މަސްތުވާތަކެއްޗަށް ފަރުވާ ހޯދާ ރިހެބްތައް ހިންގަން އަމިއްލަ ފަރާތްތަކާ ހަވާލު ކުރަނީ

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭ މަރުކަޒުތައް ހިންގުމަށް އަމިއްލަ ފަރާތްތަކަށް ލައިސަންސް ދޫކުރަން ފަށައިފި އެވެ.
ނެޝެނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދުލުވުމުގައި އެންޑީއޭ ބޯޑު މެމްބަރު އައިޝަތު ބިޝާމް ވިދާޅުވީ ފަރުވާދޭ މަރުކަޒުތައް ހިންގުމަށް ދެ ލައިސަންސެއް ދޫކުރަން ނިންމާފައިވާ ކަމަށެވެ. ފުރަތަމަ ދޫކުރާނީ ވަގުތީ ލައިސަންސް އެއް ކަމަށް ބިޝާމް ވިދާޅުވި އެވެ.
ކުރީގެ ބަންޑާރަ ނައިބު ވިދާޅުވި ގޮތުގައި ވަގުތީ ލައިސަންސްގެ މުއްދަތަކީ އެއް އަހަރެވެ. ދާއިމީ ލައިސަންސްގެ މުއްދަތަކީ 15 އަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.
ދާއިމީ ލައިސަންސް ދުކުރާނީ ފުރަތަމަ ދޫކުރާ އެއް އަހަރު ދުވަހުގެ ލައިސަންސްގެ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެޖެންސީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށް ހިންގާ މަރުކަޒުތަކަށެވެ.
ބިޝާމް ވިދާޅުވީ ގާނޫނުގައި ބުނެފައިވާ ފަދައިން ފަރުވާދޭ މަރުކަޒުތައް ހިންގަން ޖެހޭނީ މީހުން ދިރިނޫޅޭ އިމާރާތެއްގަ އެވެ. އަދި އެގޮތަށް ކަނޑައަޅާފައި ވަނީ މީހުން ދިރިއުޅޭ އިމާރާތެއްގައި އެފަދަ ސެންޓަރެއް ހިންގާނަމަ އެކަމުގެ ސަބަބުން އެހެން މީހުންނަށް އުނދަގޫވާނެތީ ކަމަށެވެ.
މީގެ އިތުރުން ވެސް ފަރުވާދޭ މަރުކަޒުގައި ހުންނަޖެހޭ ޝަރުތުތައް ގެޒެޓްކޮށްފައިވާ ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ލައިސަންސް ދިނުމުގެ ގަވާއިދުގައި ހިމަނާފައިވެ އެވެ.
އަމިއްލަ ފަރާތްތަކަށް ފަރުވާދޭ މަރުކަޒުތައް ހިންގުމަށް ހުޅުވާލާފައިވާއިރު ސަރުކާރުން މިހާރު ކުރިއަށްގެންދާ ސެންޓަރުތަކުގައި މިއަހަރުގެ މިހާތަނަށް ޑިޓޮސްޓިފިކޭޝަން ފަރުވާގެ ފުރުސަތު 459 ފަރާތަކަށް ދީފައިވާ ކަމަށް އެންޑީއޭގެ ސީއީއޯ އަހުމަދު މުނީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިއަހަރުގެ މިހާތަނަށް 476 ފަރާތެއް ރިހެބިލިޓޭޝަން ފަރުވާ ހޯދަމުން ދާއިރު 142 ފަރާތެއް ރީހެބް ފަރުވާ ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އަދި 124 ފަރާތެއް ތަފާތު ސަބަބުތަކާ ހެދި ފަރުވާއިން ވަކިކޮށްފައިވާ ކަމަށް ވެސް މުނީރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ