާތަން. އެގޮތުން ކޮންމެ އިންތިހާބެއްގައި ސުޕްރީމް ކޯޓުން އަބްދުﷲ ދީދީ، ހައި ކޯޓުން ސުޖާއު އުސްމާނާއި، ހަސަން އަލީ، ކްރިމިނަލް ކޯޓުން ހަސަން ނަޖީބު، އޭގެ އިތުރަށް ރައްޔިތުންނަށް ބިރު ދައްކަން، މީރާއިން ކޮމިޝަނާ ޖެނެރަލް ޔަޒީދު މުހައްމަދު، މި ފަސް މީހުން ކޮންމެ އިންތިހާބެއްގައި ރައްޔިތުންނަށް ބިރު ދައްކާ، އެތާ ފަނޑިޔާރުގެ ގާއިމްކޮށް، ހުކުމް ޖަހަމުންދާތަން،" ޔައުގޫބް ވިދާޅުވެ އެވެ.
އެގޮތުން މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ވެސް ފަނޑިޔާރު ދީދީއާ ދާންދޫ އިން ފެނިގެން ފޮޓޯއެއް ނަގާ، އެ ފޮޓޯ ސޯޝަލް މީޑިއާ އަށް ލުމުން އެ ރަށުގައި "އެރޭ ފަނޑިޔާރު ގޭގެ ގޮތްޕެއް" ނެހެދުނީ ކަމަށް ދާންދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.
"އެމަނިކުފާނު ބިރުފުޅުން އެ ގޮފި އެރޭ ގާއިމް ކުރީ ނިލަންދޫގައި،" ރިޝްވަތުގެ ތުހުމަތާއެކު ޖޭއެސްސީން އާއްމުކޮށް ހުޅުވާލައިގެން މާދަމާ މައްސަލަ ބެލުމަށް ހަމަޖެހިފައިވާ ފަނޑިޔާރު ދީދީއާ ބެހޭ ގޮތުން ޔައުގޫބް ވިދާޅުވި އެވެ.
ޔައުގޫބް އިތުރަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ ފަނޑިޔާރުން ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އެއީ ސިޔާސީ ޕާޓީއެއް ކަމަށެވެ.
"ސިޔާސީ ޕާޓީން އަޅުގަނޑުމެންނާ ވާދަ އެކުރަނި. މި ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި، މި ރާއްޖޭގެ ޖުޑިޝަލް ސިސްޓަމާ މި ހުރިހާ އެއްޗެއް އެމީހުން، އެ ފަސް މީހުންގެ އަތް ދަށަށް ގެންދެވޭތޯ،" އޭނާ ތުހުމަތު ކުރެއްވި އެވެ.
ޔައުގޫބް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ބަދަލު ކުރެވުމުން އެޖެންޑާ 19 ގެ ފަންސާސް އިންސައްތަ ހާސިލްވެގެން ދާނެ ކަމަށެވެ.
މިއަދު އޮތް މަޖިލިހުގެ ޖަލްސާގައި ވަނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ މައްސަލަ ބެލުމަށް ޖޭއެސްސީ އަށް ފޮނުވުމަށް ފާސްކޮށްފަ އެވެ.
ޖޭއެސްސީއަށް މަތިކޮށް، އާޒިމް ހުށަހެޅުއްވި ތިން ކަންތައް:
1. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ (ނަމްބަރު: 02/J-VA-SC/2019 ސުޕްރީމް ކޯޓުގެ އަމުރާއި، އަމުރު ނަމްބަރު: 02/SJ-SC/2019)، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހިންގި އެއަމަލު، ގާނޫނުއަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލި މައްސަލަ ޖޭއެސްސީ ބަލާ ގޮތެއް ނިންމުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.
2. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަމްބަރު: 02/J-VA-SC/2019 ސުޕްރީމް ކޯޓުގެ އަމުރާއި، އަމުރު ނަމްބަރު: 02/SJ-SC/2019 އަމުރު ނެރުނު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ފަނޑިޔާރުކަމުގެ ޝަރުތުތައް ޖޭއެސްސީގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ފުރިހަމަ ވެފައިވޭތޯ ޖޭއެސްސީ ބަލާ، ގޮތެއް ނިންމުމަށްފަހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުން.
3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރެއްގެ ކޮރަޕްޝަނުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިފައިވާނަމަ، އެމައްސަލައެއް، އެކޮމިޝަނުން ލަސްނުކޮށް ބެލުމަށް.
އާޒިމްގެ އެ ހުށަހެޅުންތަކުގެ އިތުރުން، ސުޕްރީމް ކޯޓުން ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ އެއްވެސް ބާރަކަށް އަރައިގަނެ، މަޖިލީހުގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވައިފިނަމަ، ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ބަސްބުނާ މަޖިލީހުގެ ބާރުތަކާއި އެމަޖިލީހުގެ ދުސްތޫރީ ބާރުތައް ނެގެހެއްޓުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅު އެޅުމަށްޓައި މަޖިލީހަށް މިއަދު ހުށަހެޅި ގަރާރު ވެސް އެމަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ