ޖޭއެސްސީގެ ނައިބު ރައީސަކަށް މެމްބަރު ރިޒާ ހަމަޖައްސައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސަކަށް، ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ރިޒާ ހަމަޖައްސައިފި އެވެ.
މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީ އަށް ކަނޑައަޅާފައި ހުންނަވާ މެމްބަރު ރިޒާ އެ ކޮމިޝަންގެ ނައިބު ރައީސަކަށް ހަމަޖެއްސީ މިއަދު ކަމަށް އެ ކޮމިޝަނުން ބުންޏެވެ. ޖޭއެސްސީގެ ގާނޫނު ބުނާގޮތުން އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައަޅާނީ އެ ކޮމިޝަންގެ މެމްބަރުންނެވެ.
ޖޭއެސްސީގެ ނައިބު ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ފައިސަލް ހައި ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރުމުންނެވެ. ފައިސަލް ޖޭއެސްސީގައި ހުންނެވީ ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުންނެވެ.
ފައިސަލް ހައި ކޯޓަށް އައްޔަން ކުރުމުން، ރައީސްގެ މެމްބަރެއްގެ ގޮތުގައި ވަކީލް މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ދާދިފަހުން ވަނީ ޖޭއެސްސީ އަށް އައްޔަން ކޮށްފަ އެވެ. ސަލީމަކީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ވެސް ރައީސްގެ މެމްބަރެއްގެ ގޮތުން ޖޭއެސްސީ ގައި އިންނެވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ