ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ނުވާ ޕާޓީއާއި އެފަދަ ނަންތައް ބޭނުން ކޮށްގެން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާ ކެނޑިޑޭޓުންނަށް ތާއީދު ހޯދަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ
އިލެކްޝަން ކޮމިޝަނުން މިގޮތަށް ބުނެފައިވާއިރު، މައުމޫން ރިފޯމް މޫވްމަންޓްގެ ނަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުން ވަނީ ހަރަކާތްތަކެއް ފަށާފަ އެވެ. ފިޔާތޮށި ކުލައިގައި ދިދިދައެއްގައި "އެމްއާރްއެމް" ޖަހައިގެން މައުމޫނަށް ތާއީދުކުރާ ބަޔަކު އެންމެ ފުރަތަމަ ނިކުމެފައިވަނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކެންޑިޑެސީ ފޯމް ހުށަހަޅުއްވަން ވަޑައިގެންނެވި ދުވަހު އެވެ.
އީސީން މިއަދު ނެރުނު ބަޔާނުގައި ވަނީ، ރިޔާސީ އިންތިހާބާ ގުޅިގެން ސިޔާސީ ޕާޓީތަކުން ނެރޭ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ހިންގާ ސިޔާސީ ހަރަކާތްތައް ގާނޫނާއި ގަވާއިދުގެ ހުދޫދުގެ ތެރޭގައި ކުރިއަށްގެން ދިޔުމަށް ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތުގެެ ހައިސިއްޔަތުން ޕާޓީތަކަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ތާއީދު ހޯދުމަށް ބާއްވާ ހަރަކާތްތަކުގައި ކޮށްގެން ނުވާނެ ތިން ކަމެއްވެސް އީސީގެ ބަޔާނުގައި ވެއެވެ.
އެގޮތުން ޖަލުގައި ހުކުމް ތަމްފީޒް ކުރަމުންދާ ފަރާތްތައް ބައިވެރިކޮށްގެން ސިޔާސީ ހަރަކާތްތައް ނުހިންގުމަށާއި އެކަމަކީ ޖަލުތަކުގެ ޕެރޯލް ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން މަނާކަމެއް ކަމަށް ވެސް ބަޔާނުގައި ވެއެވެ.
ބަޔާނުގައި ވަނީ، ސިޔާސީ ޕާޓީތަކުން ބާއްވާ ބައްދަލުވުންތަކާއި ހަރަކާތްތަކުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރެޖިސްޓްރީ ކޮށްފައިނުވާ ނަންތަކެއް، ޕާޓީއެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ކަމުގެ ޝަކުވާ ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
"ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިނުވާ ޕާޓީއެއްގެ ގޮތުގައި ނުވަތަ އެނޫންވެސް ހައިސިއްޔަތަކުން ރަޖިސްޓަރީ ކުރެވިފައިނުވާ ނަމެއް ބޭނުން ކޮށްގެން ތާއީދު ހޯދުމުގެ ހަރަކާތްތައް ނުބޭއްވޭނެ،" ބަޔާނުގައި ވެއެވެ.
ބަޔާނުގައި ވަނީ، އެހެން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ނިޝާނާއި ކުލަ ނުވަތަ އެ ޕާޓީއެއް ރަމްޒުކޮށްދޭ ތަކެތި އެ ސިޔާސީ ޕާޓީއެއްގެ ހުއްދަ ނެތި ބޭނުންކޮށްގެން ނުވާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީއަކުން ޖަލްސާތަކުގަ އާއި ތާއީދު ހޯދުމަށް ބާއްވާ ހަރަކާތްތަކުގައި ބޭނުންކުރާ ކުލަ އެހެން ސިޔާސީ ޕާޓީއަކުން އެ ޕާޓީގެ ހުއްދައާ ނުލައި ބޭނުންކޮށްގެން ނުވާނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.
ބަޔާނުގައި އިތުރަށް ވަނީ، ގާނޫނުތަކާއި ގަވާއިދުތަކުގެ ހުދޫދުގެ ތެރެއިން ތާއީދު ހޯދުމަށް ބާއްވާ ހަރަކާތްތަކަށް އަބަދުވެސް ކޮމިޝަނުގެ ފުރިހަމަ އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.
ރަޖިސްޓަރީ ނުވާ ޕާޓީއާ ނަންނަމުގައި ސިޔާސީ ހަރަކާތް ނުހިންގޭނެ: އީސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ