ރާއްޖެ ގާނޫނީ ހުސްކަމަކަށް ނުދިޔައީ ސުޕްރީމް ކޯޓުން ހައްލުތަކެއް ނެރެދެއްވުމުން - ޑރ. ޝައިނީ

ރާއްޖެއަށް އުނދަގޫ ގިނަ ދަނޑިވަޅުތަކެއް 2013 ވަނަ އަހަރު އައި ކަމަށާއި, ރާއްޖެ ގާނޫނީ ހުސްކަމަކަށް ނުދިޔައީ ސުޕްރީމް ކޯޓުން އެ ކޯޓުގެ ވާޖިބުތައް ފުރިހަމައަށް އަދާކޮށް، ހައްލުތަކެއް ނެރެދެއްވުމުން ކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެ އެވެ.
ޓީވީއެމްގެ ރޭގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޝައިނީ ވިދާޅުވީ، ރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗަކީ ސަރަހައްދީ ގޮތުން ފާހަގަކޮށްލެވޭ ވަރުގެ ގާބިލު، ތަޖުރިބާކާރު ފަނޑިޔާރުންތަކެއްގެ މައްޗަށް އެކުލެވޭ ބެންޗެއް ކަމަށް ގިނަ ބަޔަކު ބުނާ ކަމަށެވެ.
ރާއްޖޭގެ ޖުޑީޝަލް ސިސްޓަމްގައި މައްސަލަތަކެއް ހުރި ކަމަށް ގިނަ ބަޔަކު ބުނި ނަމަވެސް, ރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗަކީ ސަރަހައްދީ ގޮތުން ފާހަގަކޮށްލެވޭ ގާބިލު، ތަޖުރިބާކާރު ބެންޗެއް ކަމަށް އެފަރާތްތަކުން ގަބޫލުކުރާ ކަމަށް ޝައިނީ ވިދާޅުވި އެވެ. އަދި ކިޔަވައިގެން ތިބި މީހުން އިތުރު ކުރުމަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭ ކަމަށް އެ މީހުން ބުނާ ކަމަށް ޝައިނީ ވިދާޅުވި އެވެ.
ޖުޑީޝަރީގައި ގިނަ ކަންކަން ރަނގަޅުކުރަން ސަރުކާރުން ވެސް ބޭނުންވާ ކަމަށް ވިދާޅުވެ, ޝައިނީ ވިދާޅުވީ އެންމެ ދަށު ކޯޓުތަކުގައި ޑިގްރީ ހައްދަވައިގެން ތިބި ފަނޑިޔާރުން ނެތް ނަމަވެސް، މައްސަލަ ނިމޭ މަރުހަލާތައް ކަމުގައިވާ، ހައި ކޯޓާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އެކަމަށް ގާބިލު، އަދި ރާއްޖޭގެ ކަންކަމުގައި ދިވެހީންނަށް އެކި ކަހަލަ ހައްލުތައް ނެރެދެއްވާފައިވާ ބޭފުޅުން ކަމަށެވެ.
މިނިސްޓަރ ޝައިނީ ވިދާޅުވީ، 2008 ވަނަ އަހަރު އާ ގާނޫނު އަސާސީއެއް ތަންފީޒު ކުރިތާ މަސް ދުވަސް ވެސް ނުވަނީސް ކުރިމަތިލި ރިޔާސީ އިންތިޚާބުގައި ކާމިޔާބުވި ފަރާތްތަކަށް ގާނޫނު އަސާސީން މަތިކުރި މަސްއޫލިއްޔަތުތައް ފުރިހަމަ ނުކުރާ ކަމަށެވެ. މަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވެރިކަމަށް އައިސް، މައްސަލަތައް ހައްލުކުރުމަށް ގިނަ ކަންކަން ކުރައްވާފައިވާ ކަމަށް ޝައިނީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ