ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭގޮތަށް ގާނޫން އަަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަންޖެހޭކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ބޭރުގެ ފަރާތްތަކަށް ބިން މިލުކު ކުރެވޭގޮތަށް ގާނޫން އަސާސީއަށް ގެނެސްފައިވާ އިސްލާހަކީ ކޮންމެހެން ބާތިލު ކުރަން ޖެހޭ އިސްލާހެއްކަމަށެވެ.
މީގެ ކުރިންވެސް ރައީސް މައުމޫން ވަނީ ބޭރުގެ ފަރާތްތަކަށް ބިން މިލުކު ކުރެވޭގޮތަށް ގާނޫން އަސާސީއަށް ގެނެސްފައިވާ އިސްލާހާއި ދެކޮޅަށް ވާހަކަފުޅު ދައްކަވާފައެެވެ. އަދި އެ އިސްލާހު މަޖިލީހަށް ހުށައެޅުމުން އެ ބަދަލް ގާނޫން އަސާސީއަށް ނުގެނައުމަށް ރައީސް މައުމޫން ވަނީ ޕީޕީއެމްގެ ޕީޖީ ގުރޫޕްގައި އެދިވަޑައިގެފައެވެ. ނަމަވެސް ސަރުކާރަށް ތާއީދުކުރާ މެންބަރުން ވޯޓް ދެއްވައިގެން އެ ގާނޫން ވަނީ މަޖިލީހުން ފާސްކޮށްފައެވެ.
މި ގާނޫން މަޖިލީހުން ފާސްކުުރުމުން ބިލް ތަސްދީގުނުކުރެއްވުމަށްވެސް ރައީސް މައުމޫން ވަނީ ރައީސް ޔާމީން ކިބައިން އެދިވަޑައިގެންފައެެވެ.
ރާއްޖޭގެ ބިންތައް ބޭރު މީހުންނަށް މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުންވެސް ވަނީ ނިންމާފައެވެ.
އަދި އެ އިސްލާހު ހުށަހަޅަން ނިންމީ، ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހު ބަދަލުކޮށް ބޭރުގެ އެއްވެސް ފަރާތަކަށް ރާއްޖެއިން ބިންގަނެ މިލްކު ނުކުރެވޭނެ ގޮތް ހެދުމަށް ކަމަށްވެސް އެމްޑީޕީއިން ބުނެއެވެ.
ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބަދަލުކުރަން ހުށައަޅަން އެމްޑީޕީން ނިންމާފައިވާއިރު، 2015 ގައި އެ އިސްލާހު ފާސްކުރުމަށް އޭރު އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ވޯޓްދީފައެވެ.
ބޭރުގެ ފަރާތްތަކަށް ބިން މިލްކުކުރެވޭ ގާނޫން ބާތިލްކުރަންޖެހޭ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ