ރައީސް ނަޝީދުގެ "ސަޅިބައިސާ" އަޑުއަހާކަށް ބޭނުމެއް ނޫން: އިދިކޮޅު މެމްބަރުން

ދެ މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ މާދަމާ ބާއްވާއިރު އެ ޖަލްސާގައި އެންމެ ހާއްސަ ކަމަކަށް އޮންނާނީ ގާނޫނު އަސާސީގައި ބުނާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުމެވެ. ނަމަވެސް ޖަލްސާ ފެށުމުގެ ވަގުތު ކުޑަތަން ވަމުންދާއިރު މާދަމާގެ ޖަލްސާ ބޮއިކަޓް ކުރުމަށް އިދިކޮޅު ޕާޓީތަކުން ވަނީ ނިންމައި އެކަން އިއުލާން ކޮށްފަ އެވެ.
މިހާތަނަށް މަޖިލީހުގެ މާދަމާގެ ޖަލްސާ ބޮއިކަޓް ކުރުމަށް ނިންމާފައި ވަނީ އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީ ތެރޭގައި ހިމެނޭ އެ ޕާޓީގެ ޒައީމް މައުމޫންގެ ފެކްޝަނުންނާއި ޕީއޭ އަދި ގައުމީ ޕާޓީންނެވެ.
ޖުމްހޫރީ ޕާޓީގެ ރަސްމީ ސްޓޭންޑެއް އަދި ސާފެއް ނުވެ އެވެ. އަދި ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއް ރަޝީދު ނާފިޒް ވިދާޅުވި ގޮތުގައި އެ ޕާޓީން ރަސްމީކޮށް ގޮތެއް ނިންމާނީ މިރޭ ބާއްވާ ޕާލިމެންޓްރީ ގުރޫޕުގެ ބައްދަލުވުމަށް ފަހު އެވެ.
ޑީއާރުޕީން ވަކިކޮށްފައި ހުންނެވި ކުރީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރުގެ ވޭލް ސަބްމެރިން އޮފީހުގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ މާދަމާ ޖަލްސާ ބޮއިކޮޓް ކުރަނީ ފަސް ކަމަކާ ގުޅިގެން ކަމަށެވެ.
"އެއް ކަމަކީ މަޖިލީހުގައި ތިބެގެން އަޅުގަނޑުމެން ގާނޫނުތަކެއް ހަދައި ބައިވަރު ނިންމުތަކެއް ނިންމުމުން އަބަދުވެސް އަޅުގަނޑުމެންނަށް މި ފެންނަނީ ރައީސް ނަޝީދު މިއަށް އިހުތިރާމުކުރުމެއް ނެތި ޣައިރު ގާނޫނީ އަމަލުތަކެއް ހިންގަމުންދާތަން،" އޭނާ ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ މަޖިލީހުގެ ގާނޫނުތަކާ ދެކޮޅަށް އަމަލުތައް ހިންގައި މާދަމާ ރައީސް ނަޝީދު މަޖިލީހުގައި ހުށަހަޅުއްވާ "ސަޅިބައިސާ" އަޑުއަހަން ބޭނުން ނުވާ ކަމަށެވެ.
މައުމޫން ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ޑީއާރުޕީ މެމްބަރުން ޖަލްސާ ބޮއިކަޓްކުރައްވާ ސަބަބުތަކުގެ ތެރޭގައި މަޖިލީހުން ހަދާ ގާނޫނުތަކާއި ނިންމާ ނިންމުންތަކުގައި "ކޮޅުފައިން ޖަހައި އެކަންކަމަށް ސަރުކާރުން ފުރަގަސްދީ، އެއްވެސް އިހުތިރާމް ކުރުމެއް ނެތި، ގާނޫނު އަސާސީ އާއި ގާނޫނުތައް މުގުރަމުން" ދިއުމާއި މަޖިލީހުގެ މެމްބަރުންނަށް "ބިރު ދައްކައި ހައްޔަރުކޮށް، އެކަހެރިކޮށް" ބައިތިއްބާފައިވުން ހިމެނެ އެވެ. މީގެ އިތުރުން ކެބިނެޓުގައި ކުރިން ތިއްބެވި ބައެއް ބޭފުޅުން، މަޖިލީހުގައި ތިއްބެވި މެމްބަރުންނަކީ "ވަލުޖަނަވާރުން" ކަމަށް މީޑިއާގައި ވިދާޅުވެފައި ވުމަކީ ވެސް އެ ބޭފުޅުން މާދަމާގެ ޖަލްސާ ބޮއިކަޓް ކުރާ ސަބަބެކެވެ.
ޕީއޭ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ޝަރީފް އާދަމް ވިދާޅުވީ ޕީއޭގެ ޕާލިމެންޓަރީ ގުރޫޕްގެ އިއްތިފާގުން ނިންމާފައިވަނީ މަޖިލީހުގެ މާދަމާގެ ޖަލްސާ ބޮއިކޮޓް ކުރުމަށް ކަމަށެވެ.
ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ދެއްވަން ޖެހިވަޑައިގަންނަވާ ރިޔާސީ ބަޔާނުގައި ހިމެނެންޖެހޭ ކަންތައްތައް ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވީ އިރުވެސް، ރައީސް ނަޝީދު އެންމެ ފަހުން ދެއްވާފައިވާ ބަޔާނަކީ "އިދިކޮޅު ފަރާތްތަކަށް ބިރުދެއްކުމުގެ ގޮތުން" ދެއްވާފައިވާ ބަޔާނެއް ކަމަށެވެ.
"... 2010 އަހަރުގެ ރިޔާސީ ބަޔާން އަޅުގަނޑުމެންނަށް ސިފަވެގެންދިޔައީ ސިޔާސީ ގޮތުން ސަރުކާރާ ދެކޮޅު ފަރާތްތަކަށް ބިރުދައްކަވައި، އިންޒާރެއް ދެއްވުމުގެ ގޮތުން އިއްވި ބަޔާނެއްކަމުގައި މިޕާޓީން ދެކެނީ،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވާ ކަންތައްތައް ފެނިގެންގޮސްފައިވާ ކަމަށެވެ. އެގޮތުން، ޕީއޭ އިން ފާހަގަކުރި ކަންތައްތަކުގެ ތެރޭގައި، ޕީއޭގެ ރައީސް އަބްދުﷲ ޔާމީން އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރުމާއި ރިޔާސީ ކޮމިޝަންފަދަ މުއައްސަސާތައް މެދުވެރިކޮށް އިދިކޮޅު ފަރާތްތަކަށް ބިރުދެއްކުން ހިމެނެ އެވެ.
ޕީއޭ އިން ބުނީ ކ. އަތޮޅު ކައުންސިލާއި ށ. އަތޮޅު ކައުންސިލްގެ އިދާރާ ބަދަލުކުރުމުގެ މައްސަލާގައި ތުލުސްދޫގެ ރައްޔިތުންނަށާއި ފުނަދޫގެ ރައްޔިތުންނަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން ބިރުދައްކަމުން ދާކަމަށާއި އެކަން އެގޮތަށް ކުރިއަށްދާހާ ހިނދަކު އެޕާޓީން ރިޔާސީ ބަޔާން އިއްވާ ޖަލްސާގައި ބައިވެރިނުވާނެ ކަމަށެވެ.
މަޖިލީހުގައި އިންނަވާ ގައުމީ ޕާޓީގެ ހަމައެކަނި މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ އޭނާ މާދަމާގެ ޖަލްސާގައި ބައިވެރިވެ ވަޑައިނުގަންނަވަނީ މިއީ ގާނޫނާ ހިލާފަށް އަމަލުކުރަމުންދާ އަދި މަޖިލީހުން ނިންމާ ނިންމުންތަކަށް އެއްވެސް އިހުތިރާމެއް ނުކުރާ ސަރުކާރަކަށްވާތީ ކަމަށެވެ.
"އެހެންވީމަ މި ކަހަލަ ސަރުކާރެއްގެ އެންމެ އިސްވެރިޔާ މަޖިލީހަށް ވަޑައިގެން ދައްކަވާ ވާހަކަތައް އަޑުއަހަން އަޅުގަނޑު ބޭނުމެއް ނޫން. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އަޅުގަނޑުމެން މަޖިލީހުގައި ތިބެގެން ކުރާ މަސައްކަތްތަކަށް މި ސަރުކާރުން އިޖާބައެއް ނުދޭއިރު ކޮންމެހެން ރައީސް ނަޝީދު ވަޑައިގެން އޭނާގެ ފޮނި ވާހަކަތައް އަޑުއަހަން ތިބެން ޖެހޭނެ ކަމަކަށް ނުދެކެން،" ވިލުފުށި ދާއިރާގެ ރިޔާޒް ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ރަސްމީ ސްޓޭންޑެއް އެނގިވަޑައިނުގަންނަވާތީ އެ ޕާޓީގެ ފަރެސްމާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބު ވިދާޅުވީ މާދަމާގެ ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށެވެ.
"އަޅުގަނޑުމެން މަޖިލީހުގައި ތިބެފައި ދިމާވާ ކަމަކުން މާދަމާ ނުކުންނަން ޖެހުނަސް އަޅުގަނޑު ގަބޫލުކުރަނީ ޖަލްސާއަށް ދާންވާނެ ކަމަށް. އެތަނުގައި ތިބެގެން އަޅުގަނޑުމެންނަށް ޕޮއިންޓް އޮފް އޯޑަ ނެރެވޭނީ. ރައީސުލްޖުމްހޫރިއްޔާ ގާނޫނާ ހިލާފު ކަމެއް ކުރާ ކަމަށް ވަންޏާ މަޖިލީހުގައި ތިބެގެން އެކަމާ ދެކޮޅަށް އަޑު އުފުލޭނީ،" މުއްތަލިބު ވިދާޅުވި އެވެ.
ޑީއާރުޕީގެ ރަސްމީ ސްޓޭންޑެއް މިހާތަނަށް ނޭނގުނަސް ބެލެވޭ ގޮތުގައި އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ ފެކްޝަންގެ ގިނަ ބޭފުޅުން މާދަމާގެ ޖަލްސާ ބޮއިކަޓް ކުރައްވާނެ އެވެ.
ތަސްމީންގެ ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ށ. ފުނަދޫގައި މިއަދު ވާހަކަ ދައްކަވަމުން ވިދާޅުވީ މާދަމާގެ ޖަލްސާ އަށް އޭނާ ވަޑައިނުގަންނަވާނެ ކަމަށާއި އޭނާ ހުންނަވާނީ ފުނަދޫގެ ރައްޔިތުންނާ އެކު ފުނަދޫގައި ކަމަށެވެ. އަދި މާދަމާ ރައީސް ނަޝީދު ރިއާސީ ބަޔާން އިއްވަވާ ގަޑީގައި އެ ރަށުގައި "ރައްޔިތުންގެ ރިއާސީ ބަޔާން އިއްވުން އޮންނާނެ" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ