ރައީސް ޔާމީން ފިއްލަވާ ދުވަސް އޮތީ ވަރަށް ގާތުގައި: ގާސިމް

ރައީސް އަބްދުﷲ ޔާމީން ފިއްލަވާ ދުވަސް ވަރަށް ގާތް ވެއްޖެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައީސް ޔާމީނަށް ފާޑުވިދާޅުވެ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ގާސިމް ވިދާޅުވީ ރައީސް ޔާމީން ރާއްޖެ ދޫކުރައްވައި ފިއްލަވައިގެން ވަޑައިގަންނަވާނެ ދުވަސް މާދުރަކު ނެތް ކަމަށެވެ. ރައީސް ޔާމީން ވަޑައިގަންނަވާނީ ހަލާލް ނޫން ގޮތުގައި އެއްކުރެއްވި ގިނަ ފައިސާ ހިއްޕަވައިގެން ކަމަށް ގާސިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިހާތަނަށް އެހީތެެރިވި އަނިޔާ ނުދެވި ތިބި 10 ވަރަކަށް މީހުންނަށް ލަނޑުދެއްވާފައި ފިއްލަވާނެ ކަމަށެވެ. ގާސިމް ވިދާޅުވީ ރައީސް ޔާމީން ފިއްލަވައިގެން ވަޑައިނުގެންފިނަމަ އޮންނަވާނީ ޖަލުގައިކަން އެމަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާ ކަމަށެވެ.
ހަލާލް ނޫން ގޮތުގައި އެއްކުރެއްވި ފައިސާ ހިއްޕަވައިގެން ރައީސް ޔާމީން ފިއްލަވާނެ ކަމަށް ގާސިމް ވިދާޅުވެފައިވާއިރު ރައީސް ޔާމީނުގެ ސަރުކާރަށް ކުރެވޭ އެންމެ ބޮޑެތި ތުހުމަތުތަކަކީ ވައްކަމާއި ޚިޔާނާތުގެ ތުހުމަތެވެ.
ދައުލަތުގެ ޚަޒާނާއިން އެތައް ބިލިއަން ރުފިޔާއެއް ވަނީ ގެއްލިފައި ކަމުގައި އޮޑިޓް ރިޕޯޓްތަކުންވެސް ވަނީ ހާމަވެފައެވެ. މިގޮތުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ބޭރުގެ ފަރާތްތަކަށް ކުއްޔަށްދީ ނުވަތަ ވިއްކައިގެން އެޑްވާންސްކޮށް ބޮޑެތި އަދަދުތަކުން ފައިސާ ނަގައި އެފައިސާއަށް ޚިޔާނަތްތެރިވެފައިވާކަން ވަނީ ހާމަވެފައެވެ. އަދި ރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ ކޮރަޕްޝަނުގެ އެންމެ ބޮޑު އަމަލު ހިނގާފައިވަނީ މިސަރުކާރުގައި ކަމަށް ޚުދު ރައީސް ޔާމީން ވެސް ވަނީ އިއުތިރާފުވެވަޑައިގެންފައެވެ.
ވައްކަމާއި ޚިޔާނާތުގެ ތުހުމަތުތައް ސަރުކާރަށް ކުރެވެމުން ދަނިކޮށް ދާދި ފަހުން ރައީސް ޔާމީން ވަނީ އެޑްވާންސަށް ވައްކަން ކުރިޔަސް މައްސަލައެއް ނޫން ކަމަށް ވިދާޅުވެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ. ރައީސްގެ އެވާހަކަފުޅާ ގުޅިގެން ވެސް ގިނަ ބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް ވަނީ އަމާޒުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ